ލައިފްސްޓައިލް

ދިވާސް ޝޯ: ޑިޒައިނަރުންނާއި މޮޑެލުންގެ ކުޅަދާނަކަން ދައްކާލައިފި

ފެޝަނާއި ޑިޒައިން އަދި މޮޑެލިންގެ ދާއިރާގައި ރާއްޖޭގައި ކުޅަދަނަ ހުނަރުވެރިން ތިބިކަން ރޭ ވަރަށް ރަނގަޅަށްވެސް މިވަނީ ސާބިތުކޮށްދީފަ އެވެ. އެއީ އާޓްސް އެންޑް އެންޓަޓެއިންމަންޓް ދާއިރާ އާއި ފެޝަން އަދި މޮޑެލިންގެ ދާއިރާ ކުރިއަރުވަން ޒުވާނުންތަކެއް އިސް ނަގައިގެން "ދިވާސް" ގެ ނަމުގައި ހަދާފައިވާ ކުންފުނިން އެކުންފުނީގެ މޮޑެލުން ތައާރަފްކުރަން ރޭ ބޭއްވި "ދިވާސް ޝޯ 2017"ގައި ރީތި ހެދުންތަކަކާއި ކުޅަދާނަ މޮޑެލުންތަކެއް ވަނީ ދައްކާލާ އިޝްތިހާރު ކޮށްލާފަ އެވެ.

އެޑްވަޓައިޒިން ދާއިރާ އަށާއި މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތައް އަދި އެ ދާއިރާތަކަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ޕްރޮފެޝަނަލް ޓްރެއިނިންތަކާއި، އެ ފަރާތްތައް މެނޭޖުކޮށް، އެޑްވަޓައިޒިން، މާކެޓިން އަދި މުނިފޫހިފިލުވުމުގެ ދާއިރާއަށް އެކުދިން ރީޓޭން ކުރުމަކީ ރޭގެ ޝޯ ބޭއްވުމުގެ މައިގަނޑު މަގުސަދެވެ.

ރޭގެ ޝޯގައި 22 މޮޑެލުން ޖުމްލަ 48 ހެދުމެއް ދައްކާލި އެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރުގެ ހެދުންތައް ހިމެނެ އެވެ. އެއީ ކޮންމެ ޑިޒައިނަރެއްގެވެސް އަށް ހެދުމެވެ.

ރޭގެ ޝޯގައި ދައްކާލި ހަމައެކަނި ޑޒައިނަރުންގެ ހެދުންތައް އެކަންޏެއް ނޫނެވެ. އިމާދުއްދީންގެ ސްކޫލްގެ ސެން ކްލާހުން އާޓިކްޓިކް ބައި ޖުވެލް އިން ވެސް ހެދުންތަކެއް ދައްކާލި އެވެ. ކުދިންގެ އަމިއްލަ ޑިޒައިން ތަކުން އިންސްޕަޔާވެެގެން އެހެދުން ފަހާ މޮޑެލުންގެ ހަށިގަނޑަށް ހެޔޮވަރުކޮށްލީ ރާއްޖޭގައި މިހާރު އެންމެ މަގުބޫލު އެއް ޑިޒައިނަރު ކަމަށްވާ ނާޒިއާ އެވެ. ނާޒިއާ ވަނީ އެކުދިންގެ ޑިޒައިނަށް އަށް ހެދުމެއް ފަހައިދީފަ އެވެ. އެއީ ފަސް އަންހެން ހެދުމާއި ތިން ފިރިހެން ހެދުމެވެ.

ރޭގައި ހެދުންތައް ދައްކާލި ޑިޒައިރުންގެ ތެރޭގައި ހިމެނޭ އިބްރާހިމް އަލީ (އިބޫ) އަކީ ޑިޒައިނިންގެ ދާއިރާގައި މަގުބޫލު އަދި ދުވަސްވީ ތަޖުރިބާކާރު ޑިޒައިނަރެކެވެ. އިބޫ ރޭގައި ދައްކާލީ "ފްލޯރަލް" ތީމަށް ތައްޔާރުކޮށްފައިވާ ހެދުން ތަކެކެވެ. މިހާރުގެ ޓްރެންޑަށް ބަލާފަ އެވެ. އިބޫ ދައްކާލީ ފަސް އަންހެން ހެދުމާއި ދެ ފިރިހެން ހެދުމެވެ. އެއީ މަހެއްހާ ދުވަހުގެ ތެރޭގައި ޑިޒައިން ކުރި ނަމަވެސް ފަހަން އޭނަ ހޭދަކުރީ ދެ ދުވަހެވެ.

