ސިނަ މާލެ ބްރިޖް

10 ދުވަސްތެރޭ ބްރިޖްގެ މައި ތަނބުތައް ކޮންކްރީޓްކޮށް ނިމޭނެ

ހުޅުލެ އާއި ވެރިރަށް މާލެ ގުޅުވައިދޭ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް" ބްރިޖްގެ މައި ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ކުރިޔަށް އޮތް 10 ދުވަސް ތެރޭގައި އެއްކޮށް ނިންމާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އޭނާ މިކަން ކަށަވަރުކޮށް ދެއްވީ އާދަވެ ބްރިޖާ ބެހޭ ގޮތުން މައުލޫމާތު ދެއްވާ އޫސޫލުން ޓްވީޓެއް ކުރައްވައިގެންނެވެ،

އެންމެ ފަހުން ބްރިޖްގެ މަސައްކަތުގެ އަޕްޑޭޓެއް ސަރުކާރުން ދީފައި ވަނީ މިދިއަ މަހުގެ 27 ވަނަ ދުވަހު އެވެ. އެއީ ބްރިޖްގެ ސްޓީލް ބޮކްސް ގާޑާ ބީމްގެ މަސައްކަތާ ބެހޭ ގޮތުންނެވެ. ބޮކްސް ގާޑާއި ބީމަކީ ބްރިޖްގެ ތަނބުތަކުގެ ދެމެދުގައި އިންނަ "ސްޕޭން" ގެ މެދުގައި އިންނަ މައިގަނޑު ބައެކެވެ. ބޮސް ގާޑާ ބީމް ތައްޔާރު ކުރަނީ ޗައިނާގަ އެވެ.

ބްރިޖްގެ މައި ތިން ތަނބުގެ މެދުން ސްޕޭނަށް ތިން ބޮކްސް ގާޑާ ބީމް ތައްޔާރުކުރަން ޖެހެ އެވެ. އެގޮތުން 50 މީޓަރުގެ ދެ ގާޑާ ބީމާއި 22 މީޓަރުގެ ގާޑާ ބީމެއް އުފައްދާނެ އެވެ. އެ ބީމްތައް މި އަހަރުގެ ތެރޭގައި ރާއްޖެ ގެންނާނެ އެވެ.

އެ ބީމްތައް ގެންނައިރު ތަނބުތަކުގައި ކުރަންޖެހޭ ކޮންކްރީޓް މަސައްކަތްތައް ނިންމާލުމަށް ކޮންކްރީޓް ވީޕިއާތަކުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ އިރު އެ މަސައްކަތް މި މަހުގެ މެދެއްހާ ހިސާބުގައި ނިންމާލެވޭނެ އެވެ. މިރޭ މިނިސްޓަރު އިޝާރާތް ކުރައްވާފައި ވަނީ އެކަމަށެވެ.

އެމަސައްކަތް ނިމުމުން ކޮންމެ ތަނބަކުން ދެކޮޅަށް ސަސްޕެންޑެޑް ބާސްކެޓްތަކެއް ހަރުކޮށް ކޮންކްރީޓް މަސައްކަތްތައް ބައިބަޔަށް ކުރިއަށް ގެންދާނެ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ.