ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލެވޭ މީހުންގެ ޕާސްޕޯޓް ބާތިލް ކުރެވޭ ގޮތަށް، "ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދު" އިސްލާހުކޮށް އެ ގަވާއިދަށް އަމަލު ކުރަން ފަށައިފި އެވެ.
އިއްޔެ އެ ގަވާއިދު ގެޒެޓްކޮށް އާންމުކުރި އިއުލާނުގައި ބުނެފައިވަނީ ޕާސްޕޯޓް ބާތިލްކުރެވޭނެ ފަސް ހާލަތެއް އާންމުކޮށް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން، ޝަރުއީ ކޯޓަކުން ފޮނުވާ އަމުރަކާ ގުޅިގެން އެ އަމުރެއްގައި ހިމެނޭ ފަރާތްތަކުގެ ޕާސްޕޯޓް ކެންސަލް ކުރުމާއި ގައުމުތަކުގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދާކަމަށް ޝައްކުކުރެވޭ މީހުންގެ ޕާސްޕޯޓް ކެންސަލްކުރުން ހިމެނެ އެވެ. އަދި ދައުލަތުގެ އިސް މަގާމެއް ފުރުއްވުމަށް ފަހު މަގާމު ގެއްލިފައިވާ ފަރާތްތަކުގެ ތެރެއިން އޮފިޝަލް ޕާސްޕޯޓް، ޑިޕްލޮމެޓިކް ޕާސްޕޯޓު ދޫކޮށްފައިވާ ފަރާތްތަކުގެ ޕާސްޕޯޓް ވެސް ކެންސަލް ކުރަން ވަނީ ނިންމައިފަ އެވެ. ޕާސްޕޯޓް ހެދުމަށް ފަހު ހަވާލުނުވެ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ޕާސްޕޯޓްތައް ވެސް އިމިގްރޭޝަނުން ކެންސަލް ކުރާނެ އެވެ.
މީގެ އިތުރުން އެކަށީގެންވާ ސަބަބަކަށް ނުވަތަ ސަބަބުތަކަކަށް ބިނާކޮށް އެމީހެއްގެ ސަބަބުން ގައުމީ ސަލާމަތާއި ރައްކާތެރި ކަމަށް އުނިކަމެއް ފޯރާނެ ކަމަށް ބެލެވޭ މީހުންގެ ޕާސްޕޯޓުވެސް ބާތިލުކުރެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
އިއްޔެ އަމަލުކުރަން ފެށި އެ ގަވާއިދުގައިވާ ގޮތުން ޕާސްޕޯޓު ކެންސަލް ކުރެވޭނެ މުއްދަތު ކަނޑައަޅާނީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންއެވެ. އަދި އެ ގަވާއިދުގައި ޕާސްޕޯޓާ ގުޅޭ އެކިއެކި ޖޫރިމަނާތައް ވެސް ހިމަނާފައި ވެއެވެ.
ޕާސްޕޯޓް ކެންސަލް ކުރެވޭ ގޮތްތަކުގެ ގޮތުގައި އެ ގަވާއިދުގައި ބުނެފައިވަނީ ޕާސްޕޯޓް ކެންސަލްކުރުމަށް އެދޭ ފަރާތަކީ ރާއްޖޭގައި ހުރި މީހެއް ނަމަ އެ ފަރާތުގެ ޕާސްޕޯޓު ކެންސަލް ކުރުމަށް ފަހު އެކަން ފޯނުން އެ ފަރާތަށް އެންގުމަށް ފަހު ޕާސްޕޯޓް ކެންސަލް ކޮށްފައިވާކަން ލިޔުމުން އެ ފަރާތަށް އަންގަން ވާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ހުރި މީހެއް ނަމަ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެމްބަސީއަށް ނުވަތަ ކޮންސިއުލޭޓަށް ޕާސްޕޯޓް ކެންސަލްކުރިކަން ލިޔުމުން އަންގަންވާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ނެތް ގައުމެއް ނަމަ އެ ގައުމެއްގެ ފޮރިން މިނިސްޓްރީއަށް ޕާސްޕޯޓު ކެންސަލްކުރިކަން ލިޔުމަކުން އަންގަންވާނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.