ސައުދީ އަރަބިއްޔާގައި މަސައްކަތް ކުރން ދާ މީހުންނަށް އެ ގައުމުން ދޫކުރާ ވޯކް ވިސާގެ މުއްދަތު އެއް އަހަރަށް ކުރު ކޮށްފި އެވެ. މީގެ ކުރީގައި ސައުދީން ވޯކް ވިސާ ދޫކުރަމުން އައީ ދެ އަހަރު ދުވަހުގެ މުއްދަތަަކަށެވެ.
ސައުދީ ލޭބާ އެންޑް ސޯޝަލް ޑިވެލޮޕްމެންޓް މިނިސްޓްރީއާ ހަވާލާދީ ސައުދީ ގެޒެޓް ނޫހުން ބުނީ މުއްދަތު ކުރު ކުރާނީ އަމިއްލަ ކުންފުނިތަކުން ގެންނަ މީހުންނަށް ދޫކުރާ ވޯކް ވިސާގެ އެކަނި ކަމަށެވެ. އަދި ބުނީ އާ ގަވައިދަށް މިހާރު އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
ވޯކް ވިސާ ދޫކުރުގެ ގަވައިދަށް ގެނައި ބަދަލަކީ މަސައްކަތްތެރިންނާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާއިން މިނިސްޓަރަށް ލިބިދޭ އިހުތިޔާރުގެ ދަށުން ގެނައި ބަދަލެކެވެ. އެ ގާނޫނުގައިވާ ގޮތުން ވަޒީފާގެ ބާޒާރުގެ ދުޅަހެޔޮކަން އިތުރު ކުރުމަށްޓަކައި ގަވައިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އިހުތިރާރު މިނިސްޓަރަށް އޮވެއެވެ.
ސައުދީއިން ވިސާ ގަވައިދަށް ބަދަލެެއް ގެނެސްފައި ވަނީ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގިނަ ހާދިސާތަކެއް އެގައުމުގައި ހިނގާފައި ވަނިކޮށެވެ. އެގޮތުން ގޭގޭގައި ގެންގުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ޖިސްމާނީ އެކިބާވަތުގެ އަނިޔާ ކުރުމުގެ ގިނަ މަސަައްލަތަކެއް ފަހަކަށް އައިސް ވަނީ ފެންމަތިވެފަ އެވެ.
ގަވާއިދާ ހިލާފަށް ސައުދީއަށް މީހުން އެތެރެވުމުގެ މައްސަލަވެސް އޮތީ ބޮޑުވެފަ އެވެ. އެގޮތަށް އައިސް ތިބި އެތައް ލައްކަ ބަޔަކު ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ހޯދައި ފޮނުވާލާފައި ވެއެވެ.