ކޮލަމް

މި އަޅާ ފްލެޓްތަކަކީ އިގްތިސާދީ ދަންތުރައެއް!

Nov 21, 2017
18

މާލެ، ހުޅުމާލެ މިހެން ގޮސް ރާއްޖޭގެ އެތަން މިތަނުގައި ސައިޒުގެ ގޮތުން ބޮޑެތި، އުސް އެހާމެ ރީތި އިމާރާތްތައް އުފުލި ފައްކާވަމުން އެބަ އާދެ އެވެ. ނަތީޖާއަކީ ބުއްދިއަށް ވެސް ތަސައްވަރު ނުކުރެވޭހާ ބާރުމިނުގައި ކޮންސްޓްރަކްޝަން ނޫނީ އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރައިގެން ދިޔުމެވެ. އެ ދާއިރާގެ ކުރިއެރުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި 12 ޕަސެންޓަށް ކުރިއަރައިފި އެވެ. މިއީ މިފަހުގެ ތާރީހެއްގައި ރާއްޖޭގެ އިގްތިސާދީ ސިނާއަތެއް ކުރިއަރައިގެން ނުދާހާ ބާރުމިނެކެވެ. ރާއްޖޭގެ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީއަށް ހެޔޮ އަސަރެއް ކުރާ ސަބަބަކަށް ވެސް މި ކުރިއެރުން މި އޮތީ ވެފަ އެވެ. ސިޔާސީ ގޮތުން އިންތިހާއަށް ބައިބައިވެފައިވާ މިގައުމުގައި އެ ހެޔޮ އަސަރުގެ ފުރިހަމަ ކްރިޑިޓް މި ސަރުކާރުގެ ވެރިން ނަގައި، ރައީސް އަބްދުﷲ ޔާމީންގެ މޮޅު އިގްތިސާދީ ސިޔާސަތަށް އަންނަނީ އަތް ޖަހަމުންނެވެ.

އެކަމަކު މީގެ ދުވަސްގަނޑެއް ކުރިއަށް ޖެހިލާ މަންޒަރު ބަލާއިރު ފެންނަން އޮތީ ވީރާނާކަމެވެ. މިއީ ދުރު ރާސްތާއެއްގައި އިގްތިސާދުގެ މައްޗަށް ކުރިމަތިވާނެ ބޮޑު ތޫފާނެކެވެ. ހަމަގައިމުވެސް އެ ދުވަހަކުން އަތް ޖަހާނެ މިހާކު ވާނެ ހެނެއް ހިއެއް ނުވެ އެވެ.

މިހާރު ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ އެންމެ ފަސޭހައިން މިސާލު ޖެހޭނީ ސައިބޯނި ބޮތްކަކާ އެވެ. ދުވަހެއް ދުވަހަކަށް އެ ދާއިރާގެ އިންވެސްޓްމަންޓްތައް މި އަންނަނީ އިތުރުވެ ފުފެމުންނެވެ. ސައިބޯނި ބޮކިވެސް ވަކި ވަރަކަށް ބޮޑުވެ ދެން ދާނީ ފަޅައިގެންނެވެ. އެއީ ލޮލަށް ދައްކާލާ ފާޑެއްގެ ދަޅަ އެކެވެ. މި ހިއްލައިލެވޭ އުސްޓަވަރުތަކާ ހުރެ އިގްތިސާދީ ބޮޑެތި މައްސަލަތަކެއްގެ ފެށުން އޮތީ ނިކަން ކައިރީގަ އެވެ. އަދި އެކަމުގެ ސަބަބުން ނިކުމެދާނެ އިޖްތިމާއީ މައްސަލަތައް އެއަށް ވުރެ ގިނަ އެވެ. އެ ވާހަކަ އިހަށް ބާއްވަމާ ހިނގާށެވެ.