ރޭގެ ޝޯގައި ހެދުންތައް ދައްކާލި އަނެއް ޑިޒައިނަރަކީ ފާތުންނެވެ. ފާތުންގެ ހެދުންތައް ތައްޔާރުކޮށްފައި ހުރީ ކޯޕަރޭޓް ތީމަށެވެ. އެއީ މަސައްކަތަށް ޝައުގުވެރި އަންހެނުން ބާރުވެރި ކުރުވުމަށެވެ. ފާތުންގެ ހުރިހާ ހެދުމެއްވެސް ތައްޔާރު ކުރީ ހުދު ކުލައިންނެވެ. ޑިޒައިނާއި ފެހުމަށް ފާތުން ހޭދަކުރީ ހަފްތާ އެކެވެ.

އައިމިނަތު ވިލީނިޔާ ރޭގައި ދައްކާލީ "ޓްރޮޕިކަލް ލިވިން ގާޑެން" ތީމަށެވެ. ކަލާޕެލޭޓް ނަގާފައިވަނީ ސަންސެޓުންނެވެ. އެ ހެދުންތައް ތައްޔާރުކުރީ އެންމެ ކުޑައިރުން ފެށިގެން ދަސްކޮށްދޭ އަތުން ފެހުމުގެ ހުނަރުވެސް ބޭނުންކޮށްގެންނެވެ. ދެ ހަފްތާއެއްހާ ދުވަހުގެ އެ މަސައްކަތުން ވިލީނިއާ ދައްކާލީ އަންހެން ހެދުންތަކެކެވެ.

ރޭގެ ޝޯގައި ހެދުން ދައްކާލި އަނެއް ދެ ޑިޒައިނަރުންނަކީ އިސްމާއިލް ޖުމައިހް އަދި ފާތިމަތު ފަލަކް އެވެ. ޖުމައިހްގެ ހެދުންތައް ތައްޔާރުކޮށްފައި ހުރީ "ގެލެކްސީ" ތީމަށެވެ. ފަލަކްވެސް ރޭގެ ޝޯގައިވަނީ ރީތި ހެދުންތަކެއް ދައްކާލާފަ އެވެ. އެ ހެދުންތައް ގިނަ ބަޔަަކަށް ކަމުދިޔަ އެވެ. އެ ދެ ޑިޒައިނަރުންވެސް ވަނީ އަށް ހެދުން ދައްކާލާފަ އެވެ.

ރޭގެ އެ ޝޯ ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. އެ ޝޯ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިރުތިޝާމް ދިން ކުރު ސްޕީޗުގައި ޒުވާނުންގެ ތަރައްގީއަށް ދިވާސް އިން ކުރި މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ. އަދި ޑިޒައިނިންނާއި މޮޑެލިން އަކީ ކުރިއަށްދާން ރަނގަޅު ދާއިރާއެއް ކަމަށް ވިދާޅުވި އެވެ. އަދި މި ޝޯގެ ސަބަބުން ޑިޒައިނަރުންނަށްވެސް އަދި މޮޑެލުންނަށްވެސް އިތުރު ފުރުސަތުތައް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ދިވާސް އިން މީޑީއާގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ދިވަސް އިން ވަނީ ނިންމާފަ އެވެ. އަދި އެ ފަރާތްތަކަކީ މުޖުމަތަމު ބަލައިގަންނަ އަދި ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާ ފަރާތްތަކަށް ހެދުމަށް ދިވާސް އިން މަސައްކަތް ކުރާނެ އެވެ.

މީގެ އިތުރުން މޮޑެލިން އަދި ފެޝަންގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އިތުރު ހާއްސަ އިވެންޓުތައް ބާއްވާ އެ ދާއިރާތަކުން ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭނެ އެވެ. ދިވެހިންގެ އަމިއްލަ އުފެއްދުންތައް އުފައްދާ އެ އުފެއްދުންތައް ފަތުރުވެރިންނަށް ފެންނާނެ ކަހަލަ ހާއްސަ ހަރަކާތްތަކެއްވެސް ދިވާސް އިން އަންނަނީ ރާވާ އިންތިޒާމު ކުރަމުންނެވެ.