އަވަސް ވީކެންޑް

ސުމޭޝް ބުނަނީ ދިވެހިން ނުކުންނާށޭ

"ދިވެހިންނަށް ވާނެއޭ" ބުނަނީ މިހެންވެ އެވެ. އަހަރެމެން ހަމަ ހުނަރުވެރީ އެވެ. އެކަމަކު ބޭނުންވަނީ ކެރިގެން ނުކުންނާށެވެ. ކެެރިހުރެ ނުކުމެ ކާމިޔާބު ހޯދުމުގައި މިއޮތީ މިސާލެކެވެ. މި ޒުވާނާ މިހާރު މަސައްކަތް ކުރަނީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ހޮޓެލް ޗެއިން ކަމަށްވާ "ޝެރެޓަން" ބްރޭންޑުގަ އެވެ. މިއީ ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓުގެ ސީނިޔަ ކޮމިއުނިކޭޝަން މެނޭޖަރު ސުމޭޝް ރަޝީދު އެވެ.

ސުމޭޝް ސްކޫލް ނިންމުމަށް ފަހު އުމުރުން އެންމެ 15 އަހަރުގައި މަސައްކަތް ފަށައިފި އެވެ. ފުރަތަމަ އުޅުނީ އެސްޓީއޯގަ އެވެ. އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި އަހަރެއްހާ ދުވަހު މަސައްކަތް ކުރި އެވެ. އެތަނުގައި ކުރި މަސައްކަތަކީ ތަންތަނަށް ގުޅިގެން ބޭނުންވާ އެއްޗިހި އެ ކުންފުންޏަށް ހޯދުމެވެ. މީގެ އިތުރުން ކުދި އިޝްތިހާރުތައް ވެސް ހެދި އެވެ. އެސްޓީއޯ ވީ އޭނާ މިހާރު ކުރަ މަސައްކަތަށް ފުރަތަމަ ލޯ ހުޅުވައިދިން މަދަރުސާ އަށެވެ.

އޭގެފަހުން، ދިޔައީ ބޭރަށެވެ. އުޅެން ބޭނުންވާ ދާއިރާއިން ކިޔަވާށެވެ. އާއިލާއާއެކު ފުރަތަމަ ދިޔައީ މެލޭޝިޔާ އަށެވެ. އަދި އޭގެ ފަހުން ސްރީލަންކާގައި ވެސް ކިޔެވި އެވެ. އޭގެފަހުން ބައްޕަގެ، ވަޒީފާ ފިލިޕީންސް އަށް ބަދަލުވުމާއެކު ބައްޕައާއެކު އެ ގައުމަށް ބަދަލުވީ އެވެ. ސުމޭޝްގެ ބައްޕަ، އަބްދުﷲ ރަޝީދުއަކީ އޭޝިޔާ ޕެސިފިކް ސްކައުޓްގެ ރީޖަނަލް ޑައިރެކްޓަރުގެ މަގާމު ލިބުމާއެކުގަ އެވެ. ފިލިޕީންސްގައި ސުމޭޝް އެ ހަތަރު އަހަރު ކިޔެވި އެވެ. މި ދުވަސްވަރު އޭނާ މަތީ ތައުލީމް ހާސިލް ކުރެއްވީ، ވިޔަފާރި އާއި މާކެޓިން އަދި އިންސާނީ ވަސީލް ތަރައްގީ ކުރުމުގެ ދާއިރާ ކަމަށްވާ ހިއުމަން ރިސޯސް ދާއިރާއިންނެވެ.

