ސްރީލަންކާގައި ގިނަ އަދަދެއްގެ ދިވެހި ކިޔަވާ ކުދިން ތައުލީމް ހާސިލު ކުރާ ޑޭބްރިޖް ސްކޫލްގައި ދިވެހި ދެ ދަރިވަރެއްގެ މެދުގައި ޖެހެމުން އައި މައްސަލަތަކެއް ހޫނުވެ، މާރާމާރީއަކަށް ބަދަލުވެ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި ހައްޔަރު ކުރި ދިވެހި ހަކުއްޖަކު ބޭލްގެ ދަށުން އިއްޔެ ދޫކޮށްލައިފި އެވެ.
މި ހަކުދިން ދޫކޮށްލާފައި ވަނީ ކޯޓަށް ހާޒިރުވާންޖެހޭ ތާރީހުތައް ކަނޑައެޅުމަށްފަހު އެވެ. މި ހަކުދިންގެ އިތުރުން ސްރީލަންކާގެ ދެ ކުއްޖަކު ވެސް ހައްޔަރު ކުރި އެވެ. އެ ކުދިންނާ ބެހޭ މައުލޫމާތެއް ސާފެއް ނުވާއިރު މި ކަމުގައި ބައިވެރިވުމެއް އޮތް ލަންކާގެ ބައެއް ކުދިނާ އަދިވެސް ފުލުހުން ދަނީ ސުވާލު ކުރަމުންނެވެ.
މިދިއަ ބުރާސްފަތި ދުވަހުގެ އެ ހާދިސާއާ ގުޅިގެން ސްރީލަންކާގައި ގާއިމުވެ ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) މިއަދު ވިދާޅުވީ ލަންކާ ފުލުހުން އެ މައްސަލާގައި ފެށި ތަހުގީގާއެކު ހައްޔަރު ކުރި ދިވެހި ހަ ކުދިން ވެސް ބޭލްގެ ދަށުން އިއްޔެ މިނިވަން ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެއީ ކޯޓަށް ހާޒިރުވާން ޖެހޭ ތާރީހުތަކާއެކުގައި ކަމަށެވެ.
"އެކުދިންގެ ތެރޭގައި ތިބި ކުޑަކުދީންގެ އުމުރުގެ ޖުވެނައިލް ބަޔަށް ފެތޭ ކުދިން ވެސް އެހެން ވެސް ބޮޑެތި ކުދިން ވެސް ހިމެނޭ އޭގެ ތެރޭގައި 19 އަހަރުގެ ކުއްޖަކު ވެސް ހިމެނޭ،" މުންދު ވިދާޅުވި އެވެ. "މައްސަލައިގެ ސީރިއަސް ކަމުން އަދި މިއީ އެތައް ބަޔަކާ ގުޅިގެންދާ ކަމަކަށްވުމުން އަޅުގަނޑުމެން ވެސް މިގެންދަނީ އެކަމާ ގުޅޭ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން، ކަންބޮޑުވުންތައް ކުޑަ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅުގަނޑު މިގެންދަނީ އަޅަމުން،"
ޑޭބްރިޖްގައި ދިވެހި ދެ ކުއްޖެއްގެ މެދުގައި ތޫނު އެއްޗެއްސާއެކު މާރާމާރީއެއް އައީ ކުރިންސުރެ ދެ ދަރިވަރުންގެ މެދުގައި މައްސަލަތަކެއް ޖެހެމުން އައުމަށް ފަހު އެވެ. އެ މަރާމާރީގައި އެއް ކުއްޖެއްގެ ބުރަކައްޓަށް އަދި އަނެއް ކުއްޖެއްގެ މޫނު މަތިން ތުންފަތާއި ނިއްކުރީގެ ބައެއް ޒަހަމްވި އެވެ. އެ ހަމަލާގައި ކަތުރެއް ވެސް އެއްކުއްޖަކު ބޭނުން ކުރި އެވެ. އެ ދެ ކުދިންގެ ޒަހަމްތަކަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައެވެ. ހާލު ސީރިއަސް އެއް ނޫނެވެ.
ސްރީލަންކާގައި ރާއްޖޭގެ 15،000 އަށް ވުރެ މީހުން ދިރިއުޅެ އެވެ. އަދި ފަހަކަށް އައިސް ލަންކާގައި ދިވެހިންނާ ގުޅުންހުރި ތަފާތު ހާދިސާތައް ހިނގަ އެވެ.