ރިޕޯޓް

2018: މިފަހަރު ކޮން ޓެކުހެއް؟

ކޮންމެ އަހަރެއްގެ ބަޖެޓާއެކު އާ ކަންތައްތަކެއް އާއްމު ކުރެ އެވެ. ހާއްސަކޮށް ބަޖެޓުގައި އާމްދަނީ ހޯދާނެ ކަންތައްތަކެއް ހިމަނަ އެވެ. މިއާއެކު އާ ޓެކުހެއް ހިމެނުމަކީ އާއްމު ކަމެކެވެ. ސުވާލަކީ އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ ހޯދަން އިތުރު އާ ޓެކުހެއް ހިމަނާނެ ހެއްޔެވެ؟

"މި ފަހަކަށް އައިސް ކޮންމެ އަހަރަކުހެން އާ ޓެކުހެއް އާދެ. މިއީ ބޮޑު މައްސަލައެއް. އާމްދަނީ ހޯދަން ހަމައެކަނި ޓެކުސްތަކާއި ފީ ނެގުން ނޫން އެހެން ގޮތެއް އެބަޖެހޭ ހޯދަން،" ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއަކު ނޫހުގައި ނަން ނުޖެހުމެއް އެދި ވިދާޅުވި އެވެ.

މި ހިނގާ އަހަރުގެ ބަޖެޓުގެ ޖުމްލައަކީ 26.8 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި ދައުލަތަށް 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރި އެވެ. މީގެތެރޭގައި ހިމެނެނީ ޓެކުސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 14.1 ބިލިއަން ރުފިޔާ އާއި ޓެކުސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވުނު 4.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ހިމެނެނީ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވުނު 878 މިލިއަން ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން ހިމެނެނީ އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ދެ ބިލިއަން ރުފިޔާާ އެވެ. އަދި މި އަހަރުގެ ބަޖެޓުގައި ޑެފިސިޓް ގެ ގޮތުގައި އަންދާޒާ ކުރީ 303.7 މިލިއަން ރުފިޔާ އެވެ.

މި އަހަރު ނެގީ އޭޑީސީ

ބޮޑު ބަޖެޓުގައި މި އަހަރު އަލަށް ޓެކުހެއްގެ ގޮތުގައި ހިމަނާފައިވަނީ ރާ މީހުންގެ ޓެކުހުގެ ގޮތުގައި ނަގަން ނިންމި އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) އެވެ. ބޭރަށް ފުރާ ކޮންމެ ދިވެއްސެއްގެ ބޮލަކަށް 12 ޑޮލަރުގެ ފީއެއް ދަނީ ނަގަމުންނެވެ. އަދި ބޭރު މީހުންގެ އަތުން 25 ޑޮލަރު ނަގަ އެވެ. މި ޓެކުހުން 575 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ. އެކަމަކު ދިވެހިންގެ އަތުން ނަގާ މިންވަރު 12 ޑޮލަރަށް ކުޑަކުރުމުން އެ އަދަދު މަދުވާނެ އެވެ.

އޭޑީސީ ނަގަން ފެށުމާއެކު ރާއްޖޭގެ އެއާޕޯޓުން ފުރާ މީހުންގެ އަތުން ނަގާ އަދަދު އިތުރު ވެގެންދިޔަ އެވެ.
މި ޓެކުހާއެކު ފުރާ ކޮންމެ މީހެއްގެ އަތުން ނަގާ އެއާޕޯޓް ސާވިސް ޗާޖު (އޭއެސްސީ) އާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 24 ޑޮލަރު އަދި ބިދޭސީއަކު 50 ޑޮލަރު ދައްކަން ޖެހެ އެވެ.

"ގްރީން ޓެކުސް ނަގަން ފެށުމުން ޓޫރިސްޓުން ޝަކުވާކުރި. އެމީހުން ބޭނުމެއް ނުވޭ އިތުރު އެއްޗެއް އެމީހުންގެ އަތުން ނަގާކަން. ގްރީން ޓެކުސް ނަގަން ފެށިއިރު ބައެއް ބުކިންތައް ވެސް ކެންސަލް ކުރި. އެހެންވެ މިފަދަ ޓެކުސްތައް ނަގަން ފަށާއިރު ވިސްނަން ޖެހޭ،" ގެސްޓްހައުސް ވިޔަފާރީގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ.

2015 ގައި ގްރީންޓެކްސް

ދެހާސް ފަނަރަ ވަނަ އަހަރު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގްރީން ޓެކްސް ނަގަން ފަށާފަ އެވެ. މި ޓެކުހާއެކު ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާއެކު، ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުން އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ހަ ޑޮލަރުގެ ރޭޓުން ދައުލަތަށް ގްރީން ޓެކްސް ދައްކަން ޖެހެ އެވެ. މި ޓެކުހުގެ ގޮތުގައި ދައުލަތައް 341 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. މި ޓެކްސް ދަނީ ގެސްޓްހައުސްތަކުން ވެސް ނަގަމުންނެވެ.