"މާކެޓިން އާއި ބިޒްނަސް ހަދާފަ ހިތަށް އެރީ މަސައްކަތް ކުރަން ފަށައިފިނަމަ ތާށިވެދާނެއޭ. [ދެން ނުކިޔެވޭނެއޭ] އެހެންވެ މާސްޓާސް ހަދާފައޭ، މާލެ ދާނީ. ދެން ހިތަށް އެރީ އަދި ވެސް ތަފާތު ކޮށްލާނަމޭ. އެހެންވެ ހިއުމަން ރިސޯސް ވެސް ހެދީ،" ސަތޭކަ އަށް ވުރެ ގިނަ ގައުމުގައި ހޮޓާ ހިންގާ، ބްރޭންޑުގައި މަސައްކަތް ކުރާ ސުމޭޝް ވިދާޅުވި އެވެ.

ސުމޭޝް ކުރިން ގިނަ މީހުން ދަންނާނީ އިވެންޓުތައް ރާވާ ކުންފުނި ތިންކުންނެވެ. އެ ކުންފުނީގެ މަސައްކަތްތަކުންނެވެ.

"ކިޔަވަން އުޅެނިކޮށް ވަރަށް ގާތުން މަސައްކަތް ކުރަން ލިބުނު ތިންކުގެ އިސް ބޭފުޅުންނާއެކު. އޭރު ތިންކުން ވަތަނިއްޔާގެ [މާކެޓިން] ކަންކަން ބަލަނީ. އެހެންވެ ބޭރުގައި ހުރެގެން ސްޓޯރީ ލައިން ލިޔެ ހެދުންފަދަ މަސައްކަތް ކުރީ. އެހެން ހުއްޓާ ފުރުސަތު ލިބުނީ ރާއްޖެ އައިސް ތިންކުގައި މަސައްކަތް ކޮށްލަން،" ތިންކުގެ ޕްލޭނިން މެނޭޖަރުގެ މަގާމު ވެސް ފުރުއްވި، ސުމޭޝް ވިދާޅުވި އެވެ.

ސުމޭޝް ވަނީ ތިއްކާއެކު ރާއްޖޭގައި މާކެޓިންގެ ގިނަ ހަރަކާތްކެއް ހިންގާފަ އެވެ. މިގޮތުން ދިރާގާއި އިސްލާމިކް ބޭންކް އަދި ރީފް ސައިޑު ފަދަ ބޮޑެތި ކުންފުނިތަކާއެކު ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ. މީގެ އިތުރުން އަދާރަން ރިސޯޓު ހުޅުވައި، އެ ރިސޯޓުގެ ބައެއް ކަންތައްތައް އިންތިޒާމު ކުރުމުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

އޭގެފަހުން މުޅި ކެރިއާ ބަދަލުކޮށްލީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތު ކަމަށްވާ ޓޫރިޒަމް ދާއިރާ އަށެވެ. ސުމޭޝް ބޭނުންވީ ބައިނަލްއަގުވާމީ ކުންފުންޏެއްގައި މަސައްކަތް ކޮށްލާށެވެ. އެހެންވެ، މާލެ އިން ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ، ފުލްމޫން ރިސޯޓާ ގުޅުނީ އެވެ. ސުމޭޝް ވަޒީފާއަކީ މި ރިސޯޓުގެ އެންމެ ޒިންމާދާރު އެއް ވަޒީފާ އެވެ. ދުނިޔޭގެ އެތައް މި ތަނުން އަންނަ މީހުންނަށް ރިސޯޓުން ދޭ ހިދުމަތްތައް އެންމެ ރަނގަޅު ގޮތުގައި ދައްކުވައި ދިނުމުގެ ޒިންމާ އުފުލަނީ އޭނާ އެވެ. އެކަމަށްޓަކައި ދުނިޔޭގެ އެންމެ ވަރުގަދަ ބްރޭންޑުގެ މިންގަނޑުތަކަށް ފައްތައިގެން ކޮންމެ ދުވަހު ވެސް ބުރަ މަސައްކަތް ތަކެއް އޭނާ ކުރެ އެވެ.

