ހަބަރު

ހާއްސަ އެހީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން 65 އަހަރުން މަތީގެ މީހުން އަދި އުމުރުން ދެ އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އެމްޕީއެލް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނިން ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އައްޑޫސިޓީ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގައި ފޯރުކޮށްދޭ ފެރީގެ ހިދުމަތާއި ބަހުގެ ހިދުމަތް ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން 65 އަހަރުން މަތީގެ މީހުން އަދި އުމުރުން ދެ އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރުކުރެވެނެ ކަމަށެވެ.

އެ ހިދުމަތް ލިބޭނީ އެމްޕީއެލުގައި ރަޖިސްޓްރީ ކުރުމުން ދޫކުރާ ހާއްސަ ދަތުރު ކާޑެއް މެދުވެރިކޮށެވެ. އަދި އެ ހިދުމަތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެ ކަމަށެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުން އަދި އުމުރުން ދެ އަހަރުން ދަށުގެ ކުދިންނަށް މިހާރުވެސް އެމްޕީއެލުން ވަނީ ހިލޭ ދަތުރުފަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ.

އެމްޕީއެލުން ބުނީ އެކުންފުނިން އަބަދުވެސް ސަރުކާރުގެ ސިޔާސަތުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ކަމަށެވެ.

އެމްޕީއެލުން އައްޑޫ ސިޓީ އަދި ފުވައްމުލަކަށް ފެރީގެ ހިދުމަތްވެސް ފޯރުކޮށްދެ އެވެ. އެ ދެ ސިޓީ އާއި ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކަށް ބަހުގެ ހިދުމަތް ފޯރުކޮށްދެ އެވެ.