ހަބަރު

ހޮނިހިރު ދުވަހު ވިލިމާލެ ސާފު ކުރަނީ

ވިލިމާލެ ސާފު ކުރުމުގެ ޕްރޮގްރާމެއް މާލެ ސިޓީ ކައުންސިލާއި ވިލިމާލޭ ޕޮލިހާއި ވެމްކޯއިން ކުރިޔަށް ގެންދަން ނިންމައިފި އެވެ. ސާފު ކުރުމުގެ މި ޕްރޮގްރާމް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހު ފެށި "ސާފު ރާއްޖެ" ޕްރޮގްރާމްގެ ދަށުން ކޮންމެ މަހަކުވެސް ސާފު ކުރުމުގެ ހަރަކާތެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަންނަ ހޮނިހިރު ދުވަހު ކުރިއަށް ގެންދާނީ ވިލިމާލޭގެ ކުނިތައް ނަގައި ސާފު ކުރުމުގެ މަސައްކަތް ކަމަށެވެ.

"ސިޓީ ކައުންސިލުން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ މުޅި ވިލިމާލޭގައި އިންސްޕެކްޝަނެއް ހަދައި ވިލިމާލޭގެ ހާލަތު ބަލާފައި. އޭގެ ތެރޭގައި ސިނާއީ ސަރަހައްދުތަކާއި އެރަށުގައު ސާފު ތާހިރު ނުވެ ހުރި ސަރަހައްދުތައް ފާހަގަ ކޮށް ރިޕޯޓެއްވެސް އެކުލަވައިލި،" މޭޔަރު ވިދާޅުވި އެވެ.

ސާފު ކުރުމުގެ ޕްރޮގްރާމް ހޮނިހިރު ދުވަހު ފަށާނީ ހެނދުނު 8:30 ގައެވެ.

މި ޕްރޮގްރާމްގެ ދަށުން ވިލިމާލޭ ބީޗް ސަރަހައްދުގައި ކުރިން އަޅާފައި ހުރި ޓޫރިސްޓު ރޫމްތަކާއި ގިނަ ދުވަސްތަކެއް ވަންދެން ސާފު ނުކޮށްހުރި ހުރި ތަންތަން ސާފު ކުރާނެ އެވެ.