އެންމެ ފަހުން މިދިޔަ ހަފްތާ ސަރުކާރުން އިއުލާން ކުރިީ ސޯޝަލް ހައުސިންގެ ދަށުން 25 ބުރީގެ 62 ޓަވަރު ހުޅުމާލޭގައި އަޅާށެވެ. އެއީ، ހިސާބު ޖަހާނަމަ 14،000 ފްލެޓެވެ. ނޫނީ އެއަށް ވުރެވެސް ގިނަ އެވެ. މީގެ އިތުރަށް ރާއްޖޭގެ ބޮޑެތި އަމިއްލަ 15 ކުންފުންޏަކުން ހުޅުމާލޭގައި އަންނަނީ ލަގްޒަރީ ނޫނީ ސެމީ ލަގްޒަރީ ފެންވަރުގެ އެތައް ހާސްފްލެޓެއް ހިމެނޭ ކޮމްޕްލެކްސްތައް ތަރައްގީ ކުރަމުންނެވެ. އަދި މީގެ އިތުރަށް ސިފައިންނާއި ފުލުހުންނަށް ހާއްސަ 600 އެއްހާ ފްލެޓް ހުޅުމާލޭގައި އެ އަންނަނީ ފައްކާ ވަމުންނެވެ. މިއީ ވެސް އެތައް ހާއްސަ ރައްޔިތެއްގެ ބޯހިޔާވަހިކަމެވެ.

މީގެ ކުރިން ރައީސް ނަޝީދުގެ ސަރުކާރުގައި ދިރާސާތަކެއްކޮށް އޭރު ހައުސިން މިނިސްޓްރީ އިން ލަފާކޮށްފައި އޮތް ގޮތުގައި މާލޭ ސަރަހައްދަށް ބޭނުން ވަނީ 10،000 ފްލެޓެވެ. އެއީ އަނެއްހެން ބުނާ ނަމަ، ރިއަލް އެސްޓޭޓް މާކެޓް ނޫނީ ހައުސިން މާކެޓަށް ފުދޭނެ އަދަދެވެ. އެއަށް ވުރެ އިތުރަށް އެތައްހާސް ފްލެޓެއް އަޅާނަމަ، އެ ސިނާއަތަށް އޮތް ޑިމާންޑަށް ވުރެ މާ މައްޗަށް ސަޕްލައި އޮންނާނީ އަރައިގެން ގޮސްފަ އެވެ. މި ގޮތަށް ރިއަލް އެސްޓޭޓްގެ ދާއިރާ ފްލަޑް ކޮށްލީމާ އޭގެ ނަތީޖާއަކަށް ވާނީ ކޮބައި ހެއްޔެވެ؟ ނޫނީ 14،000 ހައުސިން ޔުނިޓް ހުޅުމާލޭގައި ފައްކާ ކުރަނީ ކޮން ދިރާސާއެއްކޮށްގެން ހެއްޔެވެ؟

މިފަދަ ހާލަތްތަކަށް އިގްތިސާދީ މާހިރުން ދީފައިވާ، ނަމަކީ "ރިއަލް އެސްޓޭޓް ބަބުލް" ނޫނީ "ހައުސިން ބަބުލް" އެވެ. ކުރުކޮށް ފޮނިކޮށް ބުނާ ނަމަ އޭގެ މާނައަކީ ސިނާއަތުގައި އޮތް ޑިމާންޑަށް ވުރެ މާ ގިނައިން އިމާރާތްތައް ހެދުމުގެ ސަބަބުން، އެންމެ ފަހުން އެ ތަންތަން ކުއްޔަށް ނަގާނެ ބަޔަކު ނުވެ ރިއަލް އެސްޓޭޓް ކުންފުނިތައް ބަގްރޫޓް ވުމާ ދިމާލަށް މިސްރާބު ޖެހުމެވެ. އެންމެ ފަހުން އެ ކުންފުނިތަކަށް އެ ތަންތަން ވިއްކަން ޖެހޭނީ ނުއަގުގައި ބޮޑު ގެއްލުމުގަ އެވެ. އަދި އެފަދަ އިމާރާތްތައް ފައްކާ ކުރުމަށް ބޭންކްތަކުން ނަގާފައިވާ އެތައް ލޯނުތަކެއް ނުދެއްކި ބޭންކިން ސިނާއަތް ވެސް ވަޅުޖެހުމުގެ ނަތީޖާއާ މިފަދަ ހާލަތެއްގައި ކުރިމަތިލާން ޖެހެ އެވެ. މިކަހަލަ ހާލަތެއް 2006-2012 ވަނަ އަހަރު އެމެރިކާގައި ކުރިމަތިވެ، މުޅި ދުނިޔެއަށް އަސަރު ކުރި މާލީ ކާރިސާއަކާ އެ ގައުމު ކުރިމަތިލި އެވެ.