"ބޭނުންވީ އިންޓަނޭޝަނަލް ކުންފުންޏަކާއެކު މަސައްކަތް ކޮށްގެން، ކުރިން މަސައްކަތް ކުރި ދާއިރާގެ އަނެއް ސައިޑް މިއީ. ކުރިން މަސައްކަތް މި ކުރެވުނީ ކްލައިންޓް ބޭނުންވާ ދިމާ އަށް ގެންގޮސް ދިނުމަށް. މިހާރު މި މަސައްކަތް ކުރަނީ ފެންސްގެ އަނެއް ފަޅީފައި. އެހެންވެ މި ފުރުސަތު ލިބުނީމަ ބޭނުން ހިފީ،" ސުމޭޝް ވިދާޅުވި އެވެ.

ދުނިޔޭގެ އެތަށް ގައުމެއްގައި ރިސޯޓު ހިންގާ، ޝެރެޓަންގައި މަސައްކަތް ކުރުމަކީ ސުމޭޝްއަށް ލިބޭ ފަހުރެ ކެވެ. މިއާއެކު، މި ފަދަ ބްރޭންޑެއްގައި މަސައްކަތް ކުރުމުން އޭނާ ގިނަ އެއްޗިހި ތަނެއް ދަސްވެސްކޮށްފި އެވެ. ސަބަބަކީ މި ބްރޭންޑުގެ ވަރުގަދަ ކަމެވެ.

"މި [ޓޫރިޒަމް] ފީލްޑުން ވަރަށް ގިނަ އެއްޗިހި ދަސްވެ، ސްޓޭންޑަޑް މެއިންޓެއިން ކުރުން، ކުރިން އެއްގޮތަކަށް ވެސް ނުވިސްނޭ ވަރަށް އެއްޗިހި ދަސްވެއްޖެ. މި ތަނުގައި އެންމެ ކުޑަވެގެން، ކުޑަ އެއްޗެއްގައި އިންނަން ޖެހޭ ކުލަ ވެސް، ހުންނަން ޖެހޭ ތަންވެސް ލިޔެފައި ހުރޭ. ސްޓޭންޑަޑްތަކެއް ހުރޭ. ވަރަށް މީހުންނާ ގުޅުން ބަދަހި ވެސް ކުރަން ޖެހޭ،" ސުމޭޝް ވިދާޅުވި އެވެ.

ދެން މި އޮތީ ސުމޭޝް އެއް ދުވަސް ވަޒީފާގައި ހޭދަކުރާ ގޮތެވެ. މާލެއާ ކައިރީގައި އޮންނަ ޝެރެޓަން ފުލްމޫން ރިސޯޓުގެ ވަޒީފާއަށްދާ އޭނާ ފަތިހުހައެއް ޖަހާއިރު ހޭލަން ޖެހެ އެވެ. ހޭލައިގެން ތައްޔާރު ވެގެން ހަތެއްގެ ފެރީ އަށް ކޮންމެ ދުވަހަކު އަރަ އެވެ. އަދި އޮފީސް ނިންމާފައި، ހަވީރު ފަހެއްގައި ސްޓާފް ފެރީ އިން އަނބުރާ މާލެ އާދެ އެވެ.

"ފުރަތަމަ ކޮޅު ވަރަށް ދަތިވި، ހިތަށް އެރި މި [ޝެރެޓަން ޖޮބް] ކަންވާނެބާ އޭ؟ އެކަމަކު ހިތްވަރު ކޮށްގެން ދިޔައީ. ވަރަށް ދާހިތްވޭ އެހެންވެ ހަމަ ދިޔައީ. އެހެންވެ ހަފުތާއެއްގެ ތެރޭގައި ކަނޑު ހުރަސްކޮށް ވަޒީފާއަށްދާން ހޭނިއްޖެ،" ސުމޭޝް ވިދާޅުވި އެވެ.

ސުމޭޝް ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާއަކީ، ދިވެހިން އުޅެން އެންމެ ރަނގަޅު އެއް ދާއިރާ އެވެ. ހާއްސަކޮށް މާލެ ކައިރީގައި ހުރި ރިސޯޓެއްގައި މަސައްކަތް ކޮށްލަން ލިބުމަކީ ނަސީބެއްގެ ގޮތުގައި އޭނާ ސިފަކުރެ އެވެ.

