ދުނިޔެ

ސިޔާސީ ކޯޅުމާއި ފަގީރުކަމުގައި އޮތް ނޭޕާލަށް އިތުރު ވޭނެއް!

އިއްޔެ އައި ބާރުގަދަ ބިންހެލުމެއްގައި ނޭޕާލު އެ އޮތީ ސުންނާފަތިކޮށްލައިފަ އެވެ. އެވަރު އެންމެނަށް ވެސް އެބަ އެނގެ އެވެ.

އެހެންވީމަ ދެން ކޮން ވާހަކައެއް ހެއްޔެވެ؟ ބާރުގަދަ ބިންހެލުމަށް ފަހު މަރުވި މީހުންގެ އަދަދު ގުނަމުން އާރާސްތުކުރުމުގެ މަސައްކަތަށް ނޭޕާލް އެނބުރެމުންދާއިރު އެގައުމާ ބެހޭ ވާހަކަ އަށް ވަގުތުކޮޅެއް ދެމާ ހިނގާށެވެ.

މިއީ ފެންނަ މަންޒަރުގައި ރީތި ގުދުރަތީ އެތައް އަޖާއިބަކުން ފުރިފައިވާ ގައުމެކެވެ. ބައެއް ފަރާތްތަކަށް "ރޮމޭންޓިކް މަންޒިލެކެވެ."

ނަމަވެސް އެގައުމުގެ ވާހަކަ މި މަންޒަރަށް ވުރެ ކުޑަވެފައި ދެރަވަރެވެ. މިއީ ދުނިޔޭގައި އޮތް އެންމެ ފަގީރު އެއް ގައުމެވެ. ބާރުގަދަ ބިންހެލުމެއްގައި އެމީހުން އިތުރު އެތައް އަހަރެއް ފަހަތަށް ޖައްސާލާފައި އެ ވަނީ 10 އަހަރު ވަން ދެން މާއޮއިސްޓް ހަނގުރާމަވެރިން ހިނގި ޖަރީމާތަކާ ގުޅިގެން ގައުމު ވެއްޓުނު ވަޅުގަނޑުން އަރައިނުގަނެވި ތިއްބަ އެވެ.

ނޭޕާލަށް ޑިމޮކްރަސީ އަކީ ވެސް މާ މޮޅު ކުޅިވަރެކެވެ. އެގައުމު 2008 ވަނަ އަހަރު ޖުމްހޫރިއްޔަތަށް ބަދަލުވުމުގެ ކުރިން އޮތީ ތަހުތުގެ ވެރިކަމެވެ. ވެރިކަން ކުރަމުން އައީ ޝާހީ އާއިލާއަކުންނެވެ. ބައިނަލްއަގުވާމީ މުޖުތަމައާ މާ ބޮޑު ގުޅުމެއް، އެކުވެރިކަމެއް ވެސް ނެތި އެވެ.

މާ ކުރީ ޒަމާނެއްގައި ނޭޕާލުގައި މަލްޓި ޕާޓީ ނިޒާމެއް ޕްރެކްޓިސް ކުރިޔަސް އޭރުގެ ރަސްގެފާނު މަހެންދުރާ އަށް އެ ތަޖުރިބާ ކަމުވަޑައިނުގަތުމުން 1962 ވަނަ އަހަރު މަޖިލިސް އުވާލައްވައި ގައުމުގެ ހުރިހާ ބާރުތަކެއް މުށުތެރެއަށް ގެންދެވީ އެވެ.

އެއަށް ފަހު ނޭޕާލަށް ޑިމޮކްރަސީ އެނބުރި އައީ އާންމުންގެ މުޒާހަރާތަކާ ގުޅިގެން 1991 ވަނަ އަހަރު އެވެ. ޑިމޮކްރެޓިކް ޕޮލިޓިކްސް ގައުމަށް ތައާރަފްކުރި ނަމަވެސް ޝާހީ ވެރިކަމާ ހެދި އޭގެ ފޮނި މީރުކަމެއް އާންމު ރައްޔިތުންނަކަށް ނުލިބެ އެވެ. އެންމެފަހުން ތަހުތުގައި ހުންނެވި ގަޔެނެންދުރާ ވެސް ދެ ފަހަރެއްގެ މަތިން ވެރިކަމުގެ ހުރިހާ ބާރުތަކެއް މުށު ތެރެއަށް ގެންދެވި އެވެ.

