މިއުޒިކް

ތައުގެ ވާހަކަ، ޒުވާނުންނަށް ހިތްވަރަކަށް ވާނެ!

މިހާރު ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ބޮޑުބެރު ގްރޫޕް "ސާދަތިރީސްއަށެއް" ގެ ތެރެއިން ނޭވާލި މަގުބޫލި އެއް ބޭންޑަކީ "ސްކޯލިއޯ" ބޭންޑެވެ. އެއީ އެމީހުންގެ ވެޑިން ގިފްޓް ޕެކޭޖެވެ. މި ޕެކޭޖުގެ އެންމެ މުހިންމު އެއް އިންގްރިޑިއަންޓަކީ ލީޑް ގިޓަރިސްޓު އަބްދުﷲ ތައުފީގް (ތައު) އެވެ. މިއުޅެނީ މިއުޒިކް ދާއިރާގައި ތައު ކުޅެމުންދާ ރާގަށްވުރެ ހިތްގައިމު ރާގުތަކެއްގެ ވާހަކަ ކިޔައިދޭށެވެ.

ގްރޭޑް 10 ގައި އުޅުނު އިރު ގިޓަ އާއެކު ޖެހި ލަވަވެސް ކިޔަން ފެށި އެ ޒުވާން ހުނަރުވެރިޔާއަށް މަސްތުވާތަކެތީގެ އަނދިރި ދުނިޔެއަށް ވަދެވި އެ ދުނިޔޭން ނުކުމެގެން އަންނަން ވެސް އެނގުނެވެ. މިހާރު އެއީ ނަމޫނާ ދަައްކަމުން އަންނަ ފަންނާނެކެވެ. އޭނާއަށް ލިބިފައިވާ ކުރެހުމުގެ ހުނަރު ތަރައްގީކޮށް އަންނަނީ ހުރިހާ ކުލައެއް ޖައްސައިދެމުންނެވެ.

ސްކޫލަށްފަހު ބައްޕަގެ ފިޔަވަޅުމަތިން މިއުޒިކްގެ ދާއިރާއިން ފިޔަޖަހަން ތައްޔާރުވަމުން އައި ތައުއަށްމަސްތުވާތަކެތީގެ ތެރެއަށް ވަދެވި ޖަލުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުނެވެ. ޖަލުގައި ދުވަސްތަކެއް ހޭދަ ކުރުމަށްފަހު ރާއްޖެއިން ބޭރުގެ ރިހިބިލިޓޭޝަން ސެންޓަރަކުން ހިންގި ކައުންސިލިން ކޯހެއްގައި ބައިވެރިވެ މަސްތުވާތަކެއްޗާއި އެއްކޮށް ދުރަށް ދިޔަ އެވެ. އޭ ލެވެލް ނުހަދާ ހުރުމުން ކޯހުގައި ގޮންޖެހުންތަކެއް އޭނާއަށް ކުރިމަތިވި ނަމަވެސް ކޯހުން ދެވަނަ ހޯދައިގެން މާލެ އައިސް ނާކޮޓިކްސް ކޮންޓްރޯލް ބޯޑުން ވަޒީފާ ހޯދި އެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން އިސްލާހު ކުރުމުގެ މަސައްކަތާއި ހަވާލުވީ އެވެ.

މިހާ ހިސާބުން "ހީ ލިވްޑް ހެޕިލީ އެވާ އަފްޓާ" އަކުން ތައުގެ ވާހަކަ ނިންމާލެވޭކަށް ނެތެވެ. ކުއްލި ގޮތަކަށް ކައިވެނިކޮށް، އެންމެ ފުރިހަމައަށް ތައްޔާރު ނުވެވި ހުއްޓާ އަނބިމީހާ ބަލިވެ އިން ކަމުގެ ހަބަރާއި މުޖުތަމައުން އޭނާއަށް އައި ޕްރެޝާތަކާއި ކުރިމަތިލެވޭ ވަރަށް ވުރެ ބަލިކަށިވެ ދެވަނަ ފަހަރަށް މަސްތުވާތަކެއްޗާއި ދިމާއަށް ތައު ދިޔައެވެ. އަނެއްކާވެސް ސުމަކުން ފަށަން ޖެހުނީ އެވެ.

"މީހުންވެސް އެ ދުވަސްވަރު ކީ ނުބުޔަސް ބުޔޭ، ދެން ތައުވެސް އޭރު ބޭނުން ނުވީ ކަންނުވެ ނަންނުވާން، އެހާ ސްޓްރޯންގެއް ނޫން، އެކަންތައްތައް ހެންޑްލް ކުރެވޭ ވަރަށްވުރެ ތައު ބަލިކަށިވީމަ އަނެއްކާވެސް މަސްތުވާތަކެތި ބޭނުން ކޮށްގެން ޖަލަށް ދާން ޖެހުނީ،" ތައު ކިޔައިދިނެވެ.

