ހަބަރު

އިސްލާމް ޕޭޕަރުގެ މައްސަލަ "ފަޅާއަރުވާލި" ދެ ޓީޗަރަކު އެކަހެރިކޮށްފި

މިހާރު ކުރިއަށްދާ އެސްއެސްއީ އަދި އެޗްއެސްއީ އިމްތިހާނުގެ އިސްލާމް ޕޭޕަރު ތައްޔާރުކުރުމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ބުނެ، އެ ކަންތައްތައް މީޑިއާ އާއި އާންމުންގެ ސަމާލުކަމަށް ގެނައި އިސްލާމް ދެ ޓީޗަރަކު ޕޭޕަރު މާކު ކުރުމުގައި ބައިވެރިނުވެވޭ ގޮތަށް އެކަހެރިކޮށްފި އެވެ.

އެ ދެ ޓީޗަރުންގެ ތެރެއިން އެއް ޓީޗަރަކު ނަން ހާމަ ނުކުރަން އެދި "އަވަސް" އަށް މިއަދު ބުނީ އިސްލާމް، ދިވެހި ޕޭޕަރު ހަދަން ތިން ފަހަރަށް އިއުލާނު ކުރުމުން ޓީޗަރުން ކުރިމަތިނުލުމުން ތިން ފަހަރެއްގެ މަތިން އޭނާއަށް ގުޅާފައި ޕޭޕަރު ހަދަން ބައިވެރިވާން އެދުނު ކަމަށެވެ. އަދި ޕޭޕަރު ހަދާނެ ޓީޗަރުން ނުލިބުމުން މި އަހަރުގެ އިސްލާމް ޕޭޕަރުތައް ހަދާފައިވަނީ ސީއެޗްއެސްއީ އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި އިސްލާމް ކިޔަވައިދޭ ޓީޗަރުން ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

އެ ޓީޗަރު ބުނީ ޕޭޕަރު ތައްޔާރުކުރުމުގައި ބައިވެރިވި މުދައްރިސުން މާލޭގެ ސްކޫލްތަކަށް ގޮސް ކުދިންނަށް ވޯކްޝޮޕްތައް ހިންގުން އަދި ޓިއުޝަންވެސް ދީފައިވާ ކަމަށާއި އަދި ކުދިންނަށް ދިން ސުވާލުތައް އިމްތިހާނުގައި އައިސްފައި ހުރި ކަމަށެވެ. އަދި ސީއެޗްއެސްއީ ގެ ދަރިވަރުންނަށް އެޗްއެސްސީ އިމްތިހާނަށް ދަސްކުރަން ވަކި ފިލާވަޅުތަކެއް ފާހަގަކޮށްފައި ދެއްކި ކަމަށް ދަރިވަރުން ބުނި ކަމަށް ވެސް އެ ޓީޗަރު ތުހުމަތުކުރި އެވެ.

"ޕޭޕަރު ހަދަން އަޅުގަނޑަށް ގުޅާފައި ބުނި އެކަމުގައި ބައިވެރިވާންވީ ނޫންހޭ، މަސް ނިމޭއިރު 60،000 ރުފިޔާވަރު ލިބޭނޭ، އެކަމަކުވެސް އަޅުގަނޑު ބުނީ އިންޓެގްރިޓީއޭ މުހިންމީ، އަޅުގަނޑަކީ އިސްލާމް ޓީޗަރެކޭ، ރަށްރަށަށް ގޮސްފައިވެސް ސްކޫލްތަކުގައި ވޯކްޝޮޕްތައް ދަރިވަރުންނަށް ހިންގަމޭ، އަޅުގަނޑު ޕޭޕަރު ހަދާފައި ކުދިންނަށް ކިޔަވައިދޭން ދިޔައީމަ އެންމެ ރަނގަޅެއް ނުވާނެއް ނޫންހޭ،" ނަން ހާމަ ނުކުރަން އެދި ވާހަކަ ދެއްކި އިސްލާމް ޓީޗަރު ބުންޏެވެ.

އެ މައްސަލަ އާއި ގުޅިގެން ޕޭޕަރު މާކު ކުރަން ނުދާނެ ކަަމަށް ބުނެ 90 އިސްލާމް ޓީޗަރަކު ސޮއިކޮށް ޕެޓިޝަނެއް ހަދާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެ މައްސަލަ އޭސީސީ އަށް މިހާރު ވަނީ އެ ޓީޗަރުން ހުށަހަޅައިފަ އެވެ. "އަވަސް"އާ ވާހަކަދެއްކި އެ ސީނިއާ ޓީޗަރު ބުނި ގޮތުގައި މި މައްސަލަތަކާ ގުޅިގެން އޭނާ އާއި އިތުރު އެހެން ޓީޗަރަކު ވަނީ ޕޭޕަރު މާކް ނުކުރެވޭ ގޮތަށް މިހާރު ސަސްޕެންޑްކޮށްފަ އެވެ.

