ރޮޒައިނާ އާދަމް

މެޑަމްގެ އައްޑޫ ދަތުރުފުޅުގެ ކަންކަން ބަލަން ގޮވާލައިފި

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބި ކަނބަލުން މެޑަމް ފާތުމަތު އިބްރާހީމް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ޓިކެޓް ބައްލަވައިގެންފައިވަނީ ސަރުކާރު ބަޖެޓުން ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައިދިނުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގޮވާލައްވައިފި އެވެ.

އެމްޑީޕީން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރޮޒޭނާ ވަނީ މެޑަމް ފާތުން އާއެކު އައްޑޫ ދަތުރުގައި ބައިވެރިވި ހުރިހާ އެންމެންގެ ޓިކެޓާއި އެހެނިހެން ހަރަދުތައް ކޮށްފައިވަނީ ސަރުކާރުން ބަޖެޓުންތޯ ބަލައި އެ ދަތުރުގެ ފައިސާގެ މުއާމަލާތްތައް ހިނގާފައިވާ ގޮތް ބަލައިދިނުމަށް ގޮވާލާފަ އެވެ.

ރޮޒޭނާގެ ވާހަކައިގައި މެޑަމްގެ ފާތުންނަށް ރިޝްވަތުގެ ތުހުމަތުތަކެއް ވެސް ވަނީ ކޮށްފަ އެވެ. އެގޮތުން އައްޑޫ ސިޓީގެ ދެ ކައުންސިލަރަކަށް ރިޝްވަތު ދެއްވަން އުޅުއްވުމުގެ ތުހުމަތެއްވެސް ކުރެއްވި އެވެ. އޭނާ ވިދާޅުވީ ދެ ކައުންސިލަރަކަށް ހަ މިލިއަން ރުފިޔާ ހުށަހަޅާފައިވާ ކަމަށް މީޑިއާގައި އަޑު ފެތުރިފައިވާ ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ ބައެއް މެންބަރުން "ގަންނަން" ވެސް މަސައްކަތް ކުރެއްވި ކަމަށެވެ.

ރޮޒޭނާގެ ވާހަކައިގައި މެޑަމްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއަށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.