ވިޔަފާރި

ހާބަރުގެ ފުޑުކޯޓްތައް ނުއެއް ނިމުނު!

މާލޭގެ ހުޅަނގު ދެކުނު ފަރާތު ހާބަރުގައި ކުރިން ހުރި ސައި ވިއްކާ ކަޑަތައް ހައުސިން މިނިސްޓްރީން ރޫޅާލައި އެތަންތަން ނެގުމަށްފަހު، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއަށް ދީގެން ހަދަމުން ގެންދާ "ޒަމާނީ ފުޑްކޯޓުތައް" ނުނިމި ބޮޑުތަނުން ލަސްވެއްޖެ އެވެ. އެ ސަރައްދުގައި އެސްޓީއޯއިން މަސައްކަތް ފެށީ "ވަރަށް އަވަހާ ނިންމާނެ" ކަމަށް ބުނަމުންނެވެ.

ޒަމާނީ ފެންވަރަކަށް ހަދާ، ފުޑްކޯޓުތަކުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ މި އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. އަދި ފުޑް ކޯޓުތަކުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އޭގެ ފަހުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެއެވެ. ނަމަވެސް މިހާތަނަށް އެ މަސައްކަތް ނިމިފައި ނުވާއިރު އަޕްޑޭޓެއް ވެސް އެސްޓީއޯގެ ފަރާތަކުން ނާދެ އެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މުސްލިހު މަސީހު "އަވަސް" އަށް މިއަދު ވިދާޅުވީ ފުޑުކޯޓްތައް ނުނިމި ލަސްވަނީ މަސައްކަތް ހިނގާ ސައިޓުގައި މަސައްކަތް ކުރުމުގައި ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ.

އެ ސަރަހައްދަކީ ކުރިން ހިއްކާފައި އޮތް ތަނެއް. އެހެންވެ މިތަން ފައުންޑޭޝަން އަޅަން ކޮނުނުއިރު ވަރަށް ގިނަ ޗެލެންޖާސްތަކާ ކުރިމަތިވި. ވަރަށް ބައިވަރު އެއްޗިހި އެތަނުން ނެގުނު،
އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މުސްލިހު މަސީހު

"އެ [ކަޑަތައް ހަދާ ސަރަހައްދަ] ކީ ކުރިން ހިއްކާފައި އޮތް ތަނެއް. އެހެންވެ ފައުންޑޭޝަން އަޅަން ކޮނުނުއިރު ވަރަށް ގިނަ ޗެލެންޖާސްތަކާ ކުރިމަތިވި. ވަރަށް ބައިވަރު އެއްޗިހި ނެގުނު،" މުސްލިހު ވިދާޅުވި އެވެ.

ފުޑް ކޯޓު އަޅައި ސަރަަހައްދުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 30،000 އަކަފޫޓް ހުރެ އެވެ. ކުރިން 40 ހަކަށް ހާބަރު ކަޑަތައް ހުންނަ އިރު އެތަން ފުޑް ކޯޓައް ބަދަލުވުމުން ހުންނާނީ 27 ތަނެވެ. ހައުސިން މިނިސްޓްރީ އިން ކުރިން ބުނެފައި ވަނީ އެތަން އިތުރަށް ސާފުތާހިރުވެ ހިއްފަސޭހަ ތަނަކަށް ވެގެންދާނެ ކަމަށެވެ.

ފުޑްކޯޓުތައް ހަދަނީ ކުރިން އެންމެ ގިނަ މީހުން ކެއިން ބުއިމުގެ ހިދުމަތް ހޯދާ ތަނުގަ އެވެ. ކުރިން މިތަނުގައި ހުރި ކަޑަތައް ނަގާފައިވަނީ ޒަމާނީ ފެންވަރަށް މިތަން ހެދުމަށެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި އެތަންތަނަށް ޝައުގުވެރިވެ ގިނަ ބަޔަކު މިހާރު ވެސް ދަނީ ތަންތަން ހޯދަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި މަޖިލިސް މެންބަރު ވެސް ހިމެނި ވަޑައިގަންނަވާ ކަމަށް ވެއެވެ.