ލައިފްސްޓައިލް

ފޮޓޯ ނަަގަން ދަސްކޮށްދޭން މިލްޒީރޯ އަތޮޅުތަކަށް

ފޮޓޯގްރަފީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ވަރަށް ގިނަ ޒުވާނުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅެއެވެ. އޭގެތެރޭގައި ފޮޓޯ ނަގައި އެޑިޓް ކުރަން ނޭނގޭ ޒުވާނުންވެސް ހިމެނެ އެވެ. އެ މީހުންގެ އޮތީ ހަމައެކަނި ޝައުގުވެރި ކަމެވެ. ސުމަކުން ފަށައިގެންވިޔަސް އެ ދާއިރާއިން ކުރިއަށްދާން އެ ޒުވާނުން ބޭނުންވެ އެވެ. ބައެއް ޒުވާނުން ރަހުމަތްތެރީން ގެންގުޅޭ ކެމެރާތަކާ ކޮންމެވެސް ކުޅެ އެމީހުން މެދުވެރިކޮށް ހިސާބަކަށް ދަސްކުރެ އެވެ.

އެ ޒުވާނުންނަށް ބޭސިކް ފޮޓޯގްރަފީ އާ ބޭސިކް އެޑިޓިންގެ ހާއްސަ ވޯކްޝޮޕް ތަކެއް އަތޮޅުތެރޭގައި ކުރިއަށް ގެންދަން މަޝްހޫރު ފޮޓޯގްރާފަރު އަލީ ނިޝާން (މިލްޒީރޯ ނިޝާން) ވަނީ ނިންމާފަ އެވެ.

ފޮޓޯނެގުމާއި އެޑިޓިން އާއި ރީޓަޗިން ފަދަ ފޮޓޯގްރަފީ އާއި ބެހޭ ވޯކްޝޮޕްތައް މީގެ ކުރިންވެސް މާލޭގައި ކުރިއަށް ގެންދާތީ އެ ފުރުސަތުތައް އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް އޮންނަނީ ނުލިބިފަ އެވެ. އެހެންވެ އެ ފުރުސަތުތައް އަތޮޅުތެރޭގައި އުޅޭ، ފޮޓޯގްރަފީ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް ހޯދައިދޭން ބޭނުންވީ ކަމަށް ނިޝާން އަވަސް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ނިޝާން ވަނީ އަންނަ މަހު ގދ. ތިނަދޫ އަދި އައްޑޫގައި ފޮޓޯގްރަފީ ވޯކްޝޮޕް ބާއްވަން ނިންމާފަ އެވެ. އަންނަ މަހު ދޭކުން ހަތަރަކަށް ތިނަދޫގައި އަދި ނުވަޔަކުން 11 އަށް އައްޑޫގައި އެ ވޯކްޝޮޕް ކުރިއަށް ގެންދާނެ އެވެ. އެ ވޯކްޝޮޕްގައި ބޭސިކް އެޑިޓިން އަދި ބޭސިކް ފޮޓޯގްރަފީ ދަސްކޮށްދޭނެ އެވެ. ބައިވެރިންނަށް ތިއަރީ ކްލާސްތަކެއް ނަގައިދިނުމުގެ އިތުރުން ޕްރެކްޓިކަލް ސެޝަންތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.

ވޯކްޝޮޕް އަމާޒުކޮށްފައިވަނީ ފޮޓޯ ނަގަން އަލަށް ދަސްކުރާ ފަރާތްތަކަށެވެ. ވޯކްޝޮޕްގައި ބައިވެރިވުމުގެ ފީ އަކީ 1،500 ރުފިޔާ އެވެ. ބައިވެރިވުމުގެ ފުުރުސަތު މިހާރުވަނީ ހުޅުވާލާފަ އެވެ.

ވޯކްޝޮޕްގައި މައިގަނޑުގޮތެއްގައި ބައިވެރިންނަށް ކިޔަވައިދިނުމުގައި ހަރަކާތްތެރިވާނީ ނިޝާން އެވެ.

ވޯކްޝޮޕްގައި ބައިވެރިވުމަށް މިލްޒީރޯ ފޭސްބުކް ޕޭޖަށް ޒިޔާރަތްކޮށް އޮންލައިންކޮށް ފޯމް ފުރާލާށެވެ. ނުވަތަ ވޯކްޝޮޕް ކުރިއަށް ގެންދާ އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ފޯކަލް ޕޮއިންޓްތަކާއި ގުޅައިގެން ވެސް ބައިވެރިވެވޭނެ އެވެ. އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފޯމް ނިޝާންގެ އޮފިޝަލް ފޭސްބުކް ޕޭޖު "މިލްޒީރޯ" އިން ލިބެން ހުންނާނެ އެވެ.

މިިދޔަ އޯގަސްޓު މަހުގެ ތެރޭގައި މާލޭގައި ނިޝާން ވަނީ ރީޓަޗިން ދަސްކޮށްދޭ ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. ނިޝާން އަކީ ފޮޓޯގްރަފީ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ފަރާތެކެވެ.