ޗައިނާގައި ވެސް މިކަހަލަ ހާލަތެއް މިހާރު ވެސް އަންނަނީ ތަޖުރިބާ ކުރަމުންނެވެ. އެގޮތުން އެގައުމުގެ އިގްތިސާދީ ތަރައްގީއާ އެކު އެ ގައުމުގެ ރިއަލް އެސްޓޭޓް މާކެޓަށް އިންވެސްޓްމަންޓްތައް ފުނި ޖެހި، އެތައް ލައްކަ އިމާރާތަކާ އެކު ބޮޑެތި ސިޓީތައް ބިނާކުރަން ފެށި އެވެ. އެހެން ނަމަވެސް އެ ސިޓީތަކުގެ ފްލެޓްތައް ގަންނާނެ ބަޔަކު ނުވެ، ބައެއް ސިޓީތައް އެހެރީ ހަމަ އެ ހުރި ގޮތަށެވެ. ނަތީޖާއަކަށްވީ، އެތައް ބިލިއަން ޑޮލަރުގެ ލޯނުތައް ނުދެއްކި ރިއަލް އެސްޓޭޓް ކުންފުނިތައް ބޮޑެތި ދަރަނިތަކުގައި ތާށިވުމެވެ. އެފަދަ ޝަހަރުތައް މަޝްހޫރުވެފައި ވަނީ ޗައިނާގެ ގޯސްޓް ސިޓީތަކުގެ ގޮތުގަ އެވެ. މި ހާލަތުގެ ސަބަބުން ޗައިނާގެ އިގްތިސާދަށް އިނގުންވާ ވަރުގެ ލޮޅުމެއް ނާރައިގެން އުޅެނީ އެ ގައުމުގެ އިގްތިސާދުގެ ވަރުގަދަކަމުން ކަމަށް އިގްތިސާދީ މާހިރުން ލަފާކޮށްފައިވެ އެވެ. އެކަމަކު ރާއްޖެ ކަހަލަ ކުޑަކުޑަ އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އިގްތިސާދަކަށް މިކަހަލަ ހާލަތަކުން ކުރާނެ ލޮޅުން ވަރަށް ބޮޑުވެދާނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ކޮންމެ ތަގުރީރެއްގައި ވެސް ރަށްތައް ދޫކޮށް އެންމެން މާލެ އަންނަން ދައުވަތު ދެއްވަނީ މިކަހަލަ ހާލަތެއްގެ ބިރު އޮތީމާ ކަމަށް ވެސް ވެދާނެ އެވެ. މިހާރު މި އުފުލޭ ޓަވަރުތަކާއި އަމިއްލަ މީހުން މި ހަދާ ފްލެޓް އިމާރާތްތަކަށް ޑިމާންޑެއް ކްރިއޭޓް ކުރެވެން އޮތީ އާބާދީ ތޮއްޖައްސައިގެން ކަމަށް އެމަނިކުފާނަށް ގަބޫލު ކުރެވެނީ ކަމަށް ވެދާނެ އެވެ. އިގްތިސާދުގެ މައްޗަށް އަރަމުން އަންނަ ކަޅުބޯވިލާގަނޑު އެމަނިކުފާނަށް ތަސައްވަރު ކުރެވެނީ ކަމަށްވެދާނެ އެވެ. ހަމަ ގައިމު ވެސް ޔަގީންވާ ކަމަކީ ހުޅުމާލޭގައި ސަރުކާރުން މިހަދާ ޓަވަރުތަކުން ބޯހިޔާވަހިކަން ބޭނުންވާ ލައްކައެއްހާ ރައްޔިތުންނަށް ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ލިބޭ އިރު، އަމިއްލަ މީހުން ހަދާ ފްލެޓްތަކާއި މާލޭގައި ހަދާ އިމާރާތްތަކުން ފްލެޓް ކުއްޔަށް ނަގަން ވެސް ތިބީ މި ރައްޔިތުން އެވެ. ސޯޝަލް ހައުސިންގެ ދަށުން އަގުހެޔޮކޮށް ފްލެޓެއް ލިބޭ މީހާ ލަގްޒަރީ ނޫނީ ސެމީ ލަގްޒަރީ އިމާރާތަކުން ބޮޑު އަގު ދީފައި ދަރަންޏެއް ބޮލުއަޅައިގެން ފްލެޓެއް މިލްކު ކުރަން އުޅޭނީ ވަރަށް ނާދިރު ހާލަތެއްގަ އެވެ.

