ދުނިޔެ

ނޭޕާލަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1900 އަށް

Apr 26, 2015

ނޭޕާލަށް އިއްޔެ އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1900 އަށް ވުރެ އިތުރުވެއްޖެ އެވެ.

މިދިޔަ 80 އަހަރު ތެރޭ ނޭޕާލަށް އައި އެންމެ ބާރުގަދަ މި ބިންހެލުމުގައި އެތައް ހާސް އިމާރާތަކާއި އާސާރީ ބިނާތައް ބިމާ ހަމަވެފައި ވާއިރު އަދިވެސް އެތައް ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބޭނެ ކަމަށް، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅޭ ޓީމުތަކުން ދަނީ ބުނަމުންނެވެ. އެހެންވެ މަރުވި މީހުންގެ އަަދަދު އަދިވެސް އިތުރުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

މެގްނިޓިއުޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުމުގައި އެތައް ހާސް ބަޔަކު ޒަހަމްވެފައި ވާއިރު، ވެރިރަށް ކަތުމަންޑޫގެ ހޮސްޕިޓަލްތައް ވަނީ ތޮއްޖެހިފަ އެވެ. އިންޑިއާ އާއި ޓިބެޓާއި ޕާކިސްތާނު އަދި ބަންގްލާދޭޝް އަށް ވެސް އަސަރުކުރި މި ބިންހެލުމުގައި އެ ގައުމުތަކުން ވެސް މީހުން މަރުވެފައިވެ އެވެ. އަދި ބިންހެލުމުގެ ސަބަބުން އެވަރެސްޓް ފަރުބަދަމަތިން ސްނޯ ފައިބައި، އެތަނުގައި އެވަގުތު ތިބި 10 މީހަކު މަރުވެފައިވެ އެވެ.

ނޭޕާލް ފުލުހުން މިއަދު ބުނީ މަރުވި މީހުންގެ އަދަދު 1931 އަަށް އަރާފައިވާ ކަމަށެވެ.

ބިންހެލުމަށް ފަހު އިތުރު ލޮޅުންތައް އަރަމުން ދާތީ އެތައް ހާސް ބަޔަކު އަދިވެސް ތިބީ މަގުމަތީީގަ އެވެ. ފަރުބަދަމަތީ ގައުމެއް ކަމަށްވާ ނޭޕާލަކީ ބިންހެލުމުގެ ނުރައްކާ ބޮޑު ހިސާބެއްގައި އޮންނަ ގައުމެކެވެ. މީގެ ކުރިން 1934 ވަަނަ އަހަރު ނޭޕާލު ސަރަހައްދަށް އަައި ބިންހެލުމެއްގައި 10،600 މީހަކު މަރުވެފައިވާ ކަމަށް ލަފާކުރެވިފައިވެ އެވެ. އަދި 1988 ވަނަ އަހަރު އައި ބިންހެލުމެއްގައި ވެސް ދޮޅު ހާސް މީހުން މަރުވެފައިވެ އެވެ. އެކަމަކު ތަޖުރިބާކާރުން ވިދާޅުވަނީ ބިންހެލުން އައުމުގެ ފުރުސަތު ބޮޑު ފަރުބަދަމަތީ ހިސާބެއްގައި ނޭޕާލު އޮތް ނަމަވެސް ބާރުގަދަ ބިންހެލުންތައް އެ ގައުމަށް އާންމު ކަމަަށް ބެލެވެން ނެތް ކަމަަށެވެ. މެގްނިޓިއުޑް 6 ނުވަތަ އެއަށް ވުރެ މަތިން މިދިޔަ 100 އަހަރު ތެރޭ ނޭޕާލަށް ބިންހެލުން އައިސްފައި ވަނީ އެންމެ ހަތަރު ފަހަރު އެވެ.