ރިޕޯޓް

އަޅާނުލާ ވާކަށް ނެތް! ޖަލުގައި މަރުތައް އިތުރުވަނީ

ޖަލަކީ އަބަދުވެސް ބޮޑެތި ފާޑުކިޔުންތައް އަމާޒުވާ ތަނެކެވެ. އެތަނުގެ ހިދުމަތްތަކާއި ފެންވަރާ މެދު ހިތް ހަތްހަމަނުޖެހިގެން ގައިދީންނާއި އެ ގައިދީންގެ ވަކީލުން އަބަދުވެސް އަޑު އުފުލަ އެވެ. ނަމަވެސް އެއީ އެމީހުން ޖަލުން ސަލާމަތްވާން ދައްކާ ވާހަކައިގެ ގޮތުގައި ބަލާ އެ ވާހަކަތަކަށް ގިނަ ފަހަރަށް ސަމާލުކަމެއް ނުދެ އެވެ. މިފަހުން ސިޔާސީ ގިނަ ބަޔަކު ވެސް ޖަލަށްލާފައިވާއިރު ޖަލުގެ ހާލަތު އެމީހުން ވެސް ވަނީ މީޑިއާއަށް ތިލަކޮށްފަ އެވެ.

އެގޮތުން މިހާރު ވެސް ޖަލުގައި ހުންނެވި، އަހުމަަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) ވަނީ ޖަލުގެ ހާލަތު ބަޔާންކޮށް ވަރަށް ތަފްސީލީ ސިޓީއެއް ކަމާބެހޭ އިދާރާތަކަށް މިފަހުން ފޮނުވާފަ އެވެ. އެ ސިޓީގައިވާ ގޮތުން ގާނޫނުގައިވާ ގޮތަށް ކޮންމެ ދުވަހަކު ގޮޅިން ބޭރަށް ނުނެރޭ ކަމަށާއި އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާގެ ފުރުސަތު ހޯދައިނުދޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ގާނޫނުތަކާއި ގަވާއިދު ތަކާއި ނުލާ ޕާޕާ ޖަލު ހިންގި ދުވަސްވަރު އޮތް ހާލަތަށް ވުރެން އެތަނުގެ ހާލަތު އެތައް ގުނައެއް މިހާރު ގޯސްވެފައިވާ ކަމަށެވެ. ޖަލާމެދު ކުރެވޭ ތުހުމަތު އަބަދުވެސް ކަމާބެހޭ އިދާރާތަކުން ދަނީ ދޮގުކުރަމުންނެވެ.

އިދާރާތަކުން ތުހުމަތުތައް ދޮގުކުރަމުން ދަނިކޮށް މި އަހަރު މިހާތަނަށް މީޑިއާއަށް ތިލަވެފައިވާ ހާދިސާތަކަށް ބަލާއިރު ޖަލުގައި ނުވަ މީހަކު ވަނީ މަރުވެފަ އެވެ. އެންމެފަހުން މަރުވެފައިވަނީ މޭޑޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށް ޖަލަށްލީ އަބްދުﷲ ރަޝީދެވެ. އޭނާއަކީ ޖަލަށްލީއިރު އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ނޫނެވެ. އޭނާގެ އާއިލާއިން ބުނާ ގޮތުގައި އޭނާ މަރުވީ ޖަލުގައި ވަރަށް ބޮޑަށް ބަލިވެ އުޅުމަށްފަހު އެވެ.

އަބްދުﷲ ރަޝީދުގެ މަރާއެކު ޖަލުގެ ހާލަތާ މެދު ކުރެވޭ ތުހުމަތުތަކުގެ އަޑު އަނެއްކާ ވެސް މި ވަނީ ވަރަށް ގަދަވެފަ އެވެ. މިދިޔަ އަހަރު ރިކޯޑް ކުރެވިފައިވާ މައްސަލަތަކަށް ބަލާއިރު ޖަލުގައި މަރުވެފައިވަނީ ހަ މީހުންނެވެ. މި އަހަރު އަދި ދެ މަސް ބާކީ އޮތްއިރު މިހާރު އަދަދު ވަނީ ނުވައަކަށް އަރާފަ އެވެ. ބޮޑު ކަންބޮޑުވުމެކެވެ.