ހުޅުމާލޭގައި މިހާރު ހަދާ ފްލެޓްތަކުގެ އަގު ދެތިން ހަތަރު މިލިއަން ރުފިޔާއަށް އަރާއިރު އެ ފްލެޓް ގަންނަން ލޯނު ހޯދުމަށް ބޭންކަށް ހަތަރު ލައްކަ އާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ ސެކިއުރީޓީ ޑިޕޮސިޓެއް ދެއްކޭވަރު ތިބީ އަތުން ގުނާލެވޭހާ މަދުބަޔެކެވެ. އަދި އެއްފަހަރު ފްލެޓެއް ގަތުމަށް ފަހު އަނެއްކާ ވެސް އަގުބޮޑު ފްލެޓެއް ހުޅުމާލެއިން ގަނެލެވޭ ވަރު މީހުން އަދި އެއަށް ވުރެވެސް މަދުވާނެ އެވެ. އެހެން ވީމާ، މި އަޅާހާ ލަގްޒަރީ ފްލެޓް އިމާރާތްތަކުން ފްލެޓް ގަންނާނީ ކޮން ބައެއް ހެއްޔެވެ؟ އެހެން ވެއްޖިއްޔާ އެތަންތަނަށް ވާނީ ކިހިނެއް ހެއްޔެވެ؟ ދެން އެތަންތަން ގަންނަން ވެސް ތިބީ ބޭރު ގައުމަކުން ރާއްޖެއަށް ދިރިއުޅުން ބަދަލުކޮށްލަން ނޫނީ ޗުއްޓީއެއް ހޭދަކޮށްލަން އަންނަން ބޭނުންވާ ބަޔެކެވެ. އެކަމަކު ރާއްޖޭގައި މިކަހަލަ މުއްސަދިންނަށް އެކަށީގެންވާ މާހައުލެއް އެބަ އޮތް ހެއްޔެވެ؟

މިކަހަލަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ ހުޅުމާލޭގައި މި އަޅާހާ ލަގްޒަރީ ފްލެޓް އިމާރާތްތައް ނުވިކި އެ ތަންތަން ހުހަށް ހުރެ ވީރާނާ ވުމާ ދިމާލަށް ހިނގައިދާނެ އެވެ. އޭގެ ކުޑަކުޑަ މިސާލެއް ޓާޓާ ފްލެޓްތަކަށް ބަލައިލީމާ އެހެރީ ފެންނާށެވެ. އެތަންތަނަށް ވަދެވޭނެ ފެންވަރުގެ މީހުން ނެތިގެން ގިނަ ތަންތަން އެހެރީ ހުހަށެވެ. އެ ތަންތަން ވިއްކާލަން ނިންމާފައިވާ އިރު އެތަންތަން ގަނެވޭނީ ކިތައް މީހުންނަށްތޯ އެއީ އަދި މާ ބޮޑު ސުވާލެކެވެ.

މިހާރު މިހަދާ ފްލެޓް އިމާރާތްތަކުގެ ބޮޑު ބައެއް އިމާރާތް ކުރަނީ ރާއްޖޭގެ ކޮންމެވެސް ބޭންކަކުން ފައިނޭންސް ހޯދައިގެން ކަމަށްވާ އިރު، އެ ލޯނުތައް އަނބުރާ ދެއްކޭނެ ފަދައެއް ކުުންފުނިތަކުގެ ނެތިއްޖެ ނަމަ ރާއްޖޭގެ ބޭންކްތަށް ސޮއްސާލައިގެން ދާނީ ކޮންފަދަ ބޮޑު ވަޅުގަނޑަކަށް ހެއްޔެވެ؟ އޭގެ ސަބަބުން ބޭންކްތައް ތިބޭނީ އާންމު ވިޔަފާރިތަކަށް ލޯނު ދޫކުރެވޭނެ ހާލަތެއްގައެއް ވެސް ނޫނެވެ. އޭގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލުމުގެ ބިރުވެސް ކުރިމަތީގައި އޮތީ އެވެ. މީގެ އަހަރުތަކެއް ފަހަތަށް ދާއިރު ބޮޑު ދެތިން ލޯނެއް ޑީފޯލްޓް ވާއިރަށް ގައުމީ ބޭންކް، ބީއެމްއެލް ސޮއްސާލައިގެން ދިޔަ ދަށު ދަރަޖަ ނޭނގޭ ދިވެއްސަކު ހުރިހެން ހިއެއް ނުވެ އެވެ.