ސްކޫލްގައި އުޅުނު އިރުވެސް ކުރެހުމަށް ޝައުގުވެރިކަން ހުރި ތައުއަށް ދާއިރާގެ ތެރެއަށް ދެވަނަ ފަހަރަށް ވަދެވުނީ ދެ ވަނަ ފަހަރަށް ޖަލަށް ދާން ޖެހިގެންނެވެ. ކަމެއް ނެތި ޖަލުގައި ހޭދަކުރި ތިން އަހަރު އޭނާ އާޓަށް ހާއްސަވި އެވެ. އެންމެ ހާއްސަކޮށް ތައުގެ އެންމެ ފޭވަރިޓް "ލިޔެލާ" އެވެ. މީހެއް ކުރެހިޔަސް ނުވަތަ އެހެން އެއްޗެއް ކުރެހިޔަސް ލިޔެލާގެ ޑިޒައިންތަކުން ނިންމާ ތައު އަށް ލަކުޑިއަށް އެތަކެތި ނެރެ ހުނަރު ތަރައްގީ ކޮށްލި އެވެ.

ދެހާސް ބާރަ ހިސާބުގައި ޖަލުން މިނިވަންވި އެވެ. މި ފަހަރު ވެސް ތަައު އައީ މަސްތުވާތަކެއްވާ ދުރުވެގެންނެވެ. މުޖުތަމައުގައި މީހުން ބަލައިގަންނަ ފަދަ މީހަކަށްވާން އޭނަ ބޭނުންވި އެވެ. މިއުޒިކަށްވަދެ އަލުން ދާއިރާގައި ފިޔަޖަހަން ވެސް ބޭނުންވި އެވެ. އެގޮތުން ކައިވެނީގެ ބެކްޑްރޮޕްސްތައް ފަދަ މަސައްކަތްތައް އުފައްދައިގެން މުޅިން އާ މީހަކަށްވާން އޭނަ މަސައްކަތް ކުރި އެވެ.

ދެން ތައު ބަދަލުވީ ހިންމަފުއްޓަށެވެ. އެ ރަށުގައި ހުންނަ ރިހިބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދާ ޒުވާނުންނަށް އެހީތެރިވާށެވެ. އެ ޒުވާނުން މުޖުތަމައަށް އަނބުރާ ގެންނަން ކާމިޔާބު މަސައްކަތްތަކެއް ކުރި އެވެ. ހިންމަފުށީ ސްކޫލްގައި އާޓް ކިޔަވައިދިނެވެ. މިދިޔަ ދުވަސްތަކުގެ ތެރޭގައި ކައުންސިލިން އިން އެސޯސިއޭޓް ޑިގްރީއެއް ވެސް ތައު ހޯދައިފި އެވެ. މިހާރު މަސައްކަތް ކުރަނީ އައިބީސީ އަށެވެ. ހިންމަފުށީގައި ފާރެއްގައި ކުރަހާފައި ހުރިނަމަ އެއީ އޭނާގެ ހުނަރެވެ.

"ދެވަނަ ފަހަރަށް ޖަލުން ނުކުމެގެން އައި ފަހުންވެސް އެތައް ކަމެއް ކުރިމަތިވީ، ޖަލުން ނުކުތް ތަނާހެން ވައިފް އާއި ޑޯޓާ ބަދަލުވަނީ މެލޭއަށް، ތައުއަކަށް ނުދެވޭ، ޕާސްޕޯޓް ނުލިބިގެން، މެލޭގެ އިމިގްރޭޝަން ވަރަށް ސެކިއުރިޓީ ވަރުގަދަ، ސިޓީއެއް ލާން ޖެހުނީ، އެތައް މަސައްކަތެއް ކޮށްގެންވެސް ނުއެއް ދެވުނު،"

"އޭރު މާ ޕްރެޝާ ވެސް ބޮޑުވި، އެކަމަކު ހަމަ އެއްވެސް ވަރަކަށް ބޭނުން ކުރާކަށް ހިތަށް ނާރާ، މިހާރު އަމިއްލައަށްވެސް ލަދުގަތް، ހިތަށް އެރީ ކުރިން ހާދަ ކުދިކުދި ކަންތައްތަކެއްގަ އޭ ބުއީ،" ތައު ބުންޏެވެ.

ދެވަނަ ފަހަރަށް ކުރި ކައިވެނި ރޫޅި އާއިލާ އާއި ދުރުގައި އުޅެން ޖެހުނު ނަމަވެސް ތިން ވަނަ ފަހަރަށް މަސްތުވާތަކެއްޗާ ދިމާއަށް ތައު ދާކަށް ނުޖެހުނެވެ. ދިރިއުޅުމާއި އަމިއްލަ މީހާގެ ކޮންޓްރޯލް އިތުރަށް އެހެން ފަރާތަކާ ހަވާލުކުރާކަށް ނުޖެހުނެވެ.

