ހަބަރު

ލ ލިންކު ރޯޑްގައި ބަސް ދަތުރުތައް ފަށައިފި

ލާމް ލިންކު ރޯޑުގައި ބަހުގެ ހިދުމަތް ދޭން ފަށައިފި އެވެ. އެ ހިދުމަތް ރަސްމީކޮށް މާދަމާއިން ފެށިގެން ދޭން ފަށާނެ އެވެ. އެ ހިދުމަތް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

ލިންކު ރޯޑުގައި ބަހުގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ އެވެ. އެހިދުމަތް ފެށުމަށް ލ. ފޮނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އެ މަގުގައި ބަހުގެ ހިދުމަތް ދޭން ދެށުމުން، މީގެ ކުރިން އެ މަގުން ދަތުރު ކުރަން 200 ރުފިޔާ ހަރަދަކުރަން ޖެހުނު ނަމަވެސް ބަހުގައި ހަރަދު ކުރަން ޖެހޭނީ 10 - 25 ރުފިޔާ އާއި ދެމެދުގެ ފީ އެއް ކަމަށެވެ.

މާދަމާ އިން ފެށިގެން މި މަހުގެ 20 އަށް ހިލޭ ބަސް ދަތުރުތައް ކުރެވޭނެ ކަމަށް ރައްޒާގް ވިދާޅުވި އެވެ. ލިންކު ރޯޑުގައި ހިދުމަތް ދޭ ބަސްތަކަކީ އެއާ ކޮންޑިޝަން ބަސް ތަކެކެވެ. އެ މަގަކީ 17 ކިލޯ މީޓަރުގެ ދިގު މަގެކެވެ.

"ބަހުގެ ހިދުމަތް ތަޖުރިބާކޮށްލާ ހިދުމަތް ޓެސްޓުކޮށްލަން މި މަހުގެ 20 އާއި ހަމައަށް ހިލޭ ދަތުރުކުރެވޭނެ، އަދި އަބަދުވެސް އުމުރުން ދެ އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ބަހުގައި ދަތުރު ކުރެވޭނެ،" ރައްޒާގް ވިދާޅުވި އެވެ.

ބަހުގެ ހިދުމަތް ދޭން ހަމަޖެހިފައިވަނީ ފޮނަދޫ ހަތަރު ސަރަހައްދަކަށް ދަތުރު ކުރާނެ އެވެ. އަދި ގަމުގެ ހަ ސަރަހައްދަކަށްވެސް ބަހުގެ ދަތުުރުތައް ފަށާނެ އެވެ. ބަހުގެ ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ ހެނދުނު 6:45 ގަ އެވެ.

ރައްޒާގު ވިދާޅުވީ ލ. އިސްދޫ އާއި ކަލައިދޫ އާއި ދެމެދުވެސް ބަހުގެ ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެމްޕީއެލުން މިހާރު އަންނަނީ އައްޑު އަތޮޅުގެ ހުޅުމީދޫގައި ފެރީގެ ހިދުމަތްވެސް ފޯރުކޮށްދެމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ބަސް ދަތުރުތައް މިއަދު ފެށުމުން އެއީ ރާއްޖޭގައި ދެވޭ އެންމެ ފެންވަރު ރަނގަޅު ހިދުމަތަށް އެ ހިދުމަތް ވާނެ ކަމަށެވެ. އެ ހިދުމަތް ފެށުމުން އިތުރު ވަޒީފާގެ ފުުރުސަތުތަކެއް ތަނަވަސްވެފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެމްޕީއެލްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަސައްކަތް ނިންމާލާފައި އެވަނީ ވަރަށް ފުރިހަައަށް، މިއީ އެކުންފުނިން ދެއްކި ނަމޫނާ މަސައްކަތްތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.