ހަބަރު

ވެމްކޯގެ ވިލިމާލޭ އޮޕަރޭޝަނަށް 200 އަށްވުރެ ގިނަ މީހުން އެދުނު

ކުނިމެނޭޖްކުުރަން އުފައްދާފައިވާ ދައުލަތުގެ ކުންފުނި ވެމްކޯއިން ވިލިމާލޭގައި މަސައްކަތް ކުނި އުކާލައި މެނޭޖް ކުރަން ފަށަން މީހުން ހޯދަން ބޭއްވި އޯޕަންޑޭ، ނުވަތަ ފަހި ދުވަހުގެ ޕްރޮގްރާމްގައި އެކަމަށް 200 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށް އިންޓަވިއުގައި ބައިވެރިވެއްޖެ އެވެ.

ވިލިމާލެއިން ކުނި ނެގުމުގެ މަސައްކަތް އަންނަ ނޮވެމްބަރުމަހުގެ ފުރަތަމަ ދުވަހު ފަށަން ވެމްކޯއިން ވަނީ ނިންމާފަ އެވެ. އެހެންވެ އެކަމަށް ބޭނުންވާ 50 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަން މާލޭގެ އެ އަވަށުގައި ފަހި ދުވަހެއް ބޭއްވީ އިއްޔެ އެވެ.

ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު މުހައްމަދު އިގުބާލު ރޭ ވިދާޅުވީ ފަހި ދުވަހުގެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނު އިރު، ވަޒީފާ އަށް ކުރިމަތި ލައި އިންޓަވިއު ކުރި ގިނަ މީހުންނަކީ ވިލިމާލޭގައި ދިރިއުޅެމުން އަންނަ މީހުން ކަމަށެވެ.

" 280 މީހުން ޒިޔާރަތްކުރި، އެކަމަކު ލިޔެކިއުންތައް ހަމަ ނުވުން ފަދަ ކަންތައްތަކާ ގުޅިގެން ބައެއް މީހުންނާ އިންޓަވިއު އެއް ނުކުރެވޭ. އިންޓަވިއުކޮށް ރަޖިސްޓާ ކުރެވުނީ ޖުމްލަ 240 މީހުން،" އޭނާ ވިދާޅުވިއެވެ.

ވެމްކޯއިން މާލޭގައި ކުނި ނަގަން ބައިތިއްބާފައި ތިބޭ "ވެށި ފާރަވެރިން" ގެ އަސާސީ މުސާރައަކީ މަހަކު 9000ރ. އެވެ. އިގުބާލު ވިދާޅުވީ ވިލިމާލޭގައި މަސައްކަތް ކުރާ މީހުންނަށް ވެސް ހަމަ އެވަރުގެ މުސާރައެއް ދޭނެ ކަމަށެވެ.

ވިލިމާލޭގައި މަސައްކަތް ފަށަން ވެމްކޯއިން މިހާރު ގެންދަނީ ސާވޭއެއް ކުރަމުންނެވެ. ވެމްކޯގެ އޮފީހުގައި މިދިއަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްކޮންފަރެންސެއްގައި އިގުބާލު ވިދާޅުވީ އެ ސާވޭގެ ބޭނުމަކީ އެ އަވަށުގައި ކުނި އުކުމުގެ ކަންތައްތައް މިހާތަނަށް އޮތް ގޮތް ބެލުން ކަމަށެވެ.

"މީގެ ކުރިން ވެސް ޑޯނާ އެޖެންސީތަކާ، އަދި ބޭރުގެ ފަރާތްތަކުން އަންނައިރު އަޅުގަނޑުމެންގެ އަސްލު ނުހުރޭ ކުންޏާ ބެހޭ ސްޓެޓިސްޓިކެއް ހޯދާލެވޭކަށް. އެހެންވީމާ އަޅުގަނޑުމެން މި ބޭނުންވަނީ އަޅުގަނޑުމެން ފަށާ ކޮންމެ ތަނެއްގެ މަސައްކަތް ފެށުމުގެ ކުރިން އެތަނެއްގެ ކުނި މެނޭޖްކުރެވެމުންދާ ގޮތާ ހުރިހާ މައުލޫމާތެއް އެއްކުރަން،" އިގުބާލު ވިދާޅުވި އެވެ.

ވިލިމާލެއަކީ އިންޖީނުލީ އުޅަނދުތައް މަދުން ދުއްވާ ތަނަކަށް ވާތީ އެ އަވަށުގައި ބޮޑަށް ބޭނުން ކުރާނީ އިލެކްޓްރިކް ޓްރައި ސައިކަލްތަކެވެ. ކުރިން މީހުން އުޅުމަށް ފަހު ޖަލެއްގެ ގޮތުގައި ބޭނުން ކޮށް އަދި ފަހުން ރިސޯޓެއްގެ ގޮތުގައި ވެސް ހިންގުމަށްފަހު މީހުން އާބާދުކުރި ވިލިމާލެއަކީ ތިމާވެއްޓާ ރައްޓެހި ފެހި ރަށެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ރަށެކެވެ.