މިއުޒިކް

ޑިގްރީ ފެންވަރަށް ރާއްޖޭގައި މިއުޒިކް ކިޔަވައިދޭން ފަށަނީ

އަންނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖޭގައި މިއުޒިކް އެންޑް ސައުންޑް އަދި ޕާފޯމަންސް އާޓް ޑިގްރީ ފެންވަރަށް ކިޔަވައިދޭން ފަށާނެ ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބުނެފި އެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނެއް ލޯންޗުކޮށް ޖަޖުންނާއި ޕްރެޒެންޓަރުން އިއުލާނު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ މެލޭޝިޔާގެ ލިމްކޮކް ޔުނިވާސިޓީ އާ ގުޅިގެން ޖެނުއަރީ މަހު މިއުޒިކް އެންޑް ސައުންޑް އަދި ޕާފޯމަންސް އާޓް ޑިގްރީ ފެންވަރަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ. އަދި އެކަމަށް ތައްޔާރިތައް ވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މީޑިއާގެ ދާއިރާއަށް މީހުން ތަމްރީނު ކުރުމަކީ ނެތް ދާއިރާއެކޭ ދެންނެވިދާނެ، އަދި މި ދާއިރާގައި މަސައްކަތް ކުރެއްވު ބޭފުޅުން އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންވެސް އެ ފުރުސަތު ހުޅުވާލާފައި ނެތްކަން، އެކަމަށް އަޅުގަނޑުމެން ތައްޔާރުވެ ޕީއެސްއެމް ތެރެއިން އެކަމަށް މިވަނީ ހާއްސަ އިންސްޓިޓިއުޓެއް އުފައްދާފައި، މި އިންސްޓިޓިއުޓުގެ އެހީގައި އެ ދާއިރާއަށް މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ދުނިޔޭގައި ކުރިއަރާފައިވާ ޔުނިވާސިޓީތަކާއި ގުޅިގެން މިދަނީ ފަށަމުން، އެގޮތުން އަންނަ ޖެނުއަރީ މަހުން ފެށިގެން މިއުޒިކް އެންޑް ސައުންޑް އަދި ޕާފޯމަންސް އާޓް ޑިގްރީ ޕްރޮގްރާމެއް މެލޭޝިޔާގެ ލިމްކޮކް ޔުނިވާސިޓީ އައި ގުޅިގެން ފަށާނަން،" މަނިކު ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ މީޑިއާ ދާއިރާ އަކީ ރާއްޖޭގައި މީހުން ތަމްރީނު ކުރުމުގައި ވަރަށް ބޮޑަށް އަޅާނުލެވި އޮތް ދާއިރާއެއް ކަމަށެވެ. ޕީއެސްއެމް އިން އަލަށް ފަށާ އެ ޕްރޮގްރާމް ވެގެން ދާނީ މިއުޒިކްގެ ދާއިރާއިން ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށް ދިނުމަށް ކުރިއަށް ގެންދާ ފުރަތަމަ ޕްރޮގްރާމަށެވެ.

ޕީއެސްއެމް އިން މިހާރުވަނީ ލިމްކޮކް ޔުނިވާސިޓީގެ ކެމްޕަހެއް ރާއްޖޭގައި ގާއިމްކޮށްފައި ކަމަށް މީގެކުރިން ޕީއެސްއެމް އިން ވަނީ ބުނެފަ އެވެ. އަދި އެ ކެމްޕަހުގައި ނޫސްވެރިކަމާއި ގުޅޭ ކޯސްތަކާއި ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ.

ޕީއެސްއެމް އިން އޭރު ބުނެފައިވަނީ އެ ޕްރޮގްރާމްތައް ހިންގާނެ ގޮތްތަކާއި އެކަމާއި ގުޅޭ ހުރިހާ ކަމަކާއި ގުޅިގެން އެ ޔުނިވާސިޓީއާ މަޝްވަރާކޮށް ނިމިފައިވާ ކަމަށެވެ. އެ ކޯސްތަކަކީ އެ ޔުނިވާސިޓީ ބަލައިގަންނަ ފެންވަރުގެ ކޯސްތަކެއް ކަމަށެވެ. އެ ކޯސްތަކާއި ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ އެމްއެމްސީ އާ ގުޅިގެންނެވެ. އެމްއެމްސީ އާ ގުޅިގެން ޕީއެސްއެމް އިން ވަނީ ބޭރުގެ ފަރާތްތަކާއި ރާއްޖޭގައި ނޫސްވެރިކަމުގެ ތަޖުރިބާކާރު ފަރާތްތަކާއި ގުޅިގެން ކުރު ތަމްރީނު ޕްރޮގްރާމްތައް ހިންގަން ނިންމާފައިވާ ކަމަށްވެސް އޭރު ބުނެފައިވެ އެވެ.