ފިނިޕޭޖް

ޖުމާ އާއި ނިއުމާގެ "ރުހެންޏާ ލޯބި ދީ" އަށް ތައުރީފު

ނިއުމާ މުހައްމަދުގެ ސެލެބްރޭޓިން 20 ގެ ލަވަތައް މިހާރު މިވަނީ އާންމުކޮށް އެންމެނަށް ލިބޭނެހެން ޔޫޓިއުބަށް ދޫކޮށްލާފަ އެވެ. އެއާއެކު އެންމެ ބާރަށް ހިނގައިގަތީ އެ އަލްބަމްގެ ލަވަތަކެވެ. އެ އަލްބަމްގެ ހުރިހާ ލަވަތަކުގެ ތެރެއިންވެސް އެންމެ ގިނަ މީހުންނަށް ކަމުގޮސް އެންމެ ގިނަ ތައުރީފެއް ލިބުނީ ނިއުމާ އާއި އިސްމާއިލް ޖުމައިހް ފެނިގެންދާ "ރުހެންޏާ ލޯބިދީ" އަށެވެ.

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ނިއުމާ އާއި އަލީ ސީޒަން ކުޅެފައިވާ އެ ލަވައިގެ މުޅިން އާ ރިމޭކެއް ގެނެސް ދިނުމުން އެ ލަވަ އަނެއްކާވެސް ހިޓަކަށް ބަދަލުވެއްޖެ އެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ޖުމާ އަދި ނިއުމާއަށް ތައުރީފް އޮއްސަމުންނެވެ. ރީމޭކް އަލުން ކިޔާފައިވާ އަބްދުﷲ ފާލިހް އަދި މީރާ މުހައްމަދު މާޖިދު އަށް ކުރާ ތައުރީފް ކުޑައެއް ނޫނެވެ.

މީރާގެ ފޭނުންނަށްވެސް މިއީ އީދެއް އައުން ކަހަލަ ހަބަރެކެވެ. ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް މީރާގެ ރީތި އަޑު އަހާލަން ލިބުނީ އެވެ. މީރާ އާއި ފާލިހު ލަވަ ގެނެސްދީފައި އޮތް ގޮތްވެސް ވަރަށް ބޮޑަށް ކަމުގޮސްފި އެވެ.

"މީރާ މި ލަވަ ކިޔާކަން އެނގުނީމަވެސް ހިއެއް ނުކުރަން މި ލަވަ މިހާ ރީތިވެދާނެ އެކޭ، އެއީ މީރާ އާންމުކޮށް ކިޔާ ލަވަތަކާއި މި ލަވަ ތަފާތުވީމަ، އެކަމަކު ލަވަ އަޑު އަހާލީމަ ހީބިހި ނަގައިގެން ދާވަރުވޭ، ވަރަށް ރީތި، ފާލިހު އާއި ދެ މީހުން ލަވަ ގެނެސްދީފައި އޮތް ގޮތް ވަރަށް ސަޅި،" މީރާ އާއި ފާލިހުއަށް ތައުރީފްކޮށް އެ ލަވަ ފޭސްބުކްގައި ޝެއާ ކުރަމުން މީހަކު ބުނެފައިވެ އެވެ.

ނިއުމާ އަދި ޖުމާގެ "ރުހެންޏާ ލޯބިދީ". --

ފަތުހުﷲ (ފަތޯ) ގެ މިއުޒިކަށް މީރާ އާއި ފާލިހުގެ އަޑު ވިރުވާ އަޅާލާފައިވާ އެ ލަވަ އަކީ މި ހަފްތާގައި ޕްލޭ ލިސްޓުގެ ޓޮޕެވެ. ލަވަ ޔޫޓިއުބަށް ލީތާ ތިން ދުވަސްވީ އިރު އެތައް ހާސް މީހުން ލަވަ ބަލައިފި އެވެ. ލަވަ ޑައުންލޯޑު ކުރި މީހުންވެސް މަދެއް ނޫނެވެ. އެ ލަވަ އާއި ގުޅޭގޮތުން މީރާ ބުނީ "ރުހެންޏާ ލޯބި ދީ" އަކީ އަބަދުވެސް އޭނައަށް ރީތި ލަވައެއް ކަމަށެވެ. އަދި އެ ލަވަ ނިއުމާގެ ހާއްސަ އަލްބަމަކަށް ކިޔާލަން ލިބުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. އޭގެ އިތުރުން ޖުމާ އާއި ނިއުމާގެ އެކްޓިން އަދި އަހްމަދު އަޒްމީލް (އަޒޭ)ގެ ޑައިރެކްޝަނަށް މީރާވަނީ ތައުރީފްކޮށްފަ އެވެ.

ޖުމާ އަދި ނިއުމާގެ އެކްޓިން އާ ނެށުމަށްވެސް އަންނަނީ ތައުރީފް ކުރަމުންނެވެ. ހާއްސަކޮށް ޖުމާގެ އެކްޓިން އަންނަނީ މީހުން ފާހަގަކުރަމުންނެވެ. މީގެ ކުރިންވެސް ގިނަ ލަވަތަކެއް ކުޅެފައިވާ ޖުމާ ހުރީ އޭނާއަށް މި ލަވަ ކުޅެން ލިބުމަކީ ޝަރަފެއް ކަމަށް ފާހަގަކޮށްފަ އެވެ.

ނިއުމާގެ ސެލެބްރޭޓިން 20 އާ އެކު އަނެއްކާވެސް "ރުހެންޏާ ލޯބިދީ" މިއޮތީ ވައިގައި ހިފާފަ އެވެ. އެ ލަވަޔަކީ ކުރިންވެސް ގިނަ މީހުންނަށް ކަމުދާ އަދި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލަވަ އެކެވެ. އެހެންވީމަ ނިއުމާގެ ސެލެބްރޭޓިން 20 ވީ ގިނަ ބަޔަކަށް ހާއްސަ އަދި ކަމުދިޔަ އަލްބަމަކަށެވެ. އެ އަލްބަމްގެ ހުރިހާ ލަވައެއްވެސް އަންނަނީ ބެލުންތެރިންގެ ހިތްތަކަށް ވާސިލްވަމުންނެވެ.