ހަބަރު

ނަދީމްގެ މަރުގެ މައްސަލައިގެ ޝަރީއަތް މާދަމާ

ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ ޝަރީއަތް މާދަމާ ފަށަން ނިންމައިފި އެވެ. ނަދީމް މަރާލާފައިވަނީ ޓާމިނަލް ކެފޭގެ ތެރޭގައި އިންދަ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު އެވެ.

އެ މައްސަލައިގެ ޝަރީއަތް މާދަމާ ހެނދުނު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. ނަދީމްގެ މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒު އަދި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީންއާއި ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއްގެ މައްޗަށެވެ.

އެ ތިން މީހުންގެ ތެރެއިން މަފާޒްގެ މައްޗަށް ދައުލަތުން ކުރަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ބޭނުން ކުރުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ނިފާޒު އަދި ޝާމިންގެ މައްޗަށް ކުރަނީ ދަށުން ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި ޖުވެނައިލް ކޯޓުގައި ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުލަތުންވަނީ ދައުވާ އުފުލާފަ އެވެ.

ފުލުހުން ބުނީ ނަދީމް މަރާލާފައިވަނީ ދެ ގޭންގެއްގެ ދެމެދު ޖެހިފައިވާ މައްސަލައެއްގެ ތެރެއިން ބަދަލު ހިފުމަށް ކަމަށެވެ.