ހަބަރު

އަޅުގަނޑަށް މެސެޖް ފޮނުވަން ވާނީ ކުރުކޮށް ފޮނިކޮށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަށް މެސެޖެއް ދެއްވަން ބޭނުންނަމަ ވީހާވެސް ކުރުކޮށް ފޮނިކޮށް އެ މެސެޖެއް ދެއްވަން އެމަނިކުފާނު އެދިވަޑައިގަންނަވައިިފި އެވެ.

ރައީސްގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ފާތިމަތު އިބްރާހީމް އިސްނަގައިގެން ބޭއްވި ކަނބަލުންގެ މަހާސިންތާ ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މެސެޖުތައް ވީހާވެސް ކުރުކޮށް ފޮނުވުމުން ރިޕްލައި ކުރަން ފަސޭހަވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑަށް ކޮންމެ ދުވަހަކު ވެސް އެތައް ރައްޔިތުންނެއް ތަފާތު އެކި މުއާސަލާތީ އެޕްލިކޭޝަން މެދުވެރިކޮށް މެސެޖު ފޮނުވަމުން ގެންދޭ، އަދި އޭގެ ތެރެއިން ގިނަ މެސެޖަށް އަޅުގަނޑު ރިޕްލައިވެސް ކުރަން، އަދި އެ މެސެޖުތައް ވީހާވެސް ކުރުކޮށް ބުނަން ބޭނުންވާ ވާހަކައެއް ބުނެފައި ފޮނުވީމަ އެ މެސެޖުތަކަށް ޖަވާބުދޭން އަޅުގަނޑަށްވެސް ފަސޭހަވާނެ،" ރައީސް ވިދާޅުވި އެވެ.

ރޭ ނިމިގެން ދިޔަ މަހާސިންތާގެ ބައިވެރިންނަށް ކުރުކޮށް ބުނަން ބޭނުންވާ ވާހަކައެއް ބުނަން ދަސްވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ފޯނުގެ ދެ ސުކްރީން ފުރޭ ވަރަށް އެއްޗިހި ލިޔުއްވީމާ ނުވެސް ކިޔޭނެ އެއެއް، އެއީ އަޅުގަނޑަށް އަންނަ މެސެޖުތައް ގިނަ ވީމާ، އެހެންވީމާ އެއްކަމަކީ އިފެކްޓިވްނަސް، އެ ފޮނުވާ މެސެޖެއް އިފެކްޓިވް ވާން ޖެހޭނެ، ކުރުކޮށް އަނެއްމީހާ އަށް ވިސްނޭ ވަރަށް އިމްޕެކްޓެއް ކްރިއޭޓިވް ކުރާ ވަރަށް އެ މެސެޖެއް ދޭން އެގެން ވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ސަރުކާރުގެ ވުޒާރާތަކުންވެސް އެމަނިކުފާނަށް މެސެޖުތައް ފޮނުވާއިރު ވީހާވެސް ކުރުކޮށް ބުނަން ބޭނުންވާ ވާހަކައެއް ބުނެފައި ފޮނުވަން އެދިވަޑައިގެންފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް އިތުރަށް ވިދާޅުވީ އަންހެނުންނަކީ ވަކި ކަހަލަ މަސައްކަތްތަކެއް ނުވަތަ ވަކި މަސައްކަތްތަކެއް އެކަނި ކުރެވޭ ބައެއް ނޫން ކަމަށާއި އެ ވިސްނުން ބަދަލުކުރަން އެބަޖެހޭ ކަމަަށެވެ. އަދި ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށްވެސް ހުުރިހާ ދާއިރާއެއްގައި މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި ހުރިހާ ފަންނެއްގައި އަންހެނުންނަށް ހުނަރު ދެއްކޭނެ ކަމަށެވެ.

