ލައިފްސްޓައިލް

ބިލު ކަނޑާ ކުއްޖާ މަގުމަތީ އަވީގައި!

މެންދުރު ފަސް ވެގެން އައިއިރު މަޖީދީ މަގު ހަލަބޮއްޔެވެ. އޮފީސްތަކާއި ސްކޫލްތައް ނިންމާފައި އެކިދިމަ ދިމާއަށް ދާ މީހުންނާއެކު މަގު އެކަށް ފުރިފަ އެވެ. އޮފީސް ނިންމާފައި ދަމުން ފިހާރަތަކަށް ވަދެ ބާޒާރު ކުރާ މީހުންވެސް ފެނެ އެވެ. މަޖީދީ މަގު ހެދުން ވިއްކާ ފިހާރައެއްގެ ތެރޭގައި މަޑުކޮށްލައިގެން ހުރެވުނީ ހަފްލާއަކަށް ދާން ޖެހޭތީ ހެދުމެއް ގަންނާށެވެ. އަވަސް އަރުވާލައިގެން އުޅުނު ޒުވާން އަންހެން ކުއްޖަކުވެސް ފިހާރައިގެ ތެރެއަށް ދެމިގެންފި އެވެ. ވަނީވެސް ފަހަތަށް ބަލަމުން އަތުގެ އިޝާރާތުން ބޭރުގައި ސައިކަލެއް މަތީ އިން މީހަކާއި ވާހަކައެއް ދައްކަމުންނެވެ.

ހެދުން އަޅާފައި ހުރި ގޮތުން އެ އައީ އޮފީސް ނިންމާފައިހެން ހީވެ އެވެ. ފިހާރައަށް ވަން ގޮތަށް އެހެން މީހަކަށް ވެސް ނުބަލާ ހެދުންތައް ހާވަ ހާވާފައި އޭނާ ދެތިން ހެދުން ނަގައިގެން ޗޭންޖިން ރޫމް ތެރެއަށްވެސް ވަނީ އެހެން މީހަކު ވަދެވަދެ ހުއްޓާ ކުރި އަރައިގެން ގޮހެވެ.

"ވަރަށް ބޮޑަށް ސޮރީ، ފިރިމީހާ މިހާރުވެސް ލަސްވެފައި އެހުރީ އެހެންވެ، ވަރަށް އަވަސް ވާނެ އިނގޭ،" ޗޭންޖިން ރޫމަށް ވަދެވަދެ ހުރި މީހާގެ ކުރިން ޗޭންޖިން ރޫމްގެ ތެރެއަށް ވަދެ ދޮރު ޖަހަމުން އެ އަންހެން ކުއްޖާ އެމީހާގެ ފަރާތުން މައާފަށް އެދުނެވެ.

ޗޭންޖިން ރޫމް ކިއޫގައި މަޑުކޮށްލައިގެން ހުރުމުން ދެއްކި ވާހަކަ ސާފުކޮށް އިވުނެވެ. ފިހާރައިގެ ބިއްލޫރި ގަނޑުން ބޭރަށް ބަލައިލިއިރު ޒުވާން ފިރިހެނަކު ސައިކަލެއްގައި މަޑުކޮށްލައިގެން އިނެވެ. ފޯނާ ކުޅެލާނެ އެވެ. ސައިކަލުގެ ހުންގާނުގައި ބޯ އަޅާލާނެ އެވެ. ހޫނުވާތީ ބޮލުގައި އަތް ކާތާލާނެ އެވެ. ހީވާގޮތުން ވަރަށް ފޫހިވެފަ އެވެ.

މެނދުރުފަހުގެ ވަގުތުތަކުގަ އާއި ރޭގަނޑުގެ ވަގުތުތަކުގައި މި ނޫނަސް މިއީ ވަރަށް އާންމުކޮށް ފެންނަ މަންޒަރެކެވެ. ހާއްސަކޮށް މަޖީދީ މަގުންނެވެ. އެއީ ކިތަންމެ ބާރު ބޮޑު ވަގުތަކަށް ވިޔަސް އެކަން ފެނެ އެވެ. ފިހާރަތައް ކުރިމަތިން ޕާކިން ޒޯނަށް ވައްދައިގެން އަދި ނުވައްދާ ވެސް ސައިކަލުތަކުގައި އެކި އުމުރުގެ މީހުން ތިބެ އެވެ. ބަލާ ބެލުމަށް ތިބެނީ ވަރަށް ހިތްހަމަ ނުޖެހިފައިހެން ވެސް ހީވެ އެވެ. ގިނަ މީހުން ތިބޭނީ ފޯނަށް ގެއްލި ހުސްވެފަ އެވެ. ޕާކިން ޒޯނަށް ނުވައްދާ މަގުމަތީގައި މަޑުކޮށްލައިގެން ތިބޭ މީހުން ސިއްސައިގެން ދަނީ ފަހަތުން އައިސް ކާރެއް ނުވަތަ ސައިކަލެއް ބަރުގޮނު އަޅައިލުމުންނެވެ.

ޗޭންޖިން ރޫމްގެ ތެރެއަށް ވަން ކުއްޖާ ނުކުތީ ހައެއްކަ މިނެޓް ފަހުން ފޯނުން ވާހަކަ ދައްކަމުންނެވެ.

