ފިނިޕޭޖް

މޯލްޑިވިއަން އައިޑޮލްގެ މީޑިއާ ޕާޓްނަރެއް ނުނަގާނެ

މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަނަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ތައްޔާރުވަމުން އަންނަ އިރު މިފަހަރު އޮންލައިން މީޑިއާ ޕާޓްނަރެއް ނުނަގާނެ ކަމަށް ޕީއެސްއެމް އިން ބުނެފި އެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިމިނަތު ޝާޔަން ޝާހިދު ވިދާޅުވީ އޮންލައިން މީޑިއާ ޕާޓްނަރެއް ނުނަގާ ގޮތަށް ނިންމީ ހުރިހާ މީޑިއާ އަކަށް ހަމަހަމަކޮށް އައިޑޮލް ކަވަރު ކުރުމުގެ ފުރުސަތު ހޯދައިދޭން ވެގެން ކަމަށެވެ. ޝައުގުވެރިކަން އޮތް މީޑިއާތަކާއި އައިޑޮލް ހަބަރުތައް ހިއްސާކުރާނެ ކަމަށާއި އަދި ފޮޓޯތައް ޕީއެސްއެމް އިން ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"މީޑިއާ ޕާޓްނަރަކަށް ވަކި މީޑީއާއެއް ނުނެގީމަ ހުރިހާ މީޑިއާއަކަށް ފުރުސަތު ލިބޭނެ ކަވަރު ކުރަން، އިންޓަވިއުތައް ވެސް ލިބޭނެ ހުރިހާ މީޑިއާތަކަށް،" ޝާޔަން ވިދާޅުވި އެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. އަދި އެހެން ސްޕޮންސަރުން ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ. މޯލްޑިވިއަން އޒއިޑޮލް ސީޒަން ތިނެއް މާދަމާ ރޭ ލޯންޗުކުރާނެ އެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއް އަދި ސީޒަން ދެއެއްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އެވެ. އައިޑޮލްގެ ދެވަނަ ސީޒަންގެ މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ލޮޓަސް އަދި އެސްޓީއޯ އާއި މޯލްޑިވިއަން އެވެ. ކޯ ސްޕޮންސަރުންނަކީ އަލޯރާ، އީވޯ، އަލް މުދިޝް، ސްނިކާސް، ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖެވެ. އައިޑޮލް ސީޒަން އެކެއް ކާމިޔާބުކުރީ ލައިޝާ ޖުނައިދެވެ. އަދި ސީޒަން ދެއެއް ކާމިޔާބު ކުރީ މުހައްމަދު ތަސްނީމް (ބޮބް) އެވެ.

މިދިޔަ ސީޒަނުގައި އައިޑޮލްގެ ޖަޖުކަން ކޮށްފައިވަނީ މަރިޔަމް އުނޫޝާ، އިބްރާހިމް އަލީ (ކުޑަ އިއްބެ) އަދި އިސްމާއިލް އައްފާން އެވެ.