އޮޑިޓާ ޖެނެރަލް އޮފީސް

އޮޑިޓު އޮފީހަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން ފާސްކޮށްފި

އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަމުން ދަނިކޮށް، އަންނަ އަހަރު އޮޑިޓާ ޖެނަރަލްގެ އޮފީހަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އޮޑިޓު އޮފީހަށް ދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ގޮތަށް ފާސް ކުރުމަށް ވޯޓު ދެއްވީ 34 މެންބަރުންނެވެ. ނަމަވެސް މަޖިލީހުގައި އިހުތިޖާޖު ކުރަމުން ދިޔަ އިދިކޮޅު ފަރާތްތައް ވޯޓު ނަގަން ފެށި ހިސާބުން ތަޅުން ދޫކޮށް ދިޔަ އެވެ. އޮޑިޓު އޮފީހުގެ ބަޖެޓު ކޮމިޓީން ފާސްވީ އިދިކޮޅު މެންބަރުންގެ ވޯޓާ ވެސް އެކުގަ އެވެ.

ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރަކު އޮޑިޓާ ޖެނަރަލްގެ އޮފީހުގެ ބަޖެޓު ކަނޑައަޅަން ޖެހޭނީ މާލިއްޔަތު ކޮމިޓީންނެވެ. އެގޮތުން އޮޑިޓު އޮފީހުން އެ ކޮމިޓީއަށް ފޮނުވާފައި ވަނީ 50.599 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޮޑިޓާ ޖެނަރަލް އޮފީހުން މި އަހަރު ބޭނުން ކުރުމަށް މިދިޔަަ އަހަރު މާލިއްޔަތު ކޮމިޓީން ފާސްކޮށްފައި ވަނީ 45 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އެ ބަޖެޓަށް މަޖިލީހުގައި މިއަދު ބަހުސް ކުރެއްވި ސަރުކާރު މެންބަރުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގިނަ ކޮރޮޕްޝަންތައް ހިނގި ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެކަންކަން ބެލުމަށް އޮޑިޓާ ޖެނަރަލް އޮފީހަށް އެކީގެންވާ ވަރުގެ ރަނގަޅު ބަޖެޓެއް ދޭން ޖެހޭ ކަމަށް ބަހުސް ކުރެއްވި ޕީޕީއެމް މެންބަރުން ވިދާޅުވި އެވެ.