ގިނަ ޓެކްސްތަކެއް ކައިރީގައި ނެގުމަކީ މީގެ ސަބަބުން ތަފާތު މައްސަލަތަކެއް ކުރިމަތިވާނެ ކަމެކެވެ.

މީގެ ސަބަބުން ރާއްޖެއިން ދޭ ހިދުމަތުގެ އަގުތައް މަތިވެގެން ދެ އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ގްރީން ޓެކުހުގެ ސަބަބުން ގެސްޓްހައުސް ވިޔަފާރި އަށް އަސަރު ކުރި އެވެ.

"ގްރީން ޓެކުސް ނަގަން ފެށުމުން ޓޫރިސްޓުން ޝަކުވާކުރި. އެމީހުން ބޭނުމެއް ނުވޭ އިތުރު އެއްޗެއް އެމީހުންގެ އަތުން ނަގާކަން. ގްރީން ޓެކުސް ނަގަން ފެށިއިރު ބައެއް ބުކިންތައް ވެސް ކެންސަލް ކުރި. އެހެންވެ މިފަދަ ޓެކުސްތައް ނަގަން ފަށާއިރު ވިސްނަން ޖެހޭ،" ގެސްޓްހައުސް ވިޔަފާރީގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ.

ތިޔަކަން [އާ ޓެކުހެއް] އަންނަކަން ވެސް އެނގޭނީ ބަޖެޓު މަސައްކަތް ނިމުމުން. އަދި ހަމަ މިދަނީ މަސައްކަތް ކުރަމުން
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އެހެން ފަރާތެއް ބުނި ގޮތުގައި މިހާރު ހަބަރު ލިބޭ ގޮތުގައި ގެސްޓްހައުސްތަކުން ނަގާ ގްރީންޓެކުސް ބޮޑު ކުރަން ދަނީ ވާހަކަ ދައްކަމުންނެވެ.

"ފުރަތަމަ ގްރީން ޓެކްސް ނަގަން ހުށަހެޅީ ހަ ޑޮލަރު. ވަރަށް މަސައްކަތުން ވަނީ ތިން ޑޮލަރަށް ކުޑަކޮށްފަ. އެކަމަކު މިހާރު ހަބަރު އެބަލިބޭ ގެސްޓްހައުސްތަކުން ނަގާ ޓެކްސް ބޮޑު ކުރަން އުޅޭ ކަމަށް،" ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

ޓެކްސް ނެގުމާ ބެހޭ ގޮތުން، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ ބަޖެޓުގެ މައުލޫމާތު އެނގޭނީ ބަޖެޓުގެ މަސައްކަތް ނިމުމުން ކަމަށެވެ.

"ތިޔަކަން [އާޓެކުހެއް] އަންނަކަންވެސް އެނގޭނީ ބަޖެޓު މަސައްކަތް ނިމުމުން. އަދި ހަމަ މިދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

އާމްދަނީ ހޯދުނު ތަ؟

މި އަހަރު ދައުލަތައް އާމްދަނީ ހޯދުމަށް ހަތް ކަމެއް ބަޖެޓުގައި ފާހަގަ ކުރި އެވެ. މީގެ ތެރޭގައި ހިމެނެނީ އޭގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު) ގެ ދަށުން އަންނަ އިންވެސްޓްމަންޓްތަކުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބޭނެ ކަމަށް ބުނި 500 މިލިއަން ރުފިޔާ އާއި ބިންވެރިކޮށް ދީގެން ލިބޭނެ ކަމަށް އަންދާޒާ ކުރި 500 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން މާލެ ސަރަހައްދުން ކޮންސެޝަން ޗާޖެއް ނަގައިގެން 261 މިލިއަން ރުފިޔާ ހޯދުމެވެ. ނަމަވެސް މީގެ އެއްވެސް ކަމެއް ކާމިޔާބުވެފައެއް ނުވެ އެވެ.

ކޮންމެއަކަސް މިއަހަރު ނިމި، އަންނަ އަހަރުގެ ބަޖެޓު އިއުލާނު ކުރަން ކުޑަވެއްޖެ އެވެ. ބަޖެޓު އިއުލާނުކުރަން ކުޑަތަން ވެފައިވާއިރު، ސުވާލަކީ އަންނަ އަހަރުގެ ބަޖެޓުން ފެންނާނީ ކޮން މަންޒަރެއް ބާ އެވެ؟ އަންނަ އަހަރު ގެ ބަޖެޓުގައި އަނެއްކާ އާ ޓެކުހެއް ނަގަން ހުށަހަޅާނެބާ އެވެ؟