"އާނ، އުހުން! ދެން ނުޖެހޭނެ އެހެން ފިހާރައަކަށް ދާކަށް، އެތާ ދޯ ތިހުރީ މި ނުކުންނަނީ އިނގޭ، ތިން ހެދުން މި ނެގީ، އާނ، އޯކޭ،" އެހެން ބުނެ ކައުންޓަރު ކައިރީ މަޑުކޮށް ހެދުންތަކަށް އެރި ޖުމްލަ އަގު އަހާލުމަށްފަހު އެ ކުއްޖާ ނުކުތީ ފިހާރައިން ބޭރަށެވެ. ބޭރުގައި ހުރި ފިރިހެން މީހާ އާއި ކުޑަ ވާހަކައެއް ދައްކާލާފައި އެތެރެއަށް ވަން އިރު ހުރީ ހިތްހަމަޖެހިފަ އެވެ.

އެ ވީގޮތެއް ނޭނގުނެވެ؛ ފިރިހެނުންނަކީ އަންހެނުންނާއެކު ބާޒާރުކުރަން ދާން މާ ބޮޑު ޝައުގެއް ހުންނަ ބައެއް ނޫނެވެ. ކިތަންމެ ލޯބިވިޔަސް އަނބި މީހާ އަދި ހިތާވެގެން އުޅޭ އަންހެން ކުއްޖާ އާއެކު ބާޒާރަށް ނުދެވޭނެ އެވެ. އެހެންވެ ގިނަ އަންހެނުން ބާޒާރަށް ގޮސް އުޅެނީ ރައްޓެހިންނާ އާއިލާގެ މީހުންނާ އެކީގަ އެވެ. ގިނަ އަންހެނުން ފިރިންނާއެކު ދާކަށް ބޭނުމެއް ވެސް ނުވެ އެވެ. ގިނަ ފިހާރަތަކަށް ދާން ޖެހިގެން ޝަކުވާ ކުރާތީ އެވެ. ރީތި ހުތުރު ކިޔަން ނޭނގޭތީ އެވެ. ނޫނީ އެކަމަށް މާބޮޑު ޝައުގުވެރިކަމެއް ނުދައްކާތީ އެވެ. ކޮންމެ އެއްޗެއް ދެއްކި ނަމަވެސް "ރީއްޗޭ، ރަނގަޅޭ" ބުނާތީ އެވެ.

އެކަމުގައި ފިރިހެނުންގެ ހިޔާލު ތަފާތެވެ. އެމީހުން ބުނަނީ ފިހާރައަށް ވަދެ އެއްޗެހި ބަލަބަލާފައި ނުގަނެ ނުކުންނަނީ އެވެ. މުޅި މާލޭގައި ދުއްވާއިރު ވެސް އަންހެނުންނަށް ކަމުދާ އެއްޗެއް ނުފެންނަނީ އެވެ. އެކަމަކު ގިނަ ފަހަރަށް އަނބިން ގޮވައިގެން ދާން ޖެހެ އެވެ. ހިނގާފައި އެކަނި ފޮނުވަން ބޭނުންނުވަތީ އަދި ބިލަށް ފައިސާ ދައްކަން ޖެހެނީވެސް ފިރިމީހާ އަށް ވީމަ އެވެ. އެހެންވެ ބައެއް ފިރިހެނުން ހަދާ ގޮތަކީ އަންހެނުންނާއެކީ ބާޒާރަށް ގޮސް ބޭރުގައި ނުވަދެ މަޑުކުރަނީ އެވެ. ހިތްހަމަ ޖެހޭ އެއްޗެހި ފެނުމުން އޭގެ އަގު ބަލާފައި ބުނުމުން އަނބިމީހާ ބުނާ ވަރަށް ފައިސާ ދެނީ އެވެ. ނުވަތަ ކޭޝްކާޑު ހަވާލުކޮށްލަނީ އެވެ.

"ވަރަށް ގިނަ އަންހެނުން ހަދާނެ އެހެން، އެއްޗެހި ނަގާފައި އަގު އަހާފައި ދާނެ ބޭރަށް، ބޭރުގައި މި އިންނަނީ ފިރިމީހާ، އޭނަ ކާޑް ދިނީމަ އަންނާނެ ހިފައިގެން، ފިރިން ދެން މާ ފޫހިވާ ކަމެއްނުން މި ބާޒާރަށް އައުމަކީ،" ފައިވާން ފިހާރައެއްގެ ކޭޝިއަރަކަށް އިންނަ ރައްޓެހި އަންހެން ކުއްޖަކު ބުންޏެވެ.

"އަހަރެންގެ ފިރިމީހާވެސް ނުވަންނާނެ، އަހަރެން އެއްޗެހި ހާވާފަ ނުގަނެ އެހެން އުޅޭތީ އޭނަ ލަދުގަންނަނީ އޯ، އެދެން އެ ވަރު ކަމެއްތަ؟ އެކަމަކު މަ އެކަނި ދެން އަންނަން ޖެހޭތީ އަންނާނެ ގޮވައިގެން، ގެއިން ނުކުމެގެން ބާޒާރުކޮށް އަނބުރާ ގެއަށް ވަންނަ އިރުވެސް ހުންނާނީ ރުޅި އައިސްފަ،" އަންހެން ކުއްޖަކު ކިޔައިދިނެވެ.

ފިހާރަ ދޮރުމަތީގައި މަޑުކޮށްގެން ފޯނަށް ގެއްލިފައި ނުވަތަ ރުޅިގަދަވެފައި މިތިބެނީ އެހެންވީމަ މިފިރިހެނުންނެވެ. އަނބިން ނުވަތަ ބިޓުން ގޮވައިގެން ޝޮޕިން އަށް ނުކުމެ އުޅޭ މީހުންނެވެ. މެންދުރުވިއްޔާ އަވީގަ އެވެ. ވާރޭ ވެހެންޏާ ގިނަ ފަހަރަށް ފިހާރަ އަސްކަނި ދޮށުގަ އެވެ.