ދުނިޔެ

އިގްތިސާދު ވަރުގަދަކުރާނެ ގާނޫނީ ބަދަލުތަކެއް ޗައިނާއިން ގެންނަނީ

ޗައިނާގެ ބެއިޖިންއިން: އާމިނަތު އިބްރާހިމް
Oct 18, 2017

ބާރު ސްޕީޑުގައި ކުރިއަރަމުންއަންނަ ޗައިނާގެ އިގްތިސޯދު ހުރިހާގޮތަކުން ވަރުގަދަ ފެންވަރު ރަނގަޅު އިގްތިސޯދަކަށް ހެދުމަށް، މިހާރަށްވުރެ ބޮޑަށް ބޭރުގެ އިންވެސްޓްމަންޓް ތަކަށް ގައުމު ހުޅުވާލަން ޗައިނާ އޮތީ ތައްޔާރަށް ކަމަށް ރައީސް ޝީޖިންޕިން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ، "މާކެޓް އޮރިއެންޓަޑް" ނިޒާމެއްގެ ދަށުން ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރަން ބާރުއަޅުއްވާނެ ކަމަށެވެ.

މިއަދު ވެރިރަށް ބެއިޖިންގް ގައި ފަށައިގެން ކުރިއަށްދާ ސީޕީސީ (ޗައިނާ ކޮމިއުނިސްޓް ޕާޓީ) ގެ ނެޝަނަލް ކޮންގްރެސް، ނުވަތަ ކޮންމެ ފަސް އަހަރަކުން އެއް އަހަރު އެ ޕާޓީ ހިންގާ ނިޒާމަށް އާ ސިޔާސީ ބޭފުޅުން އައްޔަންކުރަން ބާއްވާ "ބޮޑު" ބައްދަލުވުމުގެ އިފްތިތާހީ ހަފުލާގެ "ދިގު" ރިމާކްސްގައި ޝީ ވަނީ ފާއިތުވެދިޔަ ފަސް އަހަރުގެ ނަތީޖާ ރިޕޯޓް އިއްވައި، ކުރިއަށް އޮތް ދައުރަށް ޗައިނާއިން އަމާޒު ހިފަންޖެހޭ ކަންކަން ބަޔާންކުރައްވާފައެވެ. އެންމެ ބޮޑު އިސްކަމެއް އޭނާ ދެއްވާފައިވަނީ ޗައިނާގެ ނުފޫޒު ގަދަ އިގްތިސޯދު ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެއްވަނަ އިގްތިސޯދަށް ހެދުމަށް އިތުރަށް އިސްކަންދޭންޖެހޭ ކަންކަމުގެ މައްޗަށެވެ.

