ހަބަރު

އެވޯޑު ރިލްވާނަށް ހަދިޔާކޮށް މޫސަ ނަމޫނާ ދައްކައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިންގެ އެވޯޑްގައި އެންމެ އުންމީދީ ނޫސްވެރިއަކަށް ހޮވުނު އަވަސް އޮންލައިންގެ ނޫސްވެރިޔާ މޫސާ ރަޝީދު އޭނާއަށް އެ އެވޯޑް ލިބުނު ވަގުތު ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާނަށް ހަދިޔާކޮށްފި އެވެ.

އެވޯޑް ރިލްވާނަށް ހަދިޔާ ކުރަން ބޭނުންވާ ކަން މޫސަ އިއުލާން ކުރީ އޭނާއަށް އެވޯޑް ދިނުމަށްފަހު ޝުއޫރުފާޅު ކުރުމަށް ދިން ފުރުސަތުގަ އެވެ.

އަވަސްގެ ޒުވާން ނޫސްވެރިޔާ ބުނީ އޭނާގެ އެވޯޑް ރިލްވާނަށް ހަދިޔާ ކުރަން ބޭނުންވީ ދުނިޔޭގެ ގައުމުތަކުގައި ކޮންމެ ދުވަހަކު ނޫސްވެރިން މަރަމުން ދިއުމާއި ނޫސްވެރިން ގެއްލުން ފަދަ ކަންކަން ހިނގަމުން ދަނިކޮށް އެފަދަ ގޮތަކަށް ރާއްޖޭގެ އެ ނޫސްވެރިޔާ ގެއްލި އެއީ މުޅި ގައުމު ސިއްސައިގެން ދިޔަ ހާދިސާއަކަށްވުމުންނާއި އެއީ ރާއްޖޭގެ ނޫސްވެރި ކަމަށާއި ނޫސްވެރިންނަށާއި މުޅި ރާއްޖެއަށް ލިބުނު ދެރަކަށް ވެފައިވާތީ އެ ހިތާމާގައި ބައިވެރިވާން ބޭނުންވެގެން ކަމަށެވެ.

"އަޅުގަނޑަކީ ނޫސްވެރި ކަމުގެ ދާއިރާއަށް ވަރަށް ހަގު، މިކަމުގެ ތެރެއަށް ވަދެވުނު އިރުވެސް ރިލްވާން ވަނީ ގެއްލީފައި، އެހެންވީމާ މިވީ މުއްދަތުގައި އަޅުގަނޑަށް ލިބުނު ކަމިޔާބީ ގެއްލިފައިވާ ނޫސްވެރިޔާއަށް ހަދިޔާ ކުރުމަކީ އަޅުގަނޑަށް ލިބޭނެ އިނާމެއް ގޮތުގައި ދުށީ، އެހެންވެ އެ ފުރުސަތުގެ ބޭނުން ކުރީ،" މޫސަ ބުންޏެވެ.

ސިޔާސީ ދާއިރާ އާއި އިޖުތިމާއީ ދާއިރާގައި ވިދާލާފައިވާ ޒުވާން ނޫސްވެރިޔާ ބުނީ 2014 ވަނަ އަހަރު ރިލްވާން ގެއްލުމަކީ ނޫސްވެރިކަމަށް ލިބުނު ގެއްލުމަކަށް ވާއިރު އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އުފުލަން ޖެހޭ އަޑު އުފުލުމުގައި އޭނާ ދެމި ހުންނާނެ ކަމަށެވެ. އަދި އޭނާ ގެއްލުނުތާ ތިން އަހަރު ވެގެން ދިޔައިރު އިންސާފެއް ނުލިބުމުން އެންމެންގެ އޮތް ކަންބޮޑުވުން އޭނާގެ ވެސް އޮތް ކަމަަށެވެ.

"އަޅުގަނޑުވެސް މިއީ އެކަމާ ހިތާމަ ކުރާ މީހެއް، އަޅުގަނޑުވެސް މިއީ ނޫސްވެރިޔެއް، އަޅުގަނޑަށް ލިބުނު އެންމެ އުންމީދީ ނޫސްވެެރިޔާގެ އެވޯޑު ރިލްވާނަށް މާ ހައްގު، މިއަދު އަޅުގަނޑު ރިލްވާންގެ މަންމައާ ބައްޕައާ ބައްދަލު ކުރާނަން،" މޫސަ ބުންޏެވެ.

މޫސައަށް އެވޯޑް ލިބުނު އިރު ގިނަ އަދަދެއްގެ އިނާމްތަކާއެކު އޭނާ ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލް ކުރުމަށް އިސްލާމިކް ޔުނިވާސިޓީން ވަނީ ސްކޮލާޝިޕެއް ހަދިޔާކޮށްފަ އެވެ.

މިދިއަ އަހަރުގެ އެންމެ މޮޅު ފޮޓޯގްރާފަރަކަށް ހޮވުނީ ސަން އޮންލައިންގެ ފަޔާޒު މޫސާ އެވެ. އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓަކަށް ހޮވުނީ ވީޓީވީގެ އާމިނަތު އަމީނާ (އަނާ) އެވެ. އިޖުތިމާއީ ދާއިރާއިން އެވޯޑް ލިބުނީ މިހާރުގެ އާސިޔަތު މުހައްމަދު ސައީދަށެވެ.

ވިޔަފާރިއާ އިގްތިސޯދުގެ ދާއިރާއިން އެވޯޑް ހޯދީ ސަން އޮންލައިންގެ އިބްރާހިމް މާހިލް މުހައްމަދެވެ. ކޯޓް ރިޕޯޓިން، ޝަރުއީ އަދި ގާނޫނީ ދާއިރާއިން އެވޯޑު ލިބުނީ މިހާރު ނޫހުގެ މުއިއްޒު އިބްރާހިމެވެ. އޭނާ ވާދަ ކުރެއްވީ އަވަސް އޮންލައިންގެ ނާޒިމް ހަސަން އެވެ. ކުޅިވަރުގެ ދާއިރާއިން އެވޯޑް ލިބުނީ މިހާރު ނޫހުގެ އައްޒާމް އަލިފުޅަށެވެ.

ސިޔާސީ ދާއިރާއިން މިދިއަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވިފައި ވަނީ އަލީ ނާފިޒެވެ. އޭނާ އާ ވާދަ ކުރީ އަވަސް ގެ މޫސާ ރަޝީދާއި އަވަސްގެ ނާޒިމް ހަސަނެވެ. މި އަހަރު އަލަށް ތައާރަފުކުރި އެންމެ މޮޅު ފީޗާގެ އެވޯޑް ލިބުނީ އަވަސް އޮންލައިން ކުރީގެ އެޑިޓަރު އަދި މިވަގުތު "މިހާރު" ނޫހުގައި މަސައްކަތް ކުރާ ނިއުމަތުﷲ އިދުރީސް އެވެ.

ރޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވީ ކުރީގެ ނޫސްވެރިޔާ އަދި ކުރީގެ ވަޒީރު ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އައްބާސް އިބްރާހިމަށެވެ. އޭނާއަކީ މަޝްހޫރު ނޫސް އާފަތިހުގެ މަސްއޫލުވެރިޔާ އެވެ.