"ކަނބަލުންނަކީ ވަކި ދާއިރާއެއްގައި ސްޓީރިއޯޓައިޕްގެ މަސައްކަތް ކުރެވޭ ބައެއް ކަމަށް ގަބޫލުކުރާ ވިސްނުން އެބަޖެހޭ ދޫކޮށްލަން، ކަނބަލުންނަކީ ހުރިހާ މަސައްކަތެއްގައި ފައްކާ، ހުރިހާ ދާއިރާއެއްގައި އިސްނެގުމުގެ ހައްގު ފިރިހެނުންނެކޭ އެއްވަރަށް އޮތް ބައެއް ކަމަށް އަޅުގަނޑުމެންގެ ޒައާމަތުގައި ގަބޫލުކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަންހެނުންނަށް ދާއިރާތަކުގައި ކުރިއަށް ގޮސް މަސައްކަތް ކުރެވޭނީ އެމީހުންނަށް ހިތްވަރުދޭނެ ފިރިއެއް ހުރެގެން ކަމަށެވެ. އަދި އަންހެނުން ބާރުވެރި ކުރުވުމަށް ފަސްޓްލޭޑީ މެޑަމް ފާތުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ އެކަމަނާއަށް ޝުކުރު އަދާކުރެއްވި އެވެ.

"ކޮންމެ ކާމިޔާބު އަންހެނެއްގެ ފަހަތުގައި ކާމިޔާބު ހިތްވަރު ހުރި ހިއްވަރުދޭ ފިރިއަކު ވެސް ހުންނަންޖެހެއޭ،" ރައީސް ވިދާޅުވި އެވެ. "ކާމިޔާބު ފިރިއެއްގެ ފަހަތުގައިވެސް ވަރަށް ވަރުގަދަ އަންބެއް، އަންހެން ޝަހުސެއް ހުންނާނެ، ހަމައެގޮތަށް އަންހެނަކަށް އެ މަސައްކަތް ކުރެވެނީ ފިރިމީހާ އެކަމަށް ހިތްވަރުދޭތީ،"

ރައީސްގެ ވާހަކަފުޅުގައި ފިރިހެނުންގެ ބާރުގަދަ މުޖުތަމައުތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރައްވާ އަންހެނުންގެ ނަންތައް ފާހަގަކުރެއްވި އެވެ. އެގޮތުން ދުނިޔޭގެ އެންމެ ފުރަތަމަ ބޮޑު ވަޒީރުކން ކުރެއްވީ ރާއްޖެ ހިމެނޭ ސަރަހައްދުގެ އަންހެން ބޭފުޅަކުކަން ފާހަގަ ކުރެއްވި އެވެ.

އަންހެނުން ބާރުވެރި ކުރުވަން ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުގައި ހިމެނޭ 10 މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ އަންހެނުންނަށް ހެދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށެވެ. އަދި އެގޮތަށް ބަދަލުކޮށްފައިވަނީ އަމަލުކުރާނެ ގާނޫނެއް ނެތީސް ކަމަށާއި ވަކިގޮތަކަށް ކަމެއް ކުރުމަށް ކަނޑައެޅިފައި އޮތަސް އެކަމަކަށް އަމަލީ ސިފަ އަންނާނީ ހިތާއި ރޫހުން އެކަން ގަބޫލުކޮށް، އެކަން ބޭނުންވާ ނަމަ ކަމަށް ރައީސް ވިދާޅުވި އެވެ.

އަންހެނުން ބާރުވެރިކުރުވުމަށާއި ހައްގުތަކުގެ ދިފާއުގައި ނުކުންނާނެ އަންހެނުން ތައްޔާރު ކުރުމަށާއި އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޔާމީންނަށް ކެމްޕެއިންކޮށްދޭނެ އަންހެނުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދިޔަ އެ މަހާސިންތާގެ ބައިވެރިންނަށް ރައީސް ވިދާޅުވީ އެ މަހާސިންތާގައި ކަނބަލުން ކުރެއްވި މަސައްކަތްތަކަކީ ގައުމީ މަސައްކަތެއް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އަންހެނުން ބާރުވެރިކޮށް ކުރިއަރުވަން ކުރާ މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން ވެދެވެން އޮތް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.