ހަބަރު

އިދިކޮޅު އެއް ކެނޑިޑޭޓްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން: ޝިފާޒް

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުން ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ވިސްނުންފުޅަށް އަމަލު ކުރުމަށް ގުޅިފައިވާ ހަތަރު ޕާޓީ ގުޅިގެން ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ފަރާތްތަކުން މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ރައީސް ނަޝީދުގެ ވިސްނުންފުޅުގައި ހުރި ބައެއް ކަންކަން މިހާރު މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް އެނގިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ނަޝީދުގެ އެ ވިސްނުންފުޅާ އެއްގޮތަށް އިދިކޮޅު ހުރިހާ ފަރާތްތަކަށް އެކައްޗެއް ކިޔައިގެން އެއް ވިސްނުމެއްގައި އަންނަ ރިޔާސީ އިންތިހާބަށް މަސައްކަތް ކުރެވޭނެ އެވެ.

"އެހެން ނަމަވެސް އެކަން ކަމުގެ ސީދާ ރަސްމީ މަސައްކަތެއް އެކުގައިވާ ހަތަރު ޕާޓީއިން ދާދި އަވަހަށް ރަސްމީ ސިފައެއްގައި ހިންގާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އެބަ އުންމީދު ކުރަން، އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން ހަތަރު ޕާޓީއަށް އެ މަސައްކަތް ކުރެވޭނެ،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ އެ މަސައްކަތުގައ ހަތަރު ޕާޓީ ގުޅިގެން ރަނގަޅު ގޮތްތަކެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ވާދަކޮށް އިންތިގާލީ ސަރުކާރެއްގެ ތެރެއިން އިސްލާހު ގެނެވޭނެ ކަމަށް ރައީސް ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނުގެ ވިސްނުންފުޅަށް ތާއިދުކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ.

ރައީސް ނަޝީދު ވަނީ އަންނަ އިންތިހާބުގައި އެއް ކެނޑިޑޭޓެއް އިދިކޮޅުން ނެރެ އިންތިގާލީ ވެރިކަމެއް ގާއިމުކޮށް، މިނިވަން އިންތިހާބެއް ބޭއްވުމަށް ގޮވާލައްވާފަ އެވެ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އަމާޒު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު ނެރެވޭ އިންތިގާލީ ކެންޑިޑޭޓް ވެރިކަމަށް ހޮވާނީ ގުޅިފައިވާ ޕާޓީތަކުން އެކުލަވާލައި ވޯޓާސް ލިސްޓަކުން ކަމަށާއި އެ ލިސްޓު ގުޅިފައިވާ ޕާޓީތަކުން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވައި ވެސް ލެވިދާނެ ކަމަށެވެ.