ހަބަރު

ފައިނު ބަނދަރާއި ގޮނޑުދޮށް ހިމާޔަތް ކުރުން އިފްތިތާހް ކޮށްދެއްވައިފި

ރ. ފައިނުގެ ބަނދަރު ހުޅުވުމާއި އެރަށުގެ އެެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުން ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް އިފްތިތާހު ކޮށްދެއްވައިފި އެވެ.

ފައިނުގެ ބަނދަރު ހުޅުވުމާއި އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުން އިފްތިތާހްކޮށްފައިވަނީ، ރައީސް ޔާމީން ރ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ފައިނަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

30 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފައިނުގައި ބަނދަރު ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހަވާލު ކުރީ އެމްޓީސީސީއާ އެވެ. އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހު އެވެ. އެރަށުގެ ބަނދަރަކީ ދިގު މިނުގައި 400 ފޫޓް އަދި ފުޅާ މިނުގައި 200 ފޫޓް ހުންނަ ބޮޑު ބަނދަރެކެވެ.

މީގެ އިތުރުން ސަރުކާރު ބަޖެޓުން 4.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެންވަޔަރަމަންޓް މިނިސްޓްރީން ހަވާލު ކޮށްގެން އެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީންނެވެ. އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އަދި މަސައްކަތް ނިންމާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ މޭމަހު އެވެ. އެ މަޝްރޫއުގެ ދަށުން އެރަށުގައި 155 މީޓަރު ބޮޑުހިލައިގެ ރިވެޓްމެންޓްއެއް ގާއިމްކޮށްފައި ވެއެވެ.

ފައިނު ބަނދަރާއި އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުން މިއަދު އިފްތިތާހް ކޮށްދެއްވާފައިވާއިރު ރައީސް ޔާމީން ވަނީ މިއަދު އެއަތޮޅު މަޑުއްވަރީގެ ނަރުދަމާގެ މަޝްރޫ އާއި އެެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވެސް އިފްތިތާހް ކޮށްދެއްވާފަ އެވެ.

ރައީސް ޔާމީން މިއަދު ރ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލަކީ މީދޫ އެވެ. މިއަދު ހަވީރު މީދޫއަށް ވަޑައިގެން އެރަށުގެ މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މީދޫގެ ފެނުގެ ޚިދުމަތާއި، ނަރުދަމާގެ ޚިދުމަތް ފެށްޓެވުމަށްފަހު، އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްވެސް ހަމަޖެހިފައި ވެއެވެ.