"އަޅުގަނޑުމެން އެވާހަކަތައް ދައްކާ އެހެން ޓީޗަރުންގެ ތެރޭގައި ކެމްޕޭނު ކުރާނެ ކަމަށް ބުނެ ވާހަކަ ދައްކަން ފެށުމުން އަޅުގަނޑަށް ގުޅާފައި ބުނީ ސަސްޕެންޑު ކޮށްފައޭ ތިހުރީ، ދެން ދުވަހަކުވެސް ޕޭޕަރު މާކެއް ނުކުރެވޭނެއޭ އަޅުގަނޑު ކައިރީ މިހާރު އޮތީ ބުނެފައި،" އެ ޓީޗަރު ބުންޏެވެ.

ދެ ޓީޗަރުން ސަސްޕެންޑު ކުރި ކަމަށް ބުނާ މައްސަލަ އާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)ގެ ޑައިރެކްޓާ ޖެނެރަލް އަހުމަދު ޝަކީބް މިއަދު، "އަވަސް"އަށް ވިދާޅުވީ ޕޭޕަރު މާކް ކުރާނެ ޓީޗަރުން އަދި ކަނޑަނާޅާ ކަމަށެވެ. އަދި ޕޭޕަރު މާކް ކުރާނެ ޓީޗަރުން ކަނޑައަޅާނީ މިހަފްތާ ކުރިއަށް ގެންދާ ވޯކްޝޮޕަކަށް ފަހު ކަމަށް ޝަކީބް ވިދާޅުވި އެވެ.

ކުރިން ވެސް ވާހަކަ ދެއްކި ޓީޗަރު ބުނި ގޮތުގައި މީގެކުރިން ޕޭޕަރުތައް ސްކޫލްތަކަށް ފޮނުވަނީ ސެކިއުރިޓީ އާ އެކު ކަމަށާއި ޕޭޕަރުތައް ބަހައްޓާފައި ހުންނަ ތަނުގެ ތަޅުދަނޑިވެސް އޮންނާނީ އެޑިއުކޭޝަނުން ކަނޑައަޅާ ބޭފުޅެއްގެ އަތުގައި ކަމަށެވެ. ނަމަވެސް މި އަހަރު ޕޭޕަރުތައް ބަހައްޓާފައި ހުންނަ ތަނުގެ ތަޅުދަނޑި ސްކޫލްތަކުގެ ޕްރިންސިޕަލާއި، ޑެޕިއުޓީ ޕްރިންސިޕަލް އަދި އެގްޒާމް ކޯޑިނޭޓަރުގެ އަތުގައި އޮންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެހެން ވީމަ ބޭނުން ގޮތެއް މިހާރު ހެދޭނެ ނޫންތޯ، މިސާލަކަށް ހއ. ބާރަށުގައި، އިސްލާމް އިމްތިހާނު އޮތް ދުވަހު ޓެސްޓު ހޯލު ބެލެހެއްޓީ އިސްލާމް ޓީޗަރު،" އެ ޓީޗަރު ބުންޏެވެ.

އެހެން ނަމަވެސް އެ ތުހުމަތަކާ ގުޅިިގެން ޑީޕީއީ އިން ވަނީ އެވާހަތައް ދޮގުކޮށް އިމްތިހާނު ޕޭޕަރުތަކުގެ ސެކިއުރިޓީ އެހެން އަހަރުތަކެކޭ އެއްގޮތަށް ރަނގަޅުވާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ، އިސްލާމް ޕޭޕަރު ތައްޔާރު ކުރުމަށް ޓީޗަރުން ނަގާފައިވާ ގޮތާއި އެއަށްފަހު އެ ޓީޗަރުންގެ އަމަލުތައް ހުރި ގޮތުން ޕޭޕަރާއި ބެހޭ މައުލޫމާތު އާންމުވެފައިވާ ކަމަށް ބުނެ މައްސަލައެއް މިދިޔަ ހަފްތާގެ ތެރޭގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ލިޔެކިޔުންތައް މިހާރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ކުރިން ބުނެފައިވަނީ ޕޭޕަރު ލީކުވުން ކަހަލަ އެއްވެސް މައްސަލައެއް ކުރިމަތިނުވާ ކަމަށެވެ. އަދި އިމްތިހާނުގެ ސުވާލު ކަރުދާސް ތައްޔާރުކޮށް ޖަވާބު ކަރުދާސް ބެލުމުގެ ކަންކަން ބަލަހައްޓަނީ އިމްތިހާނުގެ ކަންކަން ބަލަހައްޓަން ކަނޑައަޅާފައިވާ ހާއްސަ ކޮމެޓީއެއްގެ ބެލުމުގެ ދަށުން ކަމަށް ވަނީ ބުނެފަ އެވެ.

"އިމްތިހާނު ކަރުދާސް ތައްޔާރުކުރުމުގައި ހަރަކާތްތެރިވާނީ އިތުބާރު ހިފޭ، ވަކި ޝަރުތުތަކެއް ހަމަވާ ބޭފުޅުން، ސޯޝަލް މީޑިއާގައި ދައުރުވުގެން އެއުޅޭ ވާހަކައިގައި އެ ބުނާ ސްކޫލްގެ މުދައްރިސަކު އިމްތިހާނު ކަރުދާސް ހަދަން ބައިވެރިއެއް ނުވޭ،" ޕޭޕަރު ލީކުވި ކަމަށް ބުނާ މައްސަލަ އާއި ގުޅިގެން ޑީޕީއީ އަދި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވި އެވެ.