ދިވެހި ސިނަމާ

ބޮސްގެ ތީމް ލަވަތައް ލޯންޗުކޮށް ހުރިހާ ތައުރީފެއް ޔުނާނަށް!

ދިވެހި ފިލްމު ބޮސް ލޯންޗުކޮށް ފިލްމުގެ ތަރިން ދައްކާލި ފަހުން ބޮސް އޭ ބުނެފިނަމަ ކޮންމެ މީހެއްގެ ދުލުކުރިއަށް ވެސް އަންނަނީ ލީޑް ތަރި މުހައްމަދު ޔުނާނެވެ. ޔުނާންގެ ރީތިކަމާއި އޭނާގެ އެކްޓު ކުރުމުގެ މޮޅު ވާހަކަ ދައްކަނީ ހަމައެކަނި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެކަންޏެއް ނޫނެވެ. ފިލްމުގެ ޓްރެއިލާ ބަލާފައި އާންމުންވެސް ޔުނާނަށް ތައުރީފް ކުރަނީ އެވެ.

މިހާތަނަށް އެކުގައި މަސައްކަތް ކުރި އެހެން ހުރިހާ ތަރިންގެ ތައުރީފް ލިބުނު މަދު ތަރިންގެ ލިސްޓަށް ޔުނާނު މިވަނީ އަރާފަ އެވެ. އަލަށް އެކްޓު ކުރުމުގެ ދުނިޔެއަށް ނުތް ޔުނާން އާއި ރޭހުގެ އެންމެ ކުރީގައި އުޅޭ ތަރިން ދިޔައީ އެމީހުންނަށްވުރެ މޮޅު ކަމަށް ބުނަމުންނެވެ.

ބޮސްގެ އެއް ތަރި އިބްރާހިމް ޖިހާދު (ޖިމީ) ރޭ ފިލްމުގެ ތީމް ލަވަތައް ލޯންޗުކުރަމުން ވަނީ ޔުނާނު އެކްޓް އޭނައަށް ވުރެ މޮޅު ކަމަށް ބުނެފަ އެވެ.

"އަހަރެން ބުނާނީ ޔުނާނު އެކްޓު ކުރަން އަހަންނަށްވުރެވެސް މޮޅޭ، އެއީ ވަރަށް މޮޅު ކުއްޖެއް، ފިލްމާ ބެހޭ ގޮތުން އިތުރަށް ބުނާނީ މިއީ މި އަހަރު ނުކުންނާނެ އެންމެ ލޯބި ފިލްމޭ،" ޖިމީ ބުންޏެވެ.

ޖިމީ އެކަންޏެއް ނޫނެވެ. ޔުނާނާ އެކު ފިލްމުން ފެނިގެންދާ މަރިޔަމް އައްޒަ އަދި ފާތިމަތު އާޒިފާގެ ހުރިހާ ތައުރީފެއްވެސް އޮއްސާލީ ޔުނާނަށެވެ. އުންމީދު ބޮޑު އެ ފިލްމުގައި ޔުނާން ދެއްކި ހުނަރަށް ތައުރީފް ކުރަމުން އައްޒަވެސް ބުނީ ޔުނާންގެ އެކްޓިން ވަރަށް މޮޅު ކަމަށެވެ. ޔުނާނަކީ ފިލްމީ ދާއިރާއަށް ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ގެނެސް ވައްޓާލި އަގުބޮޑު ޖަވާހިރެއް ކަމަށް ހުރިހާ ތަރިންވެސް އެއްބަސްވެ އެވެ. އައްޒަ، އަޒޫ، ޖިމީ، އަލީ އާޒިމް (ދޮން އައްޔަ) އަލީ ޝަމީލް އަދި ފިލްމުގެ ޑައިރެކްޓަރު އައިޝަތު ރިޝްމީވެސް އެއްބަސްވެ އެވެ.

ހުރިހާ ތަރިންގެ ފަރާތުން ލިބުނު ތައުރީފްގެ ބަސްތަކާއެކު ޔުނާން ވަނީ އޭނާގެ އެންމެ ބެސްޓް ޕާފޯމަންސް ދައްކާފައި ކަމަށް ޔުނާން ބުންޏެވެ.