"ވަރަށް ބޮޑު އެއްޗެއް ސެކްރިފައިޒް ކޮށްގެން އުޅެވޭނީ ޓޫރިޒަމް ދާއިރާގަ. އަޅުގަނޑުމެންނަށް މާލެ ކައިރިވީމަ،
ކޮންމެ ދުވަހަކު އާއިލާ ކައިރި އަށް ދެވޭ. އެކަމަކު މާލެއާ ދުރުގައި، ރަށާ ދުރުގައި ހުރި ރިސޯޓުތަކުގައި އުޅޭ ދިވެހި މުވައްޒަފުން ވަރަށް ބޮޑު ސެކްރިފައިޒް އެއް އެ ވަނީ. އެކަމަކު ހިތްވަރު ކޮށްގެން ހަމަ ނުކުމެ، މަސައްކަތް ކޮށްފިނަމަ ވަރަށް ދިވެހިން ވަރަށް އަވަހަށް ކުރިއަރާނެ،" ސުމޭޝް ވިދާޅުވި އެވެ.

ސަބަބަކީ މި ވަޒީފާގައި ގިނަ ތަމްރީންތަކެއް ލިބުމެވެ. ޝެރެޓަންގައި ސުމޭޝް ވެސް ދަީ ގިނަ ތަމްރީން ތަކެއް ފުރިހަމަ ކުރަމުންނެވެ. އޭނާ ދަސްކުރަނީ ހަމައެކަނި ވިޔަފާރި އާއި މާކެޓު ކުރުމެއް ނޫނެވެ. ކާނާގެ ރައްކާތެރިކަން 'ފުޑް ސޭފްޓީ' ފަދަ ދާއިރާތަކުން ދުނިޔޭގެ މަޝްހޫރު ދާއިރާތަކުން ތަމްރީން ދަނީ ވަމުންނެވެ. އަދި ދަސްކުރާ އެއްޗެއް ދަނީ އަމިއްލަ ދިރިއުޅުމުގައި ބޭނުން ހިފަމުންނެވެ.

"މި ރިސޯޓަށް ބެލިއަސް އެ މުވައްޒަފެއްގެ ސްކިލްއާ ގުޅޭ ގޮތުން، ކޯސްތައް ފުރިހަމަކޮށްގެން ކުރިއަރަން ފުރުސަތު ލިބޭ. އެހެންވެ ބުނެވޭނީ މިއީ ވަރަށް އެކަށީގެންވާ ދާއިރާއެކޭ. މި ބްރޭންޑުން ވެސް ވަރަށް މަސައްކަތް ކުރޭ، ދިވެހިން ނަގަން. ސްޓާފުންނަށް ވަރަށް ރަނގަޅު. މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ސްޓާފުން ބަލައި ހުޅުމާލެ އަށް ފެރީވެސް ބާއްވާ. އެއީ ވެސް ސްޓާފުންގެ ފަސޭހައަކަށް ކުރާކަމެއް،" ސުމޭޝް ވިދާޅުވި އެވެ.

ޝެރެޓަންގައި ކުރިއަށް ދާން ސުމޭޝް އަށް އެންމެ ބޮޑަށް އެހީތެރި ވަނީ އޭނާގެ އަންހެނުންނާއި މަންމަ އަދި ބައްޕަ އެވެ. ބައްޕަ އާއި މަންމަގެ މަސައްކަތްތެރި ކަމަކީ ސުމޭޝް އަބަދުގެ ވެސް މިސާލެވެ. މިއާއެކު އޭނާ ދިވެހި ޒުވާނުންނަށް ދޭނީ މެސެޖެކެވެ. އެއީ ދިވެހިން ނުކުންނަންވީ އެވެ. ނުކުމެ، ކާމިޔާބު ހޯދަންވީ އެވެ.