ވިޔަފާރި

ޑިމާންޑް ބޮޑުވެ މިފްކޯ މަސްދަޅު ލިބުން ދަތިވެއްޖެ

އެހެން ކުންފުނި ތަކުން ރާއްޖެ އެތެރެކުރާ މަސްދަޅު މަދުވުމާއެކު، މިފްކޯ "ފަސްމީރު" މަސް ދަޅުގެ ޑިމާންޑް ބޮޑުވެއްޖެ އެވެ. މީގެ ސަބަބުން މަސް ދަޅު ލިބުން ދަތިވެއްޖެ އެވެ.

މިފްކޯ "ފަސްމީރު" މަސްދަޅު ލިބުން ދަތިވުމުގެ ސަބަބުން ކަންމަތީ ގިނަ ފިހާރަތަކުން މިހާރު މަސްދަޅެއް ނުލިބެ އެވެ. އަދި ބޮޑެތި ފިހާރަތަކުގައިވެސް މަސް ދަޅެއް ނެތެވެ.

"ކަންމަތީ ފިހާރަ" ހިންގާ ވިޔަފާރިވެރިއަކު ބުނި ގޮތުގައި މަސްދަޅު ނުލިބޭތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

"މިހާރު އެއް ގޮތަކަށް ވެސް ނުލިބޭ. މިހެންވެ ވަރަށް ބޮޑަށް ދަތިތަކާ ކުރެވިމަތިވެފައިވަނީ،" ވިޔަފާރިވެރިއަކު ނޫހުގައި ނަން ނުޖެހުމަށް އެދި ބުންޏެވެ.

މަސްދަޅު ނުލިބޭ މައްސަލާގައި މިފްކޯގެ އެމްޑީ އަދްލީ އިސްމާއިލް "އަވަސް" އަށް ވިދާޅުވީ މަސްދަޅު ލިބުން ދަތިވެގެން އުޅެނީ ރާއްޖެ އަށް އެހެން ކުންފުނި ތަކުން ގެންނަ މަސްދަޅު މަދުވުމުން ކަމަށެވެ.

"މިފްކޯ އިން މަސްދަޅު އުފައްދާ ވަރަށް މިހާރު ވެސް އެބަ އުފައްދާ. މީގައި ވެގެން އުޅޭ ގޮތަކީ އެހެން ކުންފުނިތަކުން ގެންނަ މަސްދަޅު މަދުވުމުން ޑިމާންޑް ބޮޑުވަނީ. މިހެންވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ބޮޑުވުމުން ބޭރުން ދަޅު ހަދައިގެން ގެނެސް ނުވިއްކެނީ. އެހެންވެ ނުގެންނަނީ،" އަދްލީ ވިދާޅުވި އެވެ.

މިފްކޯ އިން މަސްދަޅު އުފައްދާ ވަރަށް މިހާރު ވެސް އެބަ އުފައްދާ. މީގައި ވެގެން އުޅޭ ގޮތަކީ އެހެން ކުންފުނިތަކުން ގެންނަ މަސްދަޅު މަދުވުމުން ޑިމާންޑް ބޮޑުވަނީ. މިހެންވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ބޮޑުވުމުން ބޭރުން ދަޅު ހަދައިގެން ގެނެސް ނުވިއްކެނީ. އެހެންވެ ނުގެންނަނީ
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް

އޭނާ ވިދާޅުވީ މިހާރު ވެސް އެވްރެޖު ގޮތެއްގައި ދުވާލަކު 2100 ކޭސް ދަޅުގައި ބަންދުކޮށް ބާޒާރަށް ނެރޭ ކަމަށެވެ.

"މީގެ ބޮޑު ބައެއް މި ގެންދަނީ އެސްޓީއޯ އަށް. އަޅުގަނޑުމެން ހަމައެކަނި ލޯކަލް މާރުކޭޓަކަށް ނޫން ވިއްކަނީ. ބޭރުން ލިބިފައި ހުރި އޯޑަރު ތަކަށް ވެސް ފުލްލިފް ކުރަން ޖެހޭ. އެހެންވެ ބޭރަށް ވެސް ފޮނުވަން ޖެހޭ،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ދަޅު މަހުގެ "ދަތިކަން" ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާ، މިގޮތުން ފެލިވަރު ފެކްޓްރީގެ ޕްރޮޑަކްޝަން އިތުރު ކުރަން، ބޭނުންވާ މުވައްޒަފުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"ޕްރޮޑަކްޝަން އިތުރު ކުރަން އިތުރު މުވައްޒަފުން ވެސް ބޭނުންވޭ. ރާއްޖޭގައި މީހުން ހޯދަން ކުރި މަސައްކަތުން މާބޮޑު ތަރުހީބެއް ނުލިބުނު. އެހެންވެ ސްރީލަންކާގައި ވެސް މީހުން ހޯދަން މިދަނީ މަސައްކަތް ކުރަމުން،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެލިވަރު ފެކްޓްރީގައި ފުލް ކެޕޭސިޓީގައި ޕްރޮޑަކްޝަން ޖައްސަން އަންނަ މަހު ފެށޭ ވަރުވާނެ ކަމަށެވެ. އަދި އެ ކުންފުނީގައި އެއްވެސް މާލީ މައްސަލައެއް ނެތްކަމުގެ ޔަގީންކަން އަދްލީ ދެއްވި އެވެ.

"އަންނަ ނޮވެމްބަރު މަހު ޕައުޗް ވެސް އުފައްދަން ފެށޭނެ. ޕްރޮޑަކްޝަން އިތުރު ވެގެންދާނެ،" އަދްލީ ވިދާޅުވި އެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަކީ ރާއްޖޭން ބޭރު ކުރާ ކަނޑު މަހުގެ ބޮޑުބައެއް ހިއްސާ ކުރާ ކުންފުންޏެވެ. ނަމަވެސް އެ ކުންފުންޏަށް މާލީ މައްސަލަތަކެއް ދިމާވުމާއެކު، ސަރުކާރާއު ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އަދި މި ބަދަލު ގެނައިއިރު މިފްކޯގައި 300 މިލިއަން ރުފިޔާގެ ދަރަނި ހުއްޓެވެ. އަދި މަސްވެރިންނަށް ފައިސާ ނުދައްކާ ގިނަ ދުވަސްވުމުން ޝަކުވާތައް އޮތީ ފުނިޖެހިފަ އެވެ. ނަމަވެސް މިހާރުވަނީ ދަރަނީގެ ބޮޑުބައެއް ދައްކާފަ އެވެ.