މިހާތަނަށް ޖަލުގައި ނުވަ މީހުން މަރުވެފައިވާއިރު އެއިން އެއްވެސް މައްސަލައެއްގައި މިނިވަން ތަހުގީގެއް ކޮށްފައިވާ ކަމެއް އެނގިފައެއް ނުވެ އެވެ. އެފަދަ ރިޕޯޓެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް އާންމެއް ނުކުރެ އެވެ. މިކަމުގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒު ވަނީ ވެސް އެ ކޮމިޝަނަށެވެ. ޖަލުގެ ހާލަތާއި އެތަނުގައި ލާއިންސާނީ އަމަލުތައް ހިނގާތޯ ބެލުމަކީ ކޮމިޝަންގެ ޒިންމާއެކެވެ.

ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، ޖަލުގައި މީހުން މަރުވަމުންދާއިރު އެ މައްސަލަތައް ބަލައި އެކަމުގެ ވާހަކަދައްކަންޖެހޭ މުއައްސަސާގެ ގޮތުގައި އޮތް އެޗްއާރްސީއެމްއިން އެފަދަ މައްސަލަތަކުގައި އެއްވެސް އެއްޗެއް ބުނާތަން ފެންނަމުން ނުދާ ކަމަށެވެ. އެހެންކަމުން އެ ކޮމިޝަނަކީ މިއަދު ޒިންމާ އަދާކުރުމުގައި ވަރަށް ބޮޑަށް އިހްމާލުވެފައިވާ މުއައްސަސާއެއް ކަމަށެވެ.

ކުށްވެރިވެ ޖަލަށްލާފައިވީ ނަމަވެސް ގައިދީންނަކީ ވެސް ހައްގުތަކެއް ލިބިދޭ ބަޔެކެވެ. އެމީހުންނަށް އަސާސީ ހައްގުތައް ލިބެންޖެހެ އެވެ. ބޭސްފަރުވާއަކީ އެންމެ ބޮޑު ހައްގެވެ. ގައިދީންއަށް ބޭސްފަރުވާ ނުލިބޭ ވާހަކައަކީ އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކަ އެވެ. މާފުށީ ޖަލުގައި ގިނަ ދުވަސްތަކެއް އޮތުމަށްފަހު މިހާރު ގޭބަންދުގައި ހުރި މީހަކު ބުނި ގޮތުގައި މާފުށީ ޖަލުގެ ކްލިނިކުން އެންމެ އެދެވޭ ފަރުވާއެއް ނުލިބެ އެވެ. އެތައް ބައިވަރު ގައިދީނެއް ޖަލުގައި ތިބޭއިރު މާލެ ގެންގޮސް ގައިދީން ހޮސްޕިޓަލަށް ގެންދިޔުން އޮންނަނީ ކަރެކްޝަނަލް ސާވިސްއަށް އެންމެ އެދެވޭ ގޮތެއްގައި ނުކުރެވިފަކަން އޭނާ ފާހަގަކުރި އެވެ.

ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ކުއްލިއަކަށް ގައިދީން މަރުވާ އަދަދު އިތުރުވަމުންދާއިރު ބޭސްފަރުވާ ނުލިބިގެން އެޗްއާރްސީއެމްއަށް ބައެއް ގައިދީން މައްސަލަ ހުށަހަޅާފައިވެ އެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ސީރިއަސް ބަލި ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ޑޮކްޓަރުން ލިޔުން ދީފައިވާއިރު ވެސް އޭނާއަށް ބޭސްފަރުވާ އެކަށީގެންވާ ގޮތުގައި ލިބެމުން ނުދާ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ. އެކަމުގައި އެ ކޮމިޝަނުން ތަހުގީގެއް ވެސް ކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް އެކަމުގައި ކޮމިޝަނަށް ކަމެއް ކުރެވިފައެއް ނުވެ އެވެ.

