ވިޔަފާރި

އެއާޕޯޓް ތަރައްގީ ކުރަން ބޭނުންވާ ހުރިހާ ލޯނެއް ލިބިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން ބޭނުންވާ ހުރިހާ ލޯނެއް ހަމަކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް އަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ދާދިފަހުން، ރައީސް އަބަދުﷲ ޔާމީން ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ސޮއިކުރެވުނު އެއްބަސްވުމާއެކު ވީއައިއޭ އާ އިންޓަނޭޝަނަލް ފަސިންޖަރު ޓާމިނަލް ތަރައްގީ ކުރަން ބޭނުންވާ ފައިސާ ހަމަވެފައިވާ ކަމަށެވެ.

ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި އަބޫދާބީ ފަންޑާ އެކު ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއް ގާއިމް ކުރިކަމަށް އެނގިފައިވެ އެވެ.

މިހާރު އަހަރަކު 4.5 މިލިއަން މީހުންނަށް ހިދުމަތްދޭ ވީއައިއޭ އެއާޕޯޓު، ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރުގެ ތަނަށަށް ހެދުމަށް އަޅާ، އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްގެ މަސައްކަތަށް އެކި ވެސް ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު ހޭދަވާނެ އެވެ.

ރައީސްގެ ޔޫއޭއީ ދަތުރުފުޅުގެ ތެރެއިން

މިހާރު ހުރި، އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްއާ އިންވެގެން އަލަށް ހަދާ ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސައޫދީ އަރަބިއްޔާގެ ކުންފުންޏެއް ކަމަށްވާ ސައޫދީ ބިންލާދިން ގްރޫޕުންނެވެ. މިހާރު ޓާމިނަލްގެ މަސައްކަތް ފަށަން ބޭނުންވާ ބިން ހުސްކޮށް، ޓާމިނަލް ފަރުމާކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

ވީއައިއޭގައި އަލަށް ހަދާ ޕެސެޖަރު ޓާމިނަލްގެ ކުރެހުމެއް

ޓާމިނަލް އަށް އަވަސް ކަޅިއެއް

* އާ ޓާމިނަލްގެ ބޮޑުމިން: 90،000 އަކަ މީޓަރު
* 40 ޑީޕާޗާ ގޭޓް
* 38 އިމިގްރޭޝަން ކައުންޓަރު
* ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
* ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
* ޒަމާނީ ބެގޭޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
* ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
* ފިއުލް ހައިޑްރެންޓް ސިސްޓަމް

އެއާޕޯޓްގެ އުސްއަލިތައް

* އާ ރަންވޭގެ ދިގުމިން: 3400 މީޓަރު
* ރަންވޭގެ މަސައްކަތް ކުރަނީ ޗައިނާ، ބީޔޫސީޖީއިން
* މަސައްކަތުގެ އަގު 400 މިލިއަން ޑޮލަރު
* އާ ރަންވޭގެ ފުޅާމިން: 60 މީޓަރު
* އަލަށް ހަދާ ފިއުލް ފާމްގެ ކެޕޭސިޓީ: 48 މިލިއަން ލީޓަރު

ސަރުކާރުން މަސައްކަތް ކުރަނީ ވީއައިއޭ ތަރައްގީ ކުރުމުގެ މުޅި މަޝްރޫއު 2018 ވަނަ އަހަރު ނިންމުމަށެވެ. މުޅި މަޝްރޫއުގެ އަގު އެއް ބިލިއަން ޑޮލަރަށްވުރެ މަތިވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.