ފިނިޕޭޖް

މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވިއަން އައިޑޮލް ޕޭޖުގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އޮޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަން އިއުލާނުކޮށްފަ އެވެ. އެހެން ނަމަވެސް އޮޑިޝަން ބާއްވާނެ ރަށްތަކެއް އަދި އިއުލާނެއް ނުކުރެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގެ އޮޑިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެމްއައި ޖަހާފައި ހުސްތަންކޮޅެއް ދޫކޮށްފައި ފުރިހަމަ ނަމާއި އުމުރު އަދި މިހާރު ދިރިއުޅޭ އެޑްރެސް ޖަހާފައި 300 އަށް ފޮނުވުމުން އޮޑިޝަންގައި ބައިވެރިވެވޭނެ އެވެ.

އައިޑޮލްގެ ތިން ވަނަ ސީޒަން ލޯންޗުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އައިޑޯލްގެ މި ސީޒަންގެ ޖަޖުންނާއި ޝޯ ހުށަހަޅާެ ޕްރެޒެންޓަރުންވެސް ވަނީ އިއުލާނުކޮށްފަ އެވެ.

އައިޑޮލްގެ ތިން ވަނަ ސީޒަންގެ ޖަޖުންނަނީ އައިޑޮލްގެ ފުރަތަމަ ދެ ސީޒަންގައިވެސް ޖަޖުކަން ކުރި މަރިޔަމް އުނޫޝާ، ފުރަތަމަ ސީޒަންގައި ޖަޖިން ޕެނަލުން ފެނުނު އަހްމަދު އިބްރާހިމް (އައްމަޑޭ)، މިދިޔަ ސީޒަންގައި ޖަޖުކަން ކުރި އިސްމާއިލް އައްފާން އަދި މުޅިން އަލަށް ޖަޖިން ޕެނަލަށް އިތުރުކުރި ޒާރާ މުޖުތަބާ އެވެ.

މި ސީޒަންގެ ޕްރެޒެންޓަރުންނަކީ މިދިޔަ ދެ ސީޒަންގައިވެސް އައިޑޮލް ހުށަހަޅައިދިން މޫސާ ވަސީމް އަދި ޝައިނާ ޝަރީފް އެވެ. ޝައިނާ އަކީ އާރްޖޭ އެއްގެ ގޮތުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޕްރެޒެންޓަރެކެވެ.

އަދި އައިޑޮލްގެ މި ސީޒަންގެ މިއުޒިކް ކޯޗެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ފުރަތަމަ ސީޒަންގައި މިއުޒިކް ކޯޗުކަން ކޮށްދިން މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އެވެ.

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ލައިޝާ ޖުނައިދު ކާމިޔާބު ކުރިއިރު ދެވަނަ ސީޒަން ކާމިޔާބުކޮށްފައިވަނީ މުހައްމަދު ތަސްނީމް (ބޮބް) އެވެ. އައިޑިލްގެ މި ސީޒަންގެވެސް ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. ސްޕޮންސަރުންނާއި ޕާޓްނަރުން ހޯދަންވެސް މިހާރުވަނީ އިއުލާނުކޮށްފަ އެވެ.