އަހުމަދު އަދީބަކީ ސިޔާސީ ބޭފުޅަކަށްވާތީ އޭނާގެ ވާހަކަ މީޑިއާއަށް ތިލަވެ އެވެ. ނަމަވެސް އެފަދަ ކިތައް ގައިދީން ޖަލުގައި ތިބޭނެބާވައޭ ހިތަށް އަރަ އެވެ. މީޑިއާގެ ސަމާލުކަން ނުލިބޭ ކިތައް އާންމު މީހުން އެ ހާލުގައި ޖަލުގައި ތިބޭނެބާއޭ ހިތަށް އަރަ އެވެ. އެފަދަ އާންމު ގައިދީންތަކެއް ފޮޓޯތަކެއް މިފަހުން ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެއީ ޖަލު ގޮޅިއެއްގެ ފޮޓޯ އެވެ. އެ ފޮޓޯއިން ފެންނަނީ ހަތަރު ގައިދީއަކު ކުޑަ ގޮޅިއެއްގެ ތެރޭގައި ކާން ތިބޭ މަންޒަރެވެ. ފޮޓޯއިން ފެންނަ ގޮތުގައި އެތަން އޮތީ ވަރަށް ނުތާހިރުކޮށެވެ.

ޖަލުގައި ދުވަސްތަކެއް ހޭދަކުރި މަޖިލީހުގެ މެންބަރު މުހައްމަދު އަމީތު ވެސް ޖަލުގެ ގޮޅިތައް ތާހިރު ނޫންކަން ފާހަގަކުރައްވާފައިވެ އެވެ. އޭނާ ވިދާޅުވީ، ތަނުގެ ނުސާފުތާހިރުކަމުން އޭނާއަށް ވަނީ ސިއްހީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން އޭނާގެ ލޯ ޖަލުގައި ހޭދަކުރި ދުވަސްތަކުގައި އިންފެކްޓްވެފައިވެ އެވެ. ޖަލުގެ ބައެއް ގޮޅިތަކަށް ކަރަންޓު ނުލިބޭ މައްސަލައަކީ ވެސް އޭނާ ފާހަގަކުރި މައްސަލައެކެވެ.

ޖަލާމެދު މިފަދަ ބޮޑު ތުހުމަތުތަކެއް ކުރެވޭ ދަނޑިވަޅެއްގައި ގައިދީން މަރުވާ އަދަދު އިތުރުވަމުން ދިޔުމަކީ އެކަމުގައި އެޗްއާރްސީއެމްގެ ދައުރު ވަރަށް ބޮޑުވާ ކަމެކެވެ. މީގެކުރިން ވެސް އެޗްއާރްސީއެމްއިން ވަނީ ކުރިން އެންގުމަކާ ނުލާ ގޮސް ޖަލުގެ ހާލަތު ބަލާފަ އެވެ. ނަމަވެސް މިހާރުގެ އެޗްއާރްސީއެމްއިން އެފަދަ ކަމެއްކޮށް، ޖަލުގެ ހާލަތާ ގުޅޭ މައުލޫމާތު މީޑިއާއަށް ހިއްސާކޮށްފައެެއް ނުވެ އެވެ.

ޖަލުގައި މީހުން މަރުވާ އަދަދު މިދިޔަ ދެއަހަރެއްހާ ދުވަހު އިތުރުވެފައިވުމަކީ އިދާރާތަކުން އަޅާނުލާ ދޫކޮށްލެވޭ ވަރަށްވުރެ ސީރިއަސް މައްސަލައެކެވެ. އެކަމަކީ ބަޔެއްގެ އިހުމާލުވާ ކަމެއްތޯ ބަލަންޖެހެ އެވެ. އެފަދަ މަރުތަކުގެ ތަހުގީގެއް ކުރަންޖެހެ އެވެ. ބައެއްގެ އިހުމާލުވާނަމަ ފިޔަވަޅު އަޅަންޖެހެ އެވެ. ޖަލުގައި އަނިޔާކުރުމުގެ ސަގާފަތެއް އޮތް މި ގައުމުން އެ ސަގާފަތް ނައްތާލަން ގެނައި އިސްލާހީ ބަދަލުތަކުގެ މަގުސަދު ހާސިލުވަމުން ދާނީ އޭރަށެވެ.