ލައިފްސްޓައިލް

އަނާގެ އަގު ބޮޑު ހެދުމުގެ އަގަކީ 45 ރުފިޔާ!

ޕާޓީއަކަށް، ހާއްސަ ހަފްލާއަކަށް ނުވަތަ ރަސްމިއްޔާތަކަށް ދާނަމަ، އެ ރަސްމިއްޔާތަށް ހާއްސަކޮށް ރީތި ހެދުމެއް ލުމަކީ ކޮންމެހެންވެސް ކުރަން މަޖުބޫރު ކަމެކެވެ. އެންމެ މަދުވެގެން ދެހާހެއްހާ ރުފިޔާ ހަރަދުކޮށްލައިގެން ނޫނީ ހިތްހަމަޖެހޭ ވަރުގެ ހެދުމެއް ތައްޔާރު ކުރެވުނު ކަމަކަށް ނުވާނެ އެވެ. ދެހާހެއްހާ ރުފިޔާ އެއީ ފޮއްޗާއި ފެހުމާއި، ގަހަނާ އާއި ފައިވާނާ ބޮލުގައި ޖަހާ ދައްޗާ މި ހުރިހާ ސާމާނެކެވެ. ކިތަންމެ ބޮޑު ހަރަދެއް ދިޔަސް އެ ހަފުލާއެއްގައި ހުރި އެންމެ ރީތި އަދި ތަފާތު ހެދުމަށް އެ ހެދުން ވެއްޖެނަމަ އުފަލުގެ ކޮޅެއް ނެތެވެ.

މި ވަރަށް ހަރަދުކޮށްލައިގެން ތައްޔާރު ކުރި ހެދުމަކީ އެންމެ ފަހަރަކު ބޭނުންކުރަން ފެހި ހެދުމެކެވެ. އޭގެ ފަހުން އެ ހެދުމެއް ނުލާނެ އެވެ. އެ ހެދުން ހެޔޮވަރުވާނީ އަލާމާރިއަށެވެ. ގިނަ ފަހަރަށް އަލަމާރީގެ އެއްކަން ހުސްކޮށް އެ ހެދުންތަކަށް ޖާގަ ދެނީ އެވެ. ނުވަތަ ކޮންމެވެސް ރައްޓެއްސެއް ނުވަތަ އާއިލާގެ މީހަކަށް ދެނީ އެވެ. އެންމެ ފަހަރަކު ލާން އެހާ އަގުބޮޑުކޮށް ހެދުމެއް ފެހުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ. ހެޔޮ އަގެއްގައި ވެސް ތަފާތު ހެދުމެއް ފެހި ދާނެ އެވެ.

އޭގެ އެއް މިސާލަކީ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ އެވޯޑް ހަފްލާއިން ފެނިގެން ދިޔަ ހެދުމެކެވެ. އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓަކަށް ހޮވުނު ވީޓީވީގެ އާމިނަތު އަމީނާ (އަނާ) ގެ ހެދުމެވެ. އަމީނާގެ އެ ހެދުމަކީ ހަނޑޫ ހުސްކުރި ތިން ސުތުލި ގޯންޏެވެ. އަނާގެ އަމިއްލަ ޑިޒައިނަކަށް އެ ހެދުން ފަހައިދިނީ ރައްޓެއްސެކެވެ. އިތުރަށް ހެދުން ޒީނަތްތެރިކުރީ ވެސް އަނާ އެވެ. އަނާގެ މި ހެދުން ރޭ ވަނީ ނޫސްވެރިންގެ ސަމާލުކަން ހޯދާފަ އެވެ.

އެ ހެދުމުގެ އަގު އަންދާޒާކޮށްލާ ބަލާށެވެ. އެއީ ހީކުރާ ވަރަށްވުރެ މާ ބޮޑަށްވެސް އަގު ހެޔޮ އަދި ހީކުރާވަރަށް ވުރެ މާ ރީތި ހެދުމެކެވެ. ރޭގެ ރަސްމިއްޔާތުގައި އަނާ ލައިގެން ހުރި ހެދުމުގެ އަގަކީ 45 ރ. އެވެ. އެއީ ހެދުން ފަހަން ގަން ހަތަރު ގޯންޏާއި ހެދުމުގެ ކަރު ޑިޒައިންކޮށްލަން ގަން ނަރު ދައްޗަށެވެ. އެންމެ ތިން ގަޑިއިރުގެ ތެރޭގައި ހެދުން ފެހުމަށްވުރެ އުނދަގޫ ކަމަކަށް އޭނާއަށްވީ ގޯނި ހޯދުމެވެ. އަނާއަށް ގޯނި ލިބުނީ މުޅި ބާޒާރު މަތީގައި ހިނގި ފަހުންނެވެ.

