ކޮމިޝަން އޮން ސްޓޭޓް އެސެޓް ރިކަވަރީ

ދައުލަތަށް ގެއްލިފައިވާ ފައިސާގެ އަދަދު 13 ބިލިއަނަށް އަރާ

ކޮރަޕްޝަންގެ އެކި މައްސަލަތަކާ ގުޅިގެން ދައުލަތަށް ގެއްލިފައިވާ ފައިސާގެ އަދަދު 13.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެސެޓްސް ރިކަވަރީ ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި އޮތް އެ ކޮމިޝަންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ހިނގާފައިވާ ކޮރަޕްޝަންތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ވަރަށް ބޮޑު ކަމަށާއި އޭގެ ތެރޭގައި ގިނައީ މުއައްސަސާތަކުން އަދިވެސް ބަލާ ނުނިމޭ މައްސަލަތައް ކަމަށެވެ.

އެގޮތުން މުއައްސަސާތަކުން ބަލަމުންދާ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު 12.6 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، އެއީ ފަސް މިލިއަނަށްވުރެ މަތީގެ ފައިސާތައް ހިމެނޭ އެކި މައްސަލަތަކުގެ ޖުމްލަ ފައިސާގެ އަދަދު ކަމަށެވެ. މިހާރު ބޮޑަށް އިސްކަމެއް ދެނީ ފަސް މިލިއަނަށްވުރެ މަތީގެ މައްސަލަތަކުގެ ފައިސާ ހޯދުން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ހާމަކުރެއްވި ތަފާސް ހިސާބުތަކަށް ބަލާއިރު، ފިނޭންސް މިނިސްޓްރީއިން ބަލަމުންދާ މައްސަލަތަކުގެ ޖުމްލަ އަދަދު 281.5 މިލިއަނަށް އަރާ ކަމަށެވެ. އެޓާނީ އޮފީހުން ބަލާ މައްސަލަތައް 49.6 މިލިއަނަށް އަރާ ކަމަށެވެ.

އެ ފައިސާތައް އެއީ ލިބެންޖެހޭ ފައިސާތަކެއް ކަން އެނގޭނީ އެ މައްސަލަތައް ބަލައި، ކޯޓުން ގޮތެއް ނިންމީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކި ސަބަބުތަކާހުރެ ނުނިމި ހުރި މައްސަލަތައް ވަރަށް ގިނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ މައްސަލަތައް އަވަސްކޮށް، ދައުލަތަށް ލިބެންޖެހޭ ފައިސާތައް ހޯދުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުންދާނެ ކަމަށެވެ. އެ ކޮމިޝަނުގެ މަގުސަދަކީ އެއީ ކަމަށާއި މަގުސަދު ހާސިލުވަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ކުރީ ސަރުކާރުތަކުގައި ނުބަލައި ޕާކްކޮށްފައި ހުރި މައްސަލަތައް ވެސް ބަލަމުންދާ ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވި އެވެ. އެ މައްސަލަތކުގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅައި ފައިސާތައް ހޯދާނެ ކަމަށެވެ. އަދި މައްސަލަތައް ނުބަލައި ޕާކްކޮށްފައި ހުރި ސަބަބުތައް ވެސް ހޯދަމުންދާ ކަމަށް ވިދާޅުވި އެވެ.

އެސެޓްސް ރިކަވަރީ ކޮމިޝަނުގެ މަގުސަދަކީ މީގެ ކުރުން އޮޑިޓާ ޖެނެރަލް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފާހަގަކޮށްފައިވާ ހިޔާނާތްތަކުގައި ހިމެނޭ ފައިސާ މި ކޮމިޝަނުން އަނބުރާ ހޯދުމެވެ.