ފިނިޕޭޖް

އައިޑޮލްގެ އާ ޖަޖަކަށް ޒާރާ، އާ ހޯސްޓަކަށް ޝައިނާ

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއް މިރޭ ލޯންޗުކޮށް މި ސީޒަނުގެ ޖަޖުންނާއި، ޝޯ ހޯސްޓުކުރާ ޕްރެޒެންޓަރުން އިއުލާނުކޮށްފި އެވެ.

މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަން ލޯންޗުކުރިއިރު ޖަޖިން ޕެނަލް ވަނީ ހަތަރު ޖަޖުންނަށް އިތުރުކޮށްފަ އެވެ. އައިޑޮލްގެ ތިން ވަނަސީޒަންގެ ޖަޖުންނަނީ އައިޑޮލްގެ ފުރަތަމަ ދެ ސީޒަންގައިވެސް ޖަޖުކަން ކުރި މަރިޔަމް އުނޫޝާ، ފުރަތަމަ ސީޒަންގައި ޖަޖިން ޕެނަލުން ފެނުނު އަހްމަދު އިބްރާހިމް (އައްމަޑޭ)، މިދިޔަ ސީޒަންގައި ޖަޖުކަން ކުރި އިސްމާއިލް އައްފާން އަދި މުޅިން އަލަށް ޖަޖިން ޕެނަލަށް އިތުރުކުރި ޒާރާ މުޖުތަބާ އެވެ.

އައިޑޮލްގެ ތިން ވަަނަ ސީޒަންގެ ޕްރެޒެންޓަރުންނަކީ މިދިޔަ ދެ ސީޒަންގައިވެސް އައިޑޮލް ހުށަހަޅައިދިން މޫސާ ވަސީމް އަދި ޝައިނާ ޝަރީފް އެވެ. ޝައިނާ އަކީ އާރްޖޭ އެއްގެ ގޮތުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޕްރެޒެންޓަރެކެވެ.

އަދި އައިޑޮލްގެ މި ސީޒަންގެ މިއުޒިކް ކޯޗެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ފުރަތަމަ ސީޒަންގައި މިއުޒިކް ކޯޗުކަން ކޮށްދިން މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އެވެ.

އައިޑޮލްގެ ޖަޖުންނާއި ޕްރެޒެންޓަރުން އިއުލާނުކުރުމަށްފަހު ވާހަކަ ދައްކަވަމުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޝާޔަން ޝާހިދު ވިދާޅުވީ މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގެ ހަބަރާއި މައުލޫމާތު ގެނެސްދޭނީ ހަމައެކަނި ލޯކަން މީޑިއާތަކުން އެކަނި ނޫން ކަމަށެވެ. އަދި އިންޓަނޭޝަނަލް މީޑިއާތަކުންވެސް އައިޑޮލް ކަވަރު ކުރާނެ ކަމަށެވެ.

"މި ސީޒަނުގައި އަޅުގަނޑުމެން އަލަށް ކުރާނެ މާ ގިނަ ކަންތައްތަކެއް ނެތް، އެހެން ނަަމަވެސް މިދިޔަ ދެ ސީޒަނަށްވުރެ ކޮލިޓީ އިމްޕްރޫވްވާނެ ދެގުނަ، އެއީ ޓެކްނިކަލް ގޮތުންނާއި ޕްރޮޑަކްޝަން ސައިޑުންވެސް،" ޝާޔަން ވިދާޅުވި އެވެ.

ޝާޔަން އިތުރަށް ވިދާޅުވީ އައިޑޮލްގެ ފުރަތަމަ ދެ ސީޒަނާއި ޗެލެންޖުކޮށް އެއަށްވުރެ ހުނަރުވެރި ލަވަކިޔުންތެރިން ތަކެއް މިއުޒިކް އިންޑަސްޓްރީއަށް ނެރޭނެ ކަމަށެވެ.

މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގެ ޖަޖުންނާއި ޕްރެޒެންޓަރުން އިއުލާނުކުރަން ބޭއްވި އެ ހަފްލާގައި އައިޑޮލްގެ ދެވަނަ ސީޒަން ކާމިޔާބުކުރި މުހައްމަދު ތަސްނީމް (ބޮބް)ގެ އަމިއްލަ ތިން ލަވަ ވަނީ ރިލީޒްކޮށްފަ އެވެ.