މިއުޒިކް

"މޫޝަން މުބާރިކް" ބައްޕަޔަށް ހާއްސަ!

ބުނަން މިއުޅެނީ މިއީ ބައްޕަމެންނަށް ހާއްސަކޮށްގެން ނެރުނު އަލްބަމެއްގެ ވާހަކައެއް ނޫނެވެ. މަޝްހޫރުކަން ހޯދާފައިވާ މޫޝަން މުބާރިކް އޭނާގެ ފުރަތަމަ އަލްބަމް "މޫޝަން މުބާރިކް" ނެރެފައި މި ވަނީ އޭނާގެ އަމިއްލަ ބައްޕައަށް ހާއްސަކޮށްގެން އެވެ. އޭނާގެ މިއުޒިކީ ކެރިއަރުގައި ހިޔަނިހެން އެންމެ ގާތުގައި ހުރެ އެންމެ ގިނައިން ހިތްވަރުދީ އޭނާގެ އަތުގައި ހިފައިގެން ހުރެދިނީތީ އެވެ. މިއަދު އެ ދާއިރާއިން މޫޝަން އަށް އާދެވިފައި ހުރި ހިސާބަށް އައުމުގައި ބައްޕަގެ ދައުރު ބޮޑު ވީމަ އެވެ.

"މޫޝަން މުބާރިކް" ރިލީޒް ކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ސީހައުސް ގައި ބޭއްވި ހަފްލާއެއްގަ އެވެ. އަށް ލަވަ ހިމެނޭ އެ އަލްބަމަކީ މޫޝަންގެ ސޯލޯ އަށް ލަވަ ހިމެނޭ އަލްބަމެކެވެ. ދެ ލަވަ އަކީ އެހެން ދެ ލަވައެއްގެ ލިރިކްސް އެވެ. އަދި އަލްބަމްގެ އެއް ލަވަ ރިލީޒް ނުކުރެ އެވެ. އެ އަލްބަމްގެ މިދިޔަ އަހަރު މޫޝަން ނެރުނު "ރީތިކަން" ވެސް ހިމެނޭނެ އެވެ.

ރިލީޒް ނުކުރާ ލަވަ މޫޝަން ރިލީޒް ކުރަން ބޭނުންވަނީ ވީޑިއޯ އާ އެކުގަ އެވެ. ވީޑިއޯގެ މަސައްކަތް މިހާރުވަނީ ފަށާފަ އެވެ. އަހަރު ނިމޭއިރު އެ ލަވަ ރިލީޒް ކުރެވޭވަރު ވާނެ ކަމަށް މޫޝަން ބުންޏެވެ.

އަމިއްލަ ރާގުގެ އެ އަލްބަމުގެ ލިރިކްސް ހަދާފައިވަނީ ދާއިރާގެ ތަޖުރިބާކާރު އެހެން ފަންނާނުންގެވެސް އެހީގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަބްދުލް ބާސިތު، މަރިޔަމް އުނޫޝާ، ޒާރާ، ހަދީޖާ މުހައްމަދު (ރިޒޫ)، ޝައްމޫން، އަދުހަމް އަދި އީސަ އެވެ.

މޫޝަންގެ "ރީތިކަން" ލަވަ. --

"މި އަލްބަމަކީ ބައްޕައަށް ހާއްސަކޮށްލާފައި ހެދި އަލްބަމެއް، އޭގެ އިތުރުން މިއީ މޫޝަން އެގްސިސްޓް ކަން އަންގާލަން ހެދި އަލްބަމެއް، ސެލްފް ޓައިޓަލް ދީފައި އޭނީ އެހެންވެ" މޫޝަން ބުންޏެވެ.

"މޫޝަން މުބާރިކް"ގައި ހިމެނޭ އަށް ލަވަޔަކީ އަށް ސްޓައިލްގެ ލަވަ އެވެ. އެ އަލްބަމްގެ މަސައްކަތް މޫޝަން ކުރާތާ ތިން އަހަރު ވެއްޖެ އެވެ. އޭނާ ބޭނުންވީ އެންމެ ފުރިހަމަކޮށް އެ މަސައްކަތް ކުރާށެވެ.

މޫޝަންގެ މި އަލްބަމްގެ ލަވަތައް މިހާރު "ލަވަފޮށި" މެދުވެރިކޮށްވެސް އަޑު އަހާލެވޭނެ އެވެ. ލަވަފޮށި މެދުވެރިކޮށްގެން އަލްބަމްގެ ލަވަތައް ޑައުންލޯޑުވެސް ކުރަންވީ އެވެ.

މޫޝަން އަކީ ރިސޯޓު މިއުޒިކުގައި ވިދަމުން އަންނަ ތަރި އެކެވެ. އޭނާ ރިސޯޓު މިއުޒިކް ކުޅޭތާ މިހާރު 10 އަހަރުވެއްޖެ އެވެ.