ރިޕޯޓް

މި މަންމަގެ ހިތްވަރަކީ "ނޫސްވެރިން"

"ދައްތަ އެންމެ ލޯބި ވަނީ ނޫސްވެރި ކުދިން ދެކެ، ތިޔައީ ހަމަ ދައްތަގެ ދަރިން، ވަރަށް ވަރަށް އުފާވޭ ނޫސްވެރިން އަބަދުވެސް ކައިރީގަ ތިބޭތީ،" އަވަސްގެ ނޫސްވެރިން ވަށާލުމަށްފަހު ގެއްލުވާލާފައިވާ ނޫސްވެރިޔާގެ އަހުމަދު ރިލްވާންގެ މަންމަ، އާމިނަތު އީސާ ބުންޏެވެ.

އަވަސްގެ ނޫސްވެރިން ރިލްވާންގެ މަންމަ ގާތަށް ޒިޔާރަތްކުރީ އަވަސްގެ މޫސާ ރަޝީދަށް ލިބުނު އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ރިލްވާނަށް ހަދިޔާކުރުމަށެވެ. އަވަސް ވުޖޫދަށް އައިއިރު ވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާ ރިލްވާންގެ މަންމައަށް ހިތްވަރުދީ އެ އާއިލާގެ ހިތާމާގައި ބައިވެރިވުމުގެ ގޮތުން މޫސަ، އޭނާއަށް ލިބުނު އެވޯޑް ވަނީ ރިލްވާންގެ މަންމައާ ހަދިޔާކޮށްފަ އެވެ. އެ އެވޯޑާއެކު ރިލްވާންގެ މަންމައަށް އާ ހިތްވަރެއް ލިބުނުފަދަ އެވެ. އެއީ އެ މަންމައަށް ބޮޑު ހަދިޔާއެކެވެ.

ރިލްވާން ގެއްލުނުތާ އަހަރުތަކެއްވެފައިވާއިރު ރިލްވާންގެ މަންމަ، އަބަދުވެސް ފެންނަނީ ހުއްޓުމެއް ނެތި ރިލްވާންނަށް އިންސާފު ހޯދުމަށް ކޮޅުކޮޅަށް ދުވާ މަންޒަރެވެ. އެ މަންޒަރު އަބަދުވެސް ފެނި، އެކަމުގައި އެކި ސިފަސިފައިގައި އަވަސްގެ ނޫސްވެރިން މީގެކުރިން ވެސް ބައިވެރިވެފައިވާއިރު، އިއްޔެ ރިލްވާންގެ މަންމައާއެކު އަވަސްގެ ނޫސްވެރިން ހޭދަކުރި ވަގުތަކީ ހިތުގައި ބިންވަޅު ކެނޑި، ދުވަހަކު ވެސް ހަނދާނުން ފިލާނެ ވަގުތުކޮޅެއް ނޫނެވެ.

ރިލްވާންގެ ކޮންމެ ގަމީހެއް، ސްޓާކީނެއް، ޓައީއެއް ރިލްވާންގެ މަންމަ ގެންގުޅެނީ ފޮރުވައިގެން އެވެ. އެއްވެސް އެއްޗެއް އެއްލައެއް ނުލަ އެވެ. ރީއްޗަށް ފޮރުވާފައި ވަނީ ބަހައްޓާފަ އެވެ. ރިލްވާނަށްޓަކައި ބޭއްވި ކޮންމެ ހަރަކާތެއްގައި އެ މަންމަ ބޭނުންކުރި ހުރިހާ ޓީޝާޓްތަކެއް ވެސް ވަނީ ރައްކާކޮށްފަ އެވެ. އެ ހުރިހާ އެއްޗެއް ނޫސްވެރިންނަށް އެ މަންމަގެ ބަހުންނަމަ ނޫސްވެރި ކުދިންނަށް ދައްކާލި އެވެ. ރިލްވާންގެ ފޮތް އަލަމާރީ އާއި ސްކޫލް ދުވަސްވަރު ލިބިފައި ހުރި ޓްރޮފީތައް ދައްކާލީ، ދަރިފުޅު މަތިން ހަނދާންކުރާ ހާލުގަ އެވެ. އެ މަންމަގެ ބޭނުމަކަށްވީ ދަރިފުޅުގެ ހަނދާންތައް ނޫސްވެރިންތަކަކަށް ދައްކާލުމެވެ. އެ އަލަމާރިއަށް މޫސަގެ އެވޯޑް ވެސް ލި އެވެ.