ދެން މި އޮތީ ނޭޕާލުގެ މާއޮއިސްޓުންގެ ވާހަކަ އެވެ. ތަހުތުގެ ވެރިކަން ވައްޓާލުމަށް މާއޮއިސްޓުން 10 އަހަރު ވަންދެން ދިން ހަމަލާތަކުގައި 12،000 މީހަކު މަރުވެ ލައްކަ އަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެ އެވެ. އެންމެ ފަހުން ސުލްހައިގެ މޭޒު ދޮށަށް ދިޔައީ އާންމުންގެ ހަޅުތާލުތަކާ ގުޅިގެން ގަޔެނެންދުރާގެ ރަސްކަން 2006 ވަނަ އަހަރު ނިމުމަކަށް ގެނައުމުންނެވެ.

އެއަށް ފަހު ރަސްކަމުގެ ހައިސިއްޔަތާއި ބާރު ކަނޑައި އެއްލައިލުމަށް ފަހު ޑިމޮކްރަސީ ފައްކާކޮށް މާއޮއިސްޓުން ގައުމުގެ ވެރިކަމަށް އައީ އެވެ.

ނަމަވެސް ދެން ވެސް ނޭޕާލު ހަމައެއް ނުޖެހުނެވެ. މިހާރު އޮތީ ސިޔާސީ ކޯޅުމެވެ.

މީގެ އިތުރުން ގައުމުގެ އެންމެ ބޮޑު އިންޑަސްޓްރީގެ ގޮތުގައި އޮތް ޓޫރިޒަމް އިންޑަސްޓްރީ އަށް ވެސް ތިމާވެށީގެ މައްސަލަތަކާ ގުޅިގެން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. ދަނޑުވެރިކަމަށް ގައުމުގެ އާބާދީގެ ބޮޑު ބައެއް ބަރޯސާވާއިރު އދ. ގެ ރިކޯޑްތައް ދައްކާ ގޮތުން އާބާދީގެ 40 ޕަސެންޓަކީ ފަގީރުންގެ ގޮތުގައި ތިބި މީހުންނެވެ.

ނޭޕާލުގެ އާބާދީ އަކީ 31 މިލިއަނެވެ. ވެރިރަށް ކަތަމަންޑޫއާއެކު ނޭޕާލަކީ 147،181 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. ކަތަމަންޑޫގެ އާބާދީ ހަތް ލައްކަ އަށް އަރަ އެވެ.

ގައުމުގައި ގިނައީ ހިންދީންނާއި ބުޑިސްޓުންނެވެ.

ނޭޕާލުގެ ރައީސަކީ ރާމް ބަރަން ޔާދޭވް އެވެ. މިއީ އެގައުމުގެ ފުރަތަމަ ރައީސެވެ. ވެރިކަން ކުރައްވަމުން ގެންދަވަނީ 2008 އަހަރުން ފެށިގެންނެވެ.

ޔާދޭވް އަކީ ޑޮކްޓަރެކެވެ. ކުރީގެ ހެލްތު މިނިސްޓަރެއް ވެސް މެ އެވެ.

މި ގައުމުގެ ބޮޑުވަޒީރަކީ ސުޝިލް ކޮއިރަލާ އެވެ. މަގާމާ ހަވާލުވެ ވަޑައިގަތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

މައުންޓް އެވަރެސްޓަކީ ނޭޕާލުގެ އެންމެ ބޮޑު ޓޫރިސްޓް އެޓްރެކްޝަނެވެ. މި ފަރުބަދަ ނޭޕާލު މީހުން ދަންނަނީ ސާގަރުމާތާގެ ނަމުންނެވެ. 

މި ފަރުބަދަ އަށް އަރަން ދާ މީހުންގެ އަތުން ނޭޕާލުގެ އާމްދަނީ އަށް ކޮންމެ އަހަރަކު 3.3 މިލިއަން ޑޮލަރު ވަދެ އެވެ.