ހދ. ކުޅުދުއްފުށީގައި އެއާޕޯޓު ހަދަން އެރަށުގެ ކުޅީގެ ބައެއް ހިއްކަން ހަމަޖެހިފައިވާތީ އެ ކުޅީގައި ހުރި ގަސްތައް ކަނޑަން ބޭނުންވާ ފަރާތްތަކަށް އެ ހުއްދަ ދީފި އެވެ.
ކުޅުދުއްފުށީ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުޅި ހިމެނޭ ސަރަހައްދަށް ވެލި އަޅައި ހިއްކަން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ހެދިފައި ހުރި ބުރެވި، ކުރެއްޖާއި ތަކަފަތި އަދި މަގޫ ފަދަ ގަސްތައް ކެނޑުމުގެ ހުއްދައަށް ރަށުގެ ގިނަ ރައްޔިތުން އެދެމުންދާތީ ކުޅިން ގަސް ކަނޑަން ހުއްދަ ދިނީ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ހުރި އަމިއްލަ މީހުންގެ ގަސްގަހަގާގެހި ފިޔަވާ އެހެން ގަސްތައް ކަނޑައިގެން ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
ކުޅުދުއްފުށީގެ ކުޅިން ބައެއް ހިއްކުމަށް ހަމަޖެހިފައިވަތީ ކުޅި ސަރަހައްދުގައި ހުރި ބޮނބި އޮޅުތައް ވެސް މިހާރުވަނީ ނަގާފަ އެވެ.
ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް އެރަށުގެ ބައެއް ފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ. އެރަށުގެ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކެމްޕޭނެއްވެސް އެކަމާ ދެކޮޅަށް ފަށާފަ އެވެ. ކުޅުދުއްފުށީގެ ކުޅި ހިއްކުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީއިން އަލަށް ބަނދެގެން ގެނައި ކޮންނަ ބޯޓް، މަހާ ޖައްރާފުންނެވެ.
މަހާ ޖައްރާފް މިހާރުވަނީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފަ އެވެ. އެ ރަށުގެ އެއާޕޯޓް ހަދަން ރަށުގެ ކުޅިންނާއި އެ ސަރަހައްދު މޫދުން ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެއީ ކުޅިން ނުވަ ހެކްޓަރު ބިމާއި މޫދުން ހަ ހެކްޓަރު ބިމެވެ.