ލައިފްސްޓައިލް

އައްޒަ އާއި ޒޯޔާ އެއް ހެދުމެއްގައި!

މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބޭއްވި "ދިވާސް ޝޯ 2017" އިން ރީތި ހެދުންތަކެއް ދައްކާލި އެވެ. އެ ހެދުންތަކުގެ ތެރެއިންވެސް ގެލެކްސީ ތީމަށް އިސްމާއިލް ޖުމައިހް (ޖުމާ) ތައްޔާރުކޮށް ބަތަލާ މަރިޔަމް އައްޒަ އެންމެ ފަހުން ދައްކާލި ހެދުން ގިނަ ބަޔަކަށް ކަމުދިޔަ އެވެ. އެންމެ ގިނަ މީހުން އެ ހެދުމެއްގެ ވާހަކަ ދެއްކި ހެދުމެއްވެސްމެ އެވެ.

އަލަށް ހެދުން ފަހަން ފަށައިގަނެ ޖުމާ ފެހި އެހެދުން ބަލައިލަން ސިމްޕަލް ނަމަވެސް އެއީ ބުރަ މަސައްކަތެކެވެ. އެހެދުމުގެ މަސައްކަތް އެއްކޮށް ޖުމާއަށް ނިންމާލެވުނީ ހަފްތާއެއްހާ ދުވަހުންނެވެ. އެ ހެދުމުގައި ހަރުކޮށްފައި އިން ކޮންމެ އެހަކީ ވަކިވަކިން އޭނާ ހަރުކުރި އެސްތަކެކެވެ.

އެ ހެދުމުގެ އެންމެ ބޮޑު ފޭނަކަށްވި އެކަކަކީ ނިއުމާ މުހައްމަދެވެ. ނިއުމާ އަށް އެހެދުން ރީތިވެ އެތަށް ފަހަރަކު ޖުމާއަށް ތައުރީފް ކުރި ނަމަވެސް އެ ހެދުން ނިއުމާއާ ހަމައަށް އަތުވެދާނެކަމަށް އޭނަ ހިއެއް ނުކުރެ އެވެ. އެ ހެދުން ޖުމާ ހަދިޔާ ކުރީ ނިއުމާއަކަށް ނޫނެވެ. ނިއުމާގެ ދަރިފުޅު ޒޯޔާ ހަސަން އަށެވެ. ޒޯޔާއަށް ދިން ހާއްސަ ހަދިޔާއެއް ނަމަވެސް އެ ހެދުން އެހާ ހާއްސަވީ ނިއުމާގެ އެންމެ ހާއްސަ ދުވަހުގެ ހަފްލާއެއްގައި ބޭނުން ކުރުމަށް ޒޯޔާއަށް އެ ހެދުން ލިބުނީމަ އެވެ.

ނިއުމާގެ 23 އަހަރުގެ ފިލްމީ ކެރިއަރު ފާހަގަކުރަން އޭނާ ނެރުނު ހާއްސަ އަލްބަމް ސެލެބްރޭޓިން 20 ރިލީޒްކުރަން ބޭއްވި ހަފްލާގައި ނިއުމާގެ ދަރިފުޅު ލާފައިވަނީ ދިވާސް ޝޯގައި އައްޒައަށް ޖުމާ ތައްޔާރުކުރި ހެދުމެވެ.

"އެ ހެދުމަކީ ސެލެބްރޭޓިން 20 ގެ ޝޫޓިންގައި ވަރަށް ބުރަކޮށް އުޅެމުން އަދި އެތައް މަސައްކަތުން ތައްޔާރުކުރި ހެދުމެއް، ވަރަށް ހާއްސަ އެހެދުން، ދެން އަނެއްކާ އެރޭގެ ހަފްލާއަށް ދާން ޒޯ އަށް ހެދުމެއް ތައްޔާރުކޮށްލަން ބޭނުންވީމަ ހިތަށް އެރީ އެ ހެދުން ކުޑަކޮށްލާނީ އޭ ޒޯއަށް ހެޔޮވަރަށް، އެހެންވެ ތިރިން ޒޯގެ ހައިޓަށް ބުރިކޮށްލާފައި ސްކާޓްބައި ބޭނުންކުރީ، ދެން ހެދުމުގެ މަތީބައި ކުޑަކޮށް ތަފާތުކޮށްލާފައި އިންނާނީ،" ޒޯޔާއަށް ހާއްސަކުރި ހެދުމާއި ބެހޭގޮތުން ޖުމާ ކިޔައިދިނެވެ.