ދެން އޮތީ މާލެ ސަރަހައްދު ތޮއްޖައްސައިގެން މި ތަންތަނަށް ޑިމާންޑް އުފެއްދުމެވެ. އެކަމަކު މާލެއަށް ދިރިއުޅުން ބަދަލުކޮށް މިތަނަށް ބޮޑު ހަރަދު ކުރަން އެވަރުގެ މާލީ ތަނަވަސްކަމެއް ހުރީ އަހަރުމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ ހަމަ ޔަގީނުން ވެސް އެއީ ވަރަށް މަދުބަޔަކަށް ވާނެ އެވެ. އަދި އަތޮޅުތަކުގައި ދިރިއުޅޭ ގިނަ ބަޔަކު އުޅެމުން އަންނަނީ އެ މީހުންނަށް ކިރިޔާ އުޅެލެވޭ ވަރުގެ އާމްދަނީއެއް ލިބޭވަރުގެ ވަޒީފާއަކަށް ގޮސްގެން އޭނގެން ފުއްދާލައިގެން އުފާވެރި ދިރިއުޅުމެކެވެ. އެގޮތަށް ހަޔާތް ބައްޓަން ކޮށްފައި ތިބި ބަޔަކު މިތަނަށް ހިޖުރަކުރަން ވިސްނައިދޭނެ ގޮތެއް އަހަރެންގެ ވިސްނުމަކަށް ނާދެ އެވެ. އާ އެކެވެ! ބޮޑު މަޖުބޫރެއްކޮށް ބޮލުގައި ބަޑިޖައްސައިގެން ގިނަ ބަޔަކު މާލެއަށް ޖަމާކުރެވިދާނެ އެވެ.

އެހެންވީމާ، ރިއަލްއެސްޓޭޓްގެ ދާއިރާ އަދި ފުޅާވެ ފައްކާވުމަކުން އޮތް ހިތްހަމަ ޖެހުމެއް ނެތެވެ. މާލެ ސަރަހައްދުގައި އަޅާހާ ފްލެޓްތައް އިތުރުކޮށް މި ދާއިރާ ތޮއްޖެއްސުމަކުން ވެސް ހިތްހަމަ ޖެހުމެއް ނެތެވެ. އެއަށް ވުރެ ބޮޑަށް މި ރިއަލްއެސްޓޭޓް ބޫމްއާ ހެދި ރާއްޖޭގެ އިގްތިސާދު މިދަނީ ގޮތް ނޭނގޭ އަނދަވަޅަކަށް ވެއްޓުމުގެ މިސްރާބަކަށް ކަމަށް ލަފާކުރަން ފުރުސަތު އެބަ އޮތެވެ. މިހާރުވެސް ހުޅުމާލޭގައި ހަދާ ލަގްޒަރީ ފްލެޓްތައް އަޅަން ފެށިތާ އަހަރުތަކެއް ވީއިރު އޭގެން ގިނަ ތަންތަން އެކީ ވިއްކާ ހުސްނުކޮށް ލެވިގެން ކުންފުނިތަކުން ތެޅެނީ އެހެން ވެގެން ކަމަށްވެދާނެ އެވެ. މިހާރު މި އުފުލައިލާ ޓަވަރުތަކާ އެކު އެހާލަތު އިތުރަށް ގޯސްވެ ކުންފުނިތައް މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިދާނެ އެވެ. އެހެންވީމާ، ފުންކޮށް ވިސްނާށެވެ. އަދި އަތްޖަހަން ގާތްވެސް ނުވެ އެވެ.