"..ޗައިނާއިން ދުނިޔެއަށް ހުޅުވާލާފައިވާ ދޮރުތައް ބަންދެއް ނުވާނެ، އެ ދޮރުތައް ކުރިއަށް އޮތްތަނުގައި އެއަށްވުރެ ފުޅާކޮށް ހުޅުވިގެންދާނެ،" ޝީ ވިދާޅުވި އެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ވެސް ޗައިނާގެ ވެރިކަމުގެ ގޮނޑީގައި ޝީ އިންނަވާނެކަން ޔަގީންވެފައިވާއިރު، އިގްތިސޯދު ފުޅާކުރަން އޭނާ ގެންނާނެ އިސްލާހީ ބަދަލުތަކާ ދޭތެރޭ މުޅި ދުނިޔޭގެ ޝައުގުވެރިކަން ޗައިނާއަށް ވަނީ ހުއްޓިފައެވެ. ސީޕީސީ ކޮންގްރެސް ކަވަރުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބެއިޖިންއަށް އެއްވެފައިވާ ހާހަކަށްވުރެ ގިނަ ބޭރުގެ މީޑިއާ ފަރާތްތަކާއި އިގްތިސޯދު ލިޔުންތެރިންނާއި، ކޮންގްރެސްގައި ބައިވެރިވާ ދެހާހަށް ވުރެ ގިނަ ޑެލިގޭޓުންނާ ބައްދަލުކުރައްވައި ޝީ ވަނީ ވިޔަފާރިއާއި އިގްތިސޯދުގެ ދާއިރާގައި ޗައިނާ މިހާރަށް ވުރެ ރަނގަޅަށް މަސައްކަތްކުރަންޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އެގޮތުން ދައުލަތުގެ އާމްދަނީ އިތުރުކޮށް އާންމު ކައުންސިލްތަކުގެ ދަރަންޏާއި ބަޖެޓް މިހާރަށްވުރެ ޒިންމާދާރު ގޮތެއްގައި ކުރިއަށްގެންދާނެ "ފިސްކަލް ރިފޯމް" އެއް ވަރަށް އަވަހަށް ގެންނަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ދައުލަތުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް މިހާރަށްވުރެ އިތުރުކޮށް ގައުމުގެ ފަގީރުންގެ ނިސްބަތް ދަށްކުރުމަށް ސްޓެންޑަޑް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. –ފަގީރުންގެ ނިސްބަތް ޗައިނާގައި 70 މިލިއަނާ ގާތަށް އިތުރުވެފައިވާއިރު، އެއީ ޗައިނާގެ އިގްތިސާދަށް ދިމާވެފައިވާ ބޮޑު އެއް ގޮންޖެހުމެވެ—

ޗައިނާގެ އިގްތިސޯދީ ސިޔާސަތުތަކަށް އަންނާނެ އާ ބަދަލުތަކާއެކު، އިގްތިސޯދީ ގޮތުން ޗައިނާއިން މިހާރު ފަށާފައިވާ ބޮޑެތި ޕްރޮގްރާމްތައް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އިގްތިސޯދީ މާހިރުން ލަފާކުރައްވައެވެ. ޗައިނާއިން މިވަގުތު އެންމެ ވަރުގަދަޔަށް ޕްރޮމޯޓްކުރަމުންދާ "ސިލްކް ރޯޑް" މަޝްރޫއާއެކު ސަރަހައްދީ އިގްތިސޯދަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ބެލެވެ އެވެ.

ސީޕީސީ ނެޝަނަލް ކޮންގްރެސް ގައި އެ ޕާޓީގެ ޕޮލިޓް ބިއުރޯ އާއި ސެންޓްރަލް ކޮމިޓީ، ސްޓޭންޑިން ކޮމިޓީ އަދި ޑިސިޕްލިން އިންސްޕެކްޝަން ކޮމިޓީ އަށް މުޅިން އާ ސިޔާސީ ބޭފުޅުން އައްޔަނު ކުރާނެ އެވެ. އަދި ޕާޓީގެ ގާނޫނު އަސާސީ އަށް ވެސް ބަދަލުތައް ގެންނާނެ އެވެ. މިފަހަރު ގާނޫނޫ އަސާސީއަށް ގެންނާނެ އެންމެ ބޮޑު އެއް ބަދަލު ކަމަށް ބެލެވެނީ ޝީޖިންޕިންގެ އިގްތިސޯދީ ތަސައްވުރާއެކު އޭނާގެ ނަން އެ ފޮތުގައި ލިޔެވުމެވެ. އެއާއެކު އޭނާ ވާނީ މޮޑަން ޗައިނާގެ ބާނީ މާއި ޒެ ދޮންގް – "މާއޮ ޒެ ދޮންގް ތޯޓް" އާއި ޑެންގް ޝިއާއޮޕިންގް-"ޑެންގް ޝިއާއޮޕިންގް ތިއޮރީ" އަށް ފަހު ފަހުރުވެރިކަމާއެކު އެ ލިސްޓަށް ވަންނާނެ ބޭފުޅާ އަށެވެ.