ހަބަރު

އިތުރު ދެ މީހަކަށް މޮނިކޮން ތަންފީޒު ކުރަން ފަށައިފި

އިތުރު ދެ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ތަންފީޒު ކުރަން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ އެ ނިޒާމުގެ ތެރެއިން މިވަގުތަށް ހަތް މީހަކު ބަލަހައްޓަމުން ދާ ކަމަށެވެ. އަދި އަމުރު ތަންފީޒު ކުރެވޭ މިންވަރުން އަޕްޑޭޓް ހިއްސާކޮށް ދޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

މޮނިކޮން އަމުރުގެ ދަށުން ޓެގް އަޅުވަން ޖެހޭނެ ކަމަށް ކޮމެޓީން ވަނީ ނުވަ މީހެއްގެ ނަން ފާސްކޮށްފަ އެވެ. އެ އަމުރާއެކު މީގެ ކުރިން ވަނީ ފަސް މީހެއްގެ ފައިގައި ޓެގް އަޅުވާފަ އެވެ. އެ ފަސް މީހުނާއެކު މިހާރު ހަތް މީހެއްގެ މައްޗަށް މޮނިކޮން އަމުރު ތަންފީޒުކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް އެމީހުންގެ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ. މީގެ ކުރިން މޮނިކޮން އަމުރޭ ނެރޭ މީހުންގެ މައުލޫމާތު މީޑިއާއަށް ހިއްސާކުރެ އެވެ.

މޮނިކޮން އަމުރުގެ ދަށުން އެންމެ ފުރަތަމަ ޓެގު އަޅުވަން ފަށާފައި ވަނީ ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވި އިރު އެވެ. އެ ދުވަސްވަރު 15 މީހެއްގެ ފައިގައި ޓެގް އަޅުވައިގެން ފުލުހުން މޮނިޓާ ކުރަމުން ދިޔަ އެވެ. ނަމަވެސް އޭރު ރައީސް އޮފީހުން ނިންމީ ޓެގު އެޅުވޭނީ ހޯމް މިނިސްޓްރީގެ ދަށުން އޮންނަ ކޮމިޓީއަކުން ފާސް ކުރުމުން ކަމަށެވެ.

ޓެގު އެޅުވި މޮނިޓާ ކުރުމުގެ ގޮތުން ހައި ކޯޓުން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ޓެގު އަޅުވާ ފަރާތްތައް ރޭގަނޑު 10:00 އާއި ހެނދުނު 6:00 އާ ދެމެދު ގެއިން ބޭރަށް ނުދިއުމާއި ހޯމް މިނިސްޓަރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުން ހިމެނެ އެވެ. އަދި އެ އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުމާއި އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުމުގެ އިތުރުން އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގާ ޕްރިންޓްފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓަކޮށް ކޮންޓްރޯލްކުރުން ހިމެނެ އެވެ.