ބޮޑު ހިޔާނާތެއް ކަމަށްވާ އެފްޕީއައިޑީގެ މައްސަލައިގެ ލިޔެކިޔުންތައް ހިމެނޭ ފައިލްތައް ގެއްލިފައިވާ ކަމަށާއި ގެއްލުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ރޭ އައްޑު އަތޮޅުގައި ބޭއްވި އެ ޕާޓީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ އެ ލިޔެކިޔުންތައް ގެއްލިފައިވަނީ ކޮން ސަބަބެއް މެދުވެރިވެގެންތޯ ބަލަން ޖެހޭ ކަމަށެވެ. އަދި އެ ލިޔެކިޔުންތަކަށް ވީ ގޮތެއް ހޯދައިދޭން ސަރުކާރުގެ މުއައްސަސާތަކަށް ވެސް މޫސަ ވަނީ ގޮވާލެއްވި ވެއެވެ.
"އެފްޕީއައިޑީގެ މައްސަލާގެ ލިޔެކިޔުން ރައްޔިތުންގެ މަޖިލީހުގައި އޮއްވާ އެވަނީ ގެއްލިފަ، ރައީސް ނަޝީދުގެ ވެރިކަމުގައި އެ ފައިލްތައް ވަނީ ގެއްލިފަ، އެކަން ވީ ގޮތެއް ހޯދާއިދޭން ސަރުކާރުގެ މުއައްސަސާތަކަށް ގޮވާލަން،" ރީކޯ ވިދާޅުވި އެވެ. "ކަރަޕްޝަނޭ ކިޔައިގެން ވާހަކަ ދައްކަވާއިރު އިދިކޮޅު ފަރާތްތަކުގެ ފޮތްތައް ހުޅުވާލާފައި ހިންގަވާ ހާވާލަން، ސޮފުހާތައް ހާމަވާނެ،"
އެފްޕީއައިޑީގެ ހިޔާނާތުގެ ފައިލްތައް ގެއްލުނު ކަމަށް މޫސަ ވިދާޅުވި އިރު އެ ހިޔާނާތުގެ މައްސަލަ އަލުން ބަލަން ފަށާ ކަމުގެ އިޝާރާތް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ދީފައެވެ
މޫސަ ރޭ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަޖިލިސް ކުރިއަށް ގެންދަން ހުރަސް އެޅި ނަމަވެސް މަޖިލީހުގެ ފުރާޅު އުސްކޮށްގެން ނަމަވެސް މަޖިލިސް ކުރިޔަށް ގެންގޮސް ރާއްޖެއަށް ތަރައްގީ ގެންނައުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ހަޅޭލެވި ނަމަވެސް ބަޖެޓެއްވެސް ފާސް ކުރާނެ ކަމަށެވެ.
"އަފިރިންނަސް ތައްޔާރަ" އެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި ޖަލްސާގައި އޭނާ ވިދާޅުވީ، ރާއްޖެއަށް މަލްޓި ޕާޓީ ސިސްޓަމް ތައާރަފް ކޮށްފައިވަނީ ވަކި ޕާޓީއެއްގައި މަސައްކަތް ކުރަން ނޫން ކަމަށާއި ކޮންމެ ޕާޓީއެއްގައި ވެސް މަސައްކަތް ކުރުމުގެ ހައްގު އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ޔާމީން ގެންނަވާ ތަރައްގީއާއެކު ކުރިއަށް ވަޑާއިގަތުމަށް އިދިކޮޅު ފަރާތްތައް ވެސް ޕީޕީއެމާ ގުޅިވަޑައިގަތުމަށެވެ.
"އެފްޑީއައިގެ މައްސަލައާ ދެންހުރި މައްސަލައާ ހުރިހާ ކަމެއްގަ މާފަށް އެދިފައި ދަންނަވަންވީ ނޫންތޯ ރައީސް ޔާމީން އަރިހުގައޭ މިތިބީ އެހެން ވެސް ބުނެގެން ވާކަށް ނެއް، ގައުމުގަ ތިބެގެން ވާކަށެއްވެސް ނެތް،"