މިދިޔަ ދުވަސްތަކުގައި ތައު އައީ ކުރަހަމުންނެނެވެ. ކައްޓި ހިއްވަރު ފަދަ އެގްޒިބިޝަން ތަކުގައި ބައިވެރިވެ ހުނަރު ދެއްކި އެވެ. ލިޔެލާ ޑިޒަައިން ހިމަނައިގެން ފާރެއް ޒީނަތްތެރިކޮށްލުމަކީ ވެސް އޭނައަށް އެއްވެސް ކަމެެއް ނޫނެވެ. ސްކޫލް ދައުރުގައި ކުރިމަތިވި ގޮންޖެހުންތައް ކަމަށްވާ "އެގްޒެކްޓް ފިގާ" އަށް އޭނާގެ ކުރެހުންތައް ނައިސް މުޅިން ތަފާތު މިސްރާބަކަށް ދީލައިލި އެވެ.

އެގޮތުން ތައުގެ ރީތި ޑިޒައިންތައް ހިމަނައިގެން ލޮނުފެން ސްޓޫޑިއޯގެ ނަމުގައި ސްޓޫޑިއޯ އެއް މި މަހު ހުޅުވާނެ އެވެ. އެ ސްޓޫޑިއޯ އިން ތައުގެ ޑިޒައިންތައް ފެނިގެންދާ ޓީޝާޓުތަކާއި ލޯގޯ ހަދައިދިނުމާއި ގްރެފިކްސް ޑިވެލޮޕްމަންޓާއި ގުޅޭ ގިނަ ހިދުމަތްތަކެއް ދޭނެ އެވެ. ތައުގެ ކުރެހުމުގައި ހުންނަ ލިޔެލާގެ ޑިޒަިނަކީ ތައުގެ ހިތާއި ގުޅިފައިވާ ކަމެކެވެ. ކޮންމެ އެއްޗެއް ކުރެހި ނަމަވެސް ލިޔެލާ ގެ ބައި ނެތިއްޖެ ނަމަ ތައުއަށް އެ ކުރެހުމެއް ފުރިހަމައެއް ނުވެ އެވެ.

ހަމައެކަނި ލިޔެލާއެއް ނޫނެވެ. ކުނަލުގައި ހުންނަ ޑިޒައިނާއ، ރޯނާއި، ހުކުރު މިސްކިތްފަދަ ދިވެހި ސަގާފަތައި ގުޅުން ހުންނަ ކޮންމެ އެއްޗަކީވެސް ތައުގެ ހިތުގައި ހާއްސަ ލޯތްބެއް އުފެދިގެންދާ އެއްޗެކެވެ.

"ކަލްޗާ އާއި ބޮޑަށް އަޅައިގަންނަ ސަބަބަކީ ކުރީ އެއިން އިންސްޕަޔާވެވިގެން އޭތި ކަމުދިޔައީ، އެ އެކްސްޕްލޯ ކުރަން ބޭނުންވީ،"

ތައުގެ އާޓް ހަޔާތަކީ އޭނާގެ މިއުޒިކީ ހަޔާތަށްވުރެ އެންމެ ތަންކޮޅެއްވެސް ފަހަތުގައި އުޅޭ ދާއިރާއެއް ނޫނެވެ. ސްޓޭޖުތަކާއި ކައިވެނީގެ ބެކްޑްރޮޕްތައް ތައްޔާރު ކުރުމަކީ ވެސް ތައުގެ ފޭވަރިޓް ކަންތަކުގެ ލިސްޓުގައި ހިމެނޭ ކަންކަމެވެ.

ތައު ގެ މިއުޒިކީ ހަޔާތަށް ބަލާއިރު އެއް ދުވަސްވަރެއްގައި އެންމެ ފޯރިނަގާފައި އުޅުން ބްލެކްސްޓޯން ބޭންޑުގައި ވެސް އެއީ ހާއްސަ ނަމެކެވެ. އެ ބޭންޑު އުވުނު ފަހުން ބޭންޑަކާ ނުގުޅުނު ނަމަވެސް ލައިން އަޕްސްތަކުގައި ގިނަ ޝޯތަކެއް ދިނެވެ.

ތައުގެ މި ވާހަކަ އަކީ މަސްތުވާތަކެތީގައި ޖެހިފައިވާ އަދި އެކަމުން ސަލާމަތްވާން ބޭނުންވާ ކުދިންނަށް ހިތްވަރަކަށް ވާނެ އެވެ.