ހަބަރު

ޕިންކް ރިބަން ރަން- ވޯކް ގައި ބީއެމްއެލް

ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ބާއްވާ ބައިނަލް އަގްވާމީ ހަރަކާތް "ޕިންކް ރިބަން ރަން - ވޯކް" ގައި ގައުމީ ބޭންކު (ބީއެމްއެލް) އިން މި އަހަރުވެސް ބައިވެރިވެއްޖެ އެވެ. އެ ހަރަކާތުގައި މިދިޔަ އަހަރުވެސް އެ ބޭންކުން ބައިވެރިވި އެވެ.

ޕިންކް ރިބަން ރަން - ވޯކް އަކީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ހިނގާލުމެކެވެ. އެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ހަވީރު 4:00 ޖަހާއިރު އެވެ. ހުޅުމާލޭގެ އިތުރުން ބީއެމްއެލްގެ ބްރާންޗެއް ހުންނަ ހުރިހާ ރަށަކާއި އަދި ބ. ތުޅާދޫގައި އެ ހަރަކާތް ކުރިއަށްދާނެ އެވެ.

އެ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ޓީޝާޓު ވިއްކަން މިހާރުވަނީ ފަށާފަ އެވެ. މާލެއިން އެ ޓީޝާޓު ލިބެން ހުންނާނީ ލެކިއުޓް ފިހާރައިންނެވެ. އަތޮޅުތަކުގައިވެސް މިހާރު ޓީޝާޓު ލިބެން ހުންނާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ އެ ހަރަކާތުގައި ބައިވެރިވުމުގެ މަގްސަދަކީ ކެންސަރަށް މީހުން ހޭލުންތެރި ކުރުމުގައި ބައިވެރިވުން ކަމަށެވެ. އަދި ހާއްސަކޮށް އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުމަށް ކަމަށެވެ. އެ ހަރަކާތުގައި ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މުހިންމު މައުލޫމާތު ދީ، ކެންސަރުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތައް ކިޔައިދޭނެ ކަމަށެވެ.

ދުނިޔޭގެ އާބާދީގެ ކޮންމެ އަށް އަންހެނަކުން އެއް އަންހެނަކަށް އުރަމަތީގެ ކެންސަރު ޖެހޭކަމަށްވެ އެވެ. އެހެން ކަމުން ގަވާއިދުން ކެންސަރަަށް ސްކްރީން ކުރަން ޑޮކްޓަރުން އިރުޝާދު ދެ އެވެ. އެ ބައްޔަކީ ބަލީގެ ކުރީކޮޅު ފަރުވާކުރެވިއްޖެނަމަ ރަނގަޅު ކުރެވޭ ބައްޔެކެވެ.

އޮކްޓޫބަރު މަހަކީ ބައިނަަލްއަގްވާމީ ގޮތުން އުރަމަތީ ކެންސަރަަށް މީހުން ހޭލުންތެރު ކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކޮށް އެކަން ފާހަގަކުރާ މަހެކެވެ.