ހަބަރު

ސަރުކާރު ހިންގަން އިތުރު 493 މިލިއަން ރުފިޔާ ހޯދަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްދީފައިވާ 26 ބިލިއަން ރުފިޔާގެ ބަޖެޓުން ހަރަދުތައް ހަމަނުޖެއްސިގެން ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ސަޕްލިމަންޓްރީ ބަޖެޓްގެ ޖުމްލަ އަކީ 493 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

މިފަހުގެ ތާރީހެއްގައި މަޖިލީހަށް ހުށަހަޅާ ފުރަތަމަ ސަޕްލިމަންޓްރީ ބަޖެޓާ ގުޅޭ ގޮތުން ސުވާލުކުރުމުން މިނިސްޓަރު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ސަޕްލިމަންޓްރީ ބަޖެޓްގެ ޖުމްލަ އަކީ 493 މިލިއަން ރުފިޔާ ކަމަށާއި އޭގެ ތަފްސީލްތައް މާދަމާ ހާމަކުރައްވާނެ ކަމަށެވެ. އިތުރު ތަފްސީލެއް ސުވާލުކުރުމުން ވެސް ނުދެއްވި އެވެ.

އެންމެ ފުރަތަމަ ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން މަސައްކަތް ކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ވިދާޅުވި ގޮތުގައި، ސަޕްލިމަންޓްރީ ބަޖެޓަކީ މަޖިލީހުން އެންމެ އިސްކަމެއް ދީގެން ކުރާނެ މަސައްކަތެވެ. ސަޕްލިމަންޓްރީ ބަޖެޓްގެ މައިގަނޑު ބޭނުމަކީ މަޖިލީހުގެ ހުސްވެފައިވާ ހަ ދާއިރާއެއްގެ ބައިއިލެކްޝަން ބޭއްވުމަށް ފައިސާ ހަމަޖެއްސުމާއި އެންސްޕާގެ ހަރަދުތައް ހަމަޖެއްސުމަށް މަދުވާ ފައިސާ ހަމަޖެއްސުމެވެ.

މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވާ 26.8 ބިލިއަން ރުފިޔާގެ ބަޖެޓްގައި ދަރަނި ނޫނީ ޑެފިސިޓްވާނެ ކަމަށް ލަފާކޮށްފައި ވަނީ 303.7 މިލިއަން ރުފިޔާ އެވެ. އެއީ އުފެއްދުންތެރިކަމުގެ މިންގަނޑުން ބަލާއިރު 1.7 ޕަސެންޓް ޑެފިސިޓެކެވެ. ސަޕްލިމަންޓްރީ ބަޖެޓާ އެކު މި ޑެފިސިޓް އިތުރަށް ބޮޑުވެގެން ދާނެ އެވެ.

މިއަހަރަށް ކަނޑައެޅި ބަޖެޓުން ހަރަދުތައް ނުފުއްދުނީ މަޖިލީހުގެ ހަ ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަން އިތުރަށް 12 މިލިއަން ރުފިޔާ ބޭނުންވުމާއި އެންސްޕާއަށް ކަނޑައަޅާފައިވާ 731 މިލިއަން ރުފިޔާގެ ބަޖެޓްގެ އިތުރަށް ފައިސާ ބޭނުންވުމުން އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ވެސް ފިނޭންސުން ވަރަށް އަވަހަށް މަޖިލީހަށް ފޮނުވާނެ އެވެ.