މޫސައަށް ޝުކުރުއަދާކޮށް، ފަހަރަކު ނޫސްވެރިއެއްގެ އަތުގައި ހިފާ ރިލްވާންގެ މަންމަ ވަނީ ހިތްވަރު ދީފަ އެވެ. އޮޅުލައިގަނެފައި ބުނަނީ ނޫސްވެރިކަން ހުއްޓާނުލުމަށެވެ. ކެރިގެން ބާރަށް ކުރިއަށް ދިޔުމަށެވެ. އަމިއްލަ ދަރިފުޅަށް ނޫސްވެރިކަމުގެ ދެރަ ގޮތެއް ދިމާވެފައިވީ ނަމަވެސް ނޫސްވެރިންނަށް އެ މަންމަ ދިނީ ހިތްވަރެވެ.

"މިތިބަ ޅަ ކުދިންތަކެއް ހަމަ، ދުނިޔޭގަ އުޅެން ތިބި ޅަ ކުދިން ހަމަ، މި ކުދިންނަށް ބިރުވެރިކަމެއް އޮވެގެން ނުވާނެ، މަސައްކަތުގައި ކުރިއަށްދޭ، ދެރަ ނުވާށޭ ދައްތަ ބުނާނީ، ދައްތަގެ ދަރިއަށް މިކަމުގައި އުޅެނިކޮށް ދެރަވެގެން ދިޔަ ނަމަވެސް ދައްތަ މި ބުނަނީ ތިޔަ ކުދިން މިކަމުގައި ކުރިއަށް ދާށޭ، މިއީ ދައްތަގެ އެދުމަކީ، ދައްތަ ނޭދެން ތިޔައިން އެއްވެސް ދަރިއަކަށް ދެރަ ގޮތެއްވާކަށް، ނޫސްވެރި ކުދިންނަށް ދެރައެއްވާކަށް ދުވަހަކު ވެސް ނޭދެން،"

ރިލްވާންގެ ފޮނި ހަނދާންތައް އާވާ ކޮންމެ ފަހަރަކު ރިލްވާންގެ މަންމަގެ ލޮލުން ހިތާމައިގެ ކަރުނަ އޮހިގެންދެ އެވެ. އެ މަންމައަށް ކުރާ އަސަރުތައް ފެނި، އަވަސްގެ ޒުވާން ނޫސްވެރިންނަށް އެތައް އަސަރެއްކޮށް، އެ ވަގުތުކޮޅު ހިތާމައިގެ ވަގުތުކޮޅަކަށް ބަދަލުވި އެވެ. އެ މަންމަގެ ލޮލުން ކަރުނަ އައި ނަމަވެސް ހިތްވަރު ގަދަ އެވެ. އަޒުމް ވަރުގަދަ އެވެ. އަދިވެސް އުއްމީދު ކުރަނީ ރިލްވާން ހެޔޮ ސަލާމަތުގައި ގެއަށް އެނބުރި އަންނާނެ ދުވަހަކަށެވެ.

"ދައްތަގެ އުއްމީދަކީ ދަރިފުޅު އަނބުރާ އަންނާނެ ދުވަހެއް، އުއްމީދުކުރަން އެ ދުވަހަކަށް، ދައްތައަށް ގަބޫލުކުރެވެނީ އޭނާ ދުނިޔޭގައި އެބަހުރި ކަމަށް، ދައްތަ އުއްމީދު ގެއްލުވައެއް ނުލާނަން،"

"ދައްތަ މިއަދު ކިހާ ދެރައެއް ވާނެ، ދައްތަ އުފަލުގައި އުޅެންވީ ދުވަސް މިއީ، ހުރިހާ ކުދިން ބޮޑެތިވެފަ، އޭނާއަށް ވީގޮތެއް އެނގުނީމަ ދޯ ދެން އެނގޭނީ ވެސް ދެން ކަންތައް ކުރާނެ ގޮތެއް، މި ބުނަނީ އޭނާއަށްވީ ގޮތެއް ބުނާށޭ، ދޮގު ނަހަދާށޭ، މިއޮތް މަސައްކަތުން ކިޔަވައިދީ އަމިއްލަ މަސައްކަތް ކުރަނިކޮށް ކީއްކުރަން ގެއްލުވާލަންވީ،"