"އަބަދުވެސް ބޭނުންވަނީ ޔުނީކް ހެދުމެއް ލާން، ދެން އެހެންވެ މި އިވެންޓަށް ރީތި ހެދުމެއް ހޯދަމުން ދަނިކޮށް ފެނުނީ ގޯންޏަކުން ކުޑަކުޑަ އެއްޗެއް ހަދާފައި އިންދަ، އެތަނުން އައިޑިއާ އައިސްގެން ހިތަށް އެރީ ޓްރައިކޮށްލާނީ އޭ، ދެން ބާޒާރު މައްޗަށް ދިޔައީ، ވަރަށް އުނދަގުލުން ލިބުނީ، ބޭނުންކޮށްފައި ހުރި ގޯނި ވިއްކީ 12 ރުފިޔާއަށް،" ގޯނިން ހެދުން ފަހަން ހިޔާލު އައި ގޮތް އަވަސް އަށް ކިޔައިދެމުން އަނާ ބުންޏެވެ.

ކޯޓަކާއި ސްކާޓެއް ހިމަނައިގެން ފަހާފައި އިން އެ ހެދުމުގެ ކަރުވަޅު ނަރުދަތިން ޑިޒައިން ކުރީ އަނާ އެވެ. ކޯޓާއެކު ބެލްޓެއް ބަނޑަށްވުރެ މަތިން ބޭނުންކުރި އިރު ބޮލުގެ އިސްތަށިގަނޑު އައްސަންވެސް އަނާ ބޭނުންކުރީ ގޯނީގައި ހުންނަ ސުތުއްޔެވެ. އަތުގައި އަޅާފައި ހުރީ ނާށިން ތައްޔާރުކޮށްފައި އޮތް ދެ ތަނޑިގަނޑެވެ. ނަލައެއް ނޫން ހެއްޔެވެ؟ އަނާގެ އެރީތި ހެދުން އެންމެނަށް ދައްކާލެވުނީ ޝިފާ އަދި ނާސިހާގެ އެހީތެރިކަމާއެކު އެވެ. އެހެންވީމަ ހުރިހާ ޝުކުރެއް އަނާގެ އެ ގާތް ދެ ރަހުމަތްތެރިންނަށެވެ.

"ކުޑަ ހަރަދަކުން ރީތި ހެދުމެއް ފެހުމުގެ އިތުރުން އަޅުގަނޑު ބޭނުންވީ ތިމާވެށީގެ ވާހަކައެއް އަޅުގަނޑު ހެދުމުން ބުނެދޭން، އަޅުގަނޑަށް ހީވަނީ އެކަން ކޮށްދެވުނުހެން،" އަނާ ބުންޏެވެ.

ކުޑަ ހަރަދެއް ކޮށްގެންވެސް ރީތި ތަފާތެއް ހެދުމެއް ދައްކާލެވިދާނެކަން އަނާ މިއޮތީ ސާބިތުކޮށްދީފަ އެވެ. އެހެންވީމަ މާލޭގައި ހުރި ހުރިހާ ފޮތި ފިހާރަތަކަށް ހިނގާ ބޮޑު އަގުގައި ހެދުމެް ނުފެހިއަސް ރީތި ހެދުމެއް ލެވިދާނެ އެވެ.

އަނާއަށް ރޭ ދެ އުފާ ލިބުނެވެ. އޭނާ އުންމީދު ކުރި ގޮތަށް ރީތި ހެދުމެއް ސުތުލި ގޯނިން ފަހައި ގަޔަށް ހެޔޮވަރުކޮށްލެވުނެވެ. އޭނާ އުންމީދު ކުރި އެވޯޑް އޭނާއަށް ރޭ ހާސިލްވި އެވެ.