ސެލެބްރޭޓިން 20 ރިލިޒްކުރަން ބޭއްވި ހަފްލާގައި ނިއުމާ ދަރިފުޅު ޒޯޔާ އެކު ނަގާފައިވާ ފޮޓޯ އިންސްޓަގްރާމްގެ ފޮލޯވަރުންނަށް ދޫކޮށްލުމުން ގިނަ މީހުން ވަނީ ޒޯޔާގެ ހެދުމަށްވެސް ތައުރީފްކޮށްފަ އެވެ.

"އައްޒަ އެހެދުން ލާފައި އެހެރީ ކެންކޭނާ އެއްކޮށް، އެހެންވެ އެހާ ބޮޑަށް ފުއްޕާފައި އެހެރީ، އެކަމަކު ޒޯޔާ ބޭނުމެއް ނުވި ކެންކޭން ލާކަށް ހެދުން ލައިގެން ދުވެދުވެފައި ނޫޅެވޭނެތީ، އެއީ ދެ ހެދުމުގައި ހުންނާނެ ތަފާތަކީ، ދެން ހެދުމުގެ މަތީބައި،" ޖުމާ ބުންޏެވެ.

ސެލެބްރޭޓީން 20 ރިލީޒްކުރި ރޭ ނިއުމާ އަދި ޒޯޔާ. --

"އިވެންޓު އޮތް ރޭ ޒޯގެ ހެދުން ލިބުނީ، ވަރަށް އުފާވި އެހެދުން ލިބުނީމަ، އަހަރެން ހީކުރީ އެހެދުން ރީތިވެގެން މާގިނައިން ކިޔުނީމަ ޖުމާ އޭގެ ހެދުމެއް ޒޯޔާއަށް ފަހައިދިނީ ކަމަށް،" ނިއުމާ ބުންޏެވެ.

އެހެދުމަށް ޖުމާ ދެ ހާހަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މާލެއިން ގަތީ ހަމައެކަނި ފޮއްޗެވެ. ހެދުން ޒީނަތްތެރި ކުރަން ބޭނުންކޮށްފައި ހުރި އެސް ނުވަތަ ޑައިމަންޑަކީ ރާއްޖެއިން ބޭރުން ކުރިން ގެނެސްފައި ހުރި އެއްޗެއްސަށް ވުމުން ހެދުމަށް ހަރަދުވި ވަރެއް ޖުމާއަށް ބުނަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

އަލަށް ފަހަން ދަސްކޮށް ހެދުން ފަހަން ފެށި ޖުމާ ދިވާސް ޝޯގައި އޭނަ ދައްކާލި ހުރިހާ ހެދުމެއްވެސް ވަނީ ބެލުންތެރިންނަށް ކަމުގޮސްފަ އެވެ. މީގެކުރިން އޭނާ ހެދުން ޑިޒައިން ކުރި ނަމަވެސް ހެދުން ފަހައެއް ނޫޅެ އެވެ. ފަހާކަށް ނުވެސް އެނގެ އެވެ.

"ކުރިން ނޭނގޭ ފަހާކަށް، މިފަހަރުވެސް ފަހާފޮއްޓެއް ހޯދައިގެން އެކަނި އެކަނި ދަސްކުރީ، ދެން އިބޫ އާ، ރިއްފަތު ނޫނީ ރަޒީ ކައިރިން އެހީ، މިހެން ހަދަން ކިހިނެއްހޭ ހަދާނީ، އެހެން ހަދަން ކިހިނެއްހޭ ހަދާނީ، އެމީހުން ވަރަށް ހެލްޕުވި، ވަރަށް ބޮޑަށް ތެންކިއު،" ޖުމާ ބުންޏެވެ.