ރިލްވާންގެ ހަނދާންތައް އާވި ނަމަވެސް އެ މަންމަގެ މޫނު މައްޗަށް ހިނިތުންވުން އަންނަ އޮތީ އެންމެ ކަމެކެވެ. ކޮންމެ ކަމެއްގައި ވެސް ކޮންމެ ހާލަތެއްގައި ވެސް ނޫސްވެރިން އެ މަންމަ ގާތުގައި ތިބޭ ތިބުމެވެ. އަވަސްގެ ނޫސްވެރިޔާ މޫސާ ރަޝީދަށް ލިބުނު އެވޯޑް ހަދިޔާކުރުމުން ވަރަށް އުފާވެ ބުނާ އެއްޗެއް ނޭނގިފައިވާކަން ފާހަގަކުރަމުން ރިލްވާންގެ މަންމަ ވަނީ އަވަސްގެ ޒުވާން ޓީމަށް މަރުހަބާ ކިޔާފަ އެވެ.

"ހާދަ ޒުވާން ޓީމެކޭ މިއީ، އެންމެ މުސްކުޅިއެއް ވެސް ނެތް، ދައްތަ ވަރަށް ކިޔަން އަވަސް ނޫސް، އަވަސްވީމަ، ތިޔަ ކުދިން އެއްވެސް މީހަކު ދެކެ ބިރު ގަންނާނެ ކަމެއް ނެތް، ބިރު ގަންނަންޖެހޭނީ ހެއްދެވި ފަރާތް ދެކެ އެކަނި، ނޫސްވެރިކަމުގައި ކުރިއަށްދޭ،" އަވަސްގެ ނޫސްވެރިންނަށް އެ މަންމަ ދިން ނަސޭހަތަކީ މިއީ އެވެ.

ރިލްވާންގެ މަންމަ ބުނީ، ނޫސްވެރިޔަކަށް ކަމެއްވެއްޖެނަމަ ވަރަށް ދެރަވާ ކަމަށެވެ. ދުނިޔެއިން މޮޔަވާހާ ދެރަވާ ކަމަށެވެ. ނޫސްވެރިން ދައްކާ ހިތްވަރުން އެ މަންމަ ވެސް ހިތްވަރު ނެރޭ ކަމަށް ބުންޏެވެ.

ރިލްވާންގެ މަންމައާއެކު އަވަސްގެ ނޫސްވެރިން ހޭދަކުރި ކުޑަ ވަގުތުކޮޅު ނިންމާލީ ނޫސްވެރިކަމުގައި ކުރިއަށް ދިޔުމަށް އާ އަޒުމުތަކެއް އާކޮށްގެންނެވެ. އާ ހިތްވަރެއް ލިބިގެންނެވެ. ރިލްވާނަށް އިންސާފު ލިބޭނެ ކަމަށް ދުއާކުރާ ހާލުގަ އެވެ. އެ މަންމަގެ ފިރުމުންތަކުން ލިބޭ ހިތްވަރަކީ ބުނެދޭން އުނދަގޫ އިހުސާސެކެވެ. އެ މަންމަ އެ އުފުލާ ވޭން ފެނި، ނޫސްވެރިކަމުގެ ޖޯޝު ހިތުގައި ގަދަވެގެންދެ އެވެ. އެއީ ހަމައެކަނި ރިލްވާންގެ މަންމަ ނޫން ކަމާއި އެއީ ހުރިހާ ނޫސްވެރިންގެ ވެސް މަންމައެއް ކަމަށް ދެކެވެނީ އެހެންވެ އެވެ.

އަވަސްގެ ނޫސްވެރިންނަށް އަލްވަދާއު ކިޔަމުން ރިލްވާންގެ މަންމަ ބުނީ، ތިޔަ ކުދިން ދެކެ ވަރަށް ލޯބިވާ ކަމަށާއި، ދައްތަގެ ގެއަށް އައުމަށް އަބަދުވެސް ދައުވަތު އަރުވާނެ ކަމަށެވެ. އަވަސްގެ ނޫސްވެރިން ވެސް އެ ގެއިން ނުކުތީ އަދިވެސް ރިލްވާންގެ މަންމައާ ބައްދަލުކޮށް އެ މަންމަގެ ހިތާމާގައި ބައިވެރިވާނެ ކަމަށް އުއްމީދުކުރަމުންނެވެ.