"ޔުނާން ބުނާނީ ޔުނާން ކަރުނަ ހުސްކުރި ފިލްމެކޭ މިއީ، އަދި މި ފިލްމު ބަލާފައި އެއްވެސް މީހަކަށް ނުބުނެވޭނެ ޓިކެޓް ގަންނަން އެ ހޭދަވި ފައިސާ އަކީ ވޭސްޓުވި ފައިސާއެކޭ، އެވަރަށް ޔުނާނަށް އެކްޓު ކުރެވުނު ކަމަށް ގަބޫލުކުރަން، ޔުނާނަށް އެ ޕާފޯމަންސް ދެއްކުނީ ނަހޫ، ރިޝްމީ، އައްޒަ، ދޮން އައްޔަ، ޖިމީ އަދި ހުރިހާ ތަރިންގެ ވެސް ވަރަށް ބޮޑު ސަޕޯޓެއް ލިބިގެން،" ޔުނާން ބުންޏެވެ.

ޔުނާނު ހުރީ ބެލުންތެރިންނާއެކުގައި ފިލްމު ރިލީޒް ކުރާ ދުވަހު ފިލްމު ބަލާށެވެ. ފިލްމު ރިލީޒް ކުރާނީ މި މަހު 31 ގަ އެވެ. މިހާރުވެސް ޓިކެޓު ދަނީ ވިއްކަމުންނެވެ.

ރިޝްމީ އަދި ނަހުލާވެސް ހުރިހާ ތަރިންގެ އެކްޓިންއަށް ތައުރީފްކޮށް އަދި ފިލްމަކީ މި އަހަރު އަޅުވާނެ އެންމެ ރީތި ފިލްމަށް ވާނެ ކަމަށް ބުނެފަ އެވެ. އަދި މި ފިލްމު ބަލާފައި އެންމެންވެސް ރޯނެ ކަމަށާއި ބޮސް އަކީ މުޖުތަމައަށް މުހިންމު މެސެޖެއް ދޭނެ ފިލްމެއް ކަމަށެވެ. ބޮސް އިން ފެނިގެންދާނީ މިއަދު ދިވެހި މުޖުތަމައުން ފެންނަ ކަންތައްތައް ކަމަށްވެސް ނަހުލާ ބުންޏެވެ.

ބޮސް ގެ ޓްރެއިލާ. --

ރޭގެ ހަފްލާގައި ފިލްމުގެ ދެ ތީމް ލަވައެއްވެސް ވަނީ ލޯންޗުކޮށްފަ އެވެ. އެއީ އިބްރާހިމް އަލީ (ކުޑަ އިއްބެ) ކިޔާފައިވާ "އެދެނީ ރަހުމޭ" އަދި މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) ކިޔާފައިވާ "އަހަރެންގެ ހިތް" އެ ލަވަ އެވެ. އެލަވަތައް ލަވަފޮށިން އަދި ސައުންޑު ކްލައުޑުން ލިބެން ހުންނާނެ އެވެ. ބޮސް ގެ އެހެން ލަވަތައްވެސް މިހާރު ސައުންޑްކްލައުޑުން ލިބޭނެ އެވެ.

ފިލްމުގެ ލަވަތައް ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ)، އައިޝަތު މާއިން ރަޝީދު، ޝަލަބީ އިބްރާހީމް، މަރިޔަމް އަޝްފާ، އިބްރާހިމް އަލީ (ކުޑަ އިއްބެ)، ކޮމަންޑޫ އައްޔަ އަދި އަހުމަދު ނަބީލް އެވެ.

ފިލްމުގެ ޓްރެއިލާވެސް ރިލީޒްކޮށްފައިވާއިރު ދެ ލައްކަ އަށްވުރެ ގިނަ މީހުން ވަނީ އެ ޓްރެއިލާ ބަލާފަ އެވެ.

ބޮސް އަކީ ސިނެމްސްޓޯން އިން ސިނެމެޓޮގްރަފީ ހަދާ އަދި ފޯކޭ ކޮލިޓީގައި އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ބޮސް ސިފަ ކުރަނީ ބޮސް ދިނުމުގެ ގޮތުގަ އެވެ.