އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މިއަދު އަނބުރާ ޖަލަށް ބަދަލު ކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ގޮތް ހުސްވެގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
މިހާރު ލަންކާގައި ހުންނެވި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާރިސް އާއި އިމްރާން އަނބުރާ ޖަލަށް ގެންދިޔުމުން ދަލީލު ކޮށްދެނީ ރައީސް ޔާމީންއަށް ގޮތް ހުސްވެފައިވާ މިންވަރު ކަމަށެވެ. އަދި ލަސްތަކެއް ނުވެ އެ ދެބޭފުޅުން ޖަލުން މިނިވަން ވާނެ ކަމަށް ވެސް ނަޝީދު ވަނީ ޓްވީޓްގައި ވިދާޅުވެފަ އެވެ.
ޓެރަރިޒަމްގެ ކުށް ސާިބިތުވެ 12 އަހަރަށް ޖަލަށްލާފައިވާ އިމްރާން، ދަރިޔަކު ލިބުމާ ގުޅިގެން ގެޔަށް ބަދަލު ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެވެ. އަދި ޖަލު ގޮޅި މަރާމާތު ކުރަން ޖެހިފައިވާ ކަމަށް ބުނެ ފާރިސް ގޭ ބަންދަށް ބަދަލު ކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ. ފާރިސް ޖަލަށް ލާފައި ވަނީ ރިޝްވަތު ދިން ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ޝަރީއަތް ނިމެންދެން ކްރިމިނަލް ކޯޓްގެ އަމުރެއްގެ ދަށުން އެވެ.
އެ ދެބޭފުޅުން ޖަލަށް ބަދަލުކުރީ އިރު ނަޝީދު މިއަދު ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރު އެއްކެންޑިޑޭޓަރު އިދިކޮޅުން ނެރެން ޖެހޭ ކަމަށާއި އަދި އެ ކެންޑިޑޭޓަކީ އިންތިގާލީ ވެރިއަކަށް ހަދަން ޖެހޭ ކަމަށެވެ.
މާދަމާ ފާރިސްގެ ޝަރީއަތެއް ވެސް ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފައި ވެއެވެ. އެއީ އޭނާގެ މައްޗަށް އުފުލާފައިވާ ޝަހުސް އޮޅުވާލުމުގެ ދައުވާ އެވެ. އެ ދައުވާގައި މާދަމާ އޮންނާނީ ފާރިސްގެ ފަރާތްޕުޅުން ޖަވާބުދާރީވެ ވަޑައިގެންނެވުމެވެ.