ހަބަރު

ރައީސް ބޭރަށް ވަޑައިގެން ބޮޑެތި ލޯނުތައް ނަންގަވާތީ ކަންބޮޑުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭރު ގައުމުތަކަށް ވަޑައިގެން ބޮޑެތި އަދަދު ތަކުން ލޯނު ނަންގަވާތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިދިކޮޅު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މިއަދު ކުނޫޒުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަުދ އަމީތު ވިދާޅުވީ ބޭރުގެ ގައުމުތަކުން ލޯނު ނަގައިގެން ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތަށް ލޯނު ނަގައިގެން ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަކ ބޮޑެތި ގައުމުތަކުން ކުރާ ކަމެއް ކަމަށާއި ނަމަވެސް އެ ލޯނުތަކަށް އަނބުރާ ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަން ޖެހޭނެ ކަމަށެވެ.

"އެ ލޯނުތަކަށް އަޅުގަނޑުމެން ފައިނޭންސް ކުރާނީ ކިހިނެއްތޯ، ލޯނު ރީ ޕޭ ކުރާނީ ކޮން ގޮތަކަށްތޯ، އަޅުގަނޑުމެން އިގްތިސޯދުގަިއ އެ ކެޕޭސިޓީ ހުރީ
ކިހާވަރަކަށްތޯ، މި ސުވާލުތަކަށް ހަގީގަތުގައި ސަރުކާރުންނާއި ކަމާގުޅޭ މުއައްސަސާތަކަށް އަދި ފިނޭންސް މިނިސްޓަރެއްވެސް ޖަވާބެއް ނުދެއްވި،" އަމީތު ވިދާޅުވި
އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއަށް އަބޫދާބީ ފަންޑާ ދެމެދު ވީ އެއްބަސްވުމާއި ބެހޭގޮތުން އަމީތު ވިދާޅުވީ ލޯނުގެ މައްޗަށް ލޯނު ނަގާފައިވަނީ ދައުލަތުގެ ބަޖެޓުގައި ނެތް ކެޕޭސިޓީއެއްގެ މައްޗަށް ކަމަށެވެ. ވީއައިއޭގެ ރަންވޭ އެޅުމަށް 340 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ އިރު، ޓާމިނަލް އެޅުމަށް 400 ވަރަކަށް މިލިއަން ޑޮލަރުގެ ލޯނު އެގްރިމެންޓުތަކަށް އެކި ގައުމުތަކާއެކު ސޮއިކޮށްފައިވާ ކަމަށް އަމީތު ވިދާޅުވި އެވެ. އެއާޕޯޓުގެ މުޅި ޕްރޮޖެކްޓަށް 900 ވަރަކަށް މިލިއަން ޑޮލަރު ހަރަދުވާ ކަމަށާއި އޭގެ ބޮޑު ބަޔަކީ ލޯނު އެގްރިމެންޓްތައް ކަމަށެވެ.

އަމީތު ވިދާޅުވީ އެ ލޯނުތަކަށް ފައިސާ ދައްކަން ޖެހޭނީ ކުރިއަށް އަންނަ އޮތް ސަރުކާރުން ކަމަށެވެ. އެ ފައިސާތައް ދައްކާނެ ކެޕޭސިޓީ ދައުލަތުގައި ނެތްކަމަށެވެ. ހުޅުމާލެ ފޭސް ޓޫ ވެސް ތަރައްގީކުރަނީ އެތައް މިލިއަން ޑޮލަރެއްގެ ލޯނު އެއްބަސްވުމަކުން ކަން ފާހަގަކުރެއްވި އެވެ. އަދި އަލަށް އަޅާ ހަތް ހާސް ހައުސިން ޔުނިޓަކީވެސް ލޯނު އެގްރިމެންޓެއްގެ ދަށުން އަޅާ ފްލެޓްތަކެއްކަން އަމީތު ފާހަގަކުރެއްވި އެވެ.

"ހުޅުލެ އާއި ހުޅުމާލޭގައި މި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބަަލައިލި ނަމަވެސް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ލޯނު ނަންގަވައިގެން ސަރުކާރުން ހުޅުމާލެ ތަރައްގީ މި ކުރައްވަނީ، މިއީ ދަރަނީގެ މައްޗަށް ދަރައިގެން،" އަމީތު ވިދާޅުވި އެވެ.

އަމީތު އިތުރަށް ވިދާޅުވީ ލޯނަށް ފައިސާ ދައްކަން އެތައް އަހަރެއް ހޭދަކުރުމަކީ އެއިން އިގްތިސޯދަށް ފައިދާއެއް ލިބޭނެ ކަމެއް ނޫން ކަމަށެވެ.

ޔޫއެއީ އަށް ރައީސް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު އެކަނިވެސް ވަނީ ދެ ލޯން އެގްރިމެންޓެއްގައި ސޮއިކުރައްވާފަ އެވެ.