އަބްދުﷲ ނާޒިމް އިބްރާހިމް

އަންނަ އަހަރު ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައިދޭން ފަށަނީ

  • ފުރަތަމަ ބެޗުގައި މަދުވެގެން 50 ކުދިންނަށް
  • ރޭވުމުގެ ހުރިހާ ކަމެއް މި އަހަރު ނިންމާލާނެ
  • މެޑިކަލް ކޮލެޖް ގާއިމް ކުރަން ދަނީ މަސައްކަތް ކުރަމުން

މި އަންނަ އަހަރު ކުރީކޮޅު ރާއްޖޭގައި ޑޮކްޓަރުކަން (އެމްބީބީއެސް) ކިޔަވައިދޭން ފަށަން ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އެކަމަށް ބޭނުންވާ ކަރިކިއުލަމާއި ކޯހުގެ ސްޓްރަކްޗާ އާއި ކުދިން ނަގާނެ މިންވަރާއި ފީ ކަނޑައަޅައި ނިންމާނެ ކަމަށެވެ. އެންމެ އެމްބީބީއެސްގެ ފުރަތަމަ ބެޗުގައި އެންމެ މަދުވެގެން 50 ކުދިންނަށް ފުރުސަތު ލިބޭނެ ކަމަށެވެ.

ރާއްޖޭގައި މެޑިކަލް ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވަނީ ގައުމީ ޔުނިވާސިޓީގެ ޕްރޮގްރާމެއްގެ ގޮތުގަ އެވެ. އަދި އަންނަ އަހަރު ކޯސް ފަށާނީ ގައުމީ ޔުނިވާސިޓީގައި މިހާރު ބޭނުންކުރަމުންދާ އިމާރާތާއި ލެބޯޓަރީ ބޭނުން ކޮށްގެންނެވެ. މިނިސްޓަރު ވިދާޅުވީ މެޑިކަލް ކޮލެޖެއް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

އެމްބީބީއެސް ރާއްޖޭގައި ފެށުމަށް ޕާކިސްތާނުން ވަނީ ފަސް މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފަ އެވެ. އެ ފައިސާއިން ކޯސް ފަށައިގަތުމަށް ބޭނުންވާ ލެބޯޓްރީތަކާއި ޓެކްނިކަލް ސާމާނު ހޯދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މެޑިކަލް ކޮލެޖް ގާއިމްކުރުމަށް ޕާކިސްތާނުން އަންނަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އެގޮތުން އެމްބީބީއެސް ކިޔަވައިދޭން ފެށުމަށް ބޭނުންވާ ފީޒިބިލިޓީ ރިޕޯޓުން ފެށިގެން ޓެކްނިކަލް އެހީތެރިކަން އެގައުމުން ފޯރުކޮށްދޭނެ އެވެ.

ގައުމީ ޔުނިވާސިޓީ އިން އެމްބީބީއެސް ހަދާ ކުދިންނަށް އިންޓާންޝިޕްގެ ފުރުސަތު އައިޖީއެމް ހޮސްޕިޓަލުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަންނަ އަހަރު އައިޖީއެމްއެޗްގައި އިންޓާންޝިޕް ފަށާނެ، އޭރަށް ބޭރުގެ ޔުނިވާސިޓީތަކުން ތިއަރީ ބައި ނިންމާފައި އިންޓާންޝިޕް ހަދަން ފުރުސަތު ނުލިބި ހުރި ކުދިންނަށްވެސް ފުރުސަތު ލިބޭނެ، އަދި ފަސް އަހަރުގެ ތިއަރީ ނިންމާފައި ޔުނިވާސިޓީގެ ދަރިވަރުން އައިޖީއެމްއެޗަށް އިންޓާންޝިޕަށް ދާއިރު އެތަން އޮންނާނީ އެންމެ ފުރިހަމައަށް ތައްޔާރުވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީގެ އަމިއްލަ ޕްރޮގްރާމެއްގެ ގޮތުގައި އެމްބީބީއެސް ހިންގި ނަމަވެސް އެ ޔުނިވާސިޓީން ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ބޭރުގެ ޔުނިވާސިޓީތަކަށް ސްޕެޝަލައިޒްވާން ފުރުސަތު ލިބޭނެ ފެންވަރު އެ ޕްރޮގްރާމްގައި ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕްރޮގްރާމަކީ ޕާކިސްތާނާއި، ކައިރި ގައުމުތަކުން އެންޝުއަ ކުރާނެ ޕްރޮގްރާމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ 200 އަށްވުރެ ގިނަ ދަރިވަރުން މިހާރުވެސް ރާއްޖެއިން ބޭރުގައި އަންނަނީ ޑޮކްޓަރުކަން ކިޔަވަމުންނެވެ.