ހަބަރު

ކުޅުދުއްފުށީ މަގުގެ މައްސަލާގައި އެމްއާރްޑީސީގެ ފާޑުކިޔުން ކައުންސިލަށް

ހދ. ކުޅުދުއްފުށީގައި މަގު ހެދުން ހުއްޓިފައިވާ މައްސަލައިގައި ކައުންސިލުން ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީން)އިން އެ ރަށު ކައުންސިލަށް މިއަދު ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އެމްއާރްޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި އެކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަހްމަދު މަމްދޫހު ވިދާޅުވީ އެ މަޝްރޫއާ ގުޅޭގޮތުން ކުޅުދުއްފުށީ ކައުންސިލުން ރަސްމީ އެއްވެސް ސިފައެއްގައި އެކުންފުންޏާއި މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.

"އެރަށުގެ މަގު ތާރުއެޅުމުގެ މަސައްކަތް ހުއްޓުނީމައި ކައުންސިލުންވާނެ ދެއްތޯ އަޅުގަނޑުމެންނާވެސް މަޝްވަރާކޮށްލަން، އެގޭ ބަދަލުގައި އެކިގޮތްގޮތަށް ދެއްތޯ މިވާހަކަދައްކަނީ، މިމައްސަލައިގައި ޙައްލު ހޯދަން އުޅޭތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ، އެގޭ ބަދަލު މައްސަލަ އުފެއްދޭގޮތަށް މިވާހަކަތައް ދެކެނީ މިކަންތައްތައް ކުރިއަށްގެންދެވެނީ އެންމެން އެއްބާރުލުންދީގެން، ކަމެއް ފެށުނީމައި ވާހަކަ ދެއްކެނީވެސް، ހަޖޫ ޖެހޭނީވެސް، ނުފެށި އޮތަކަސް އަދި ވާހަކަ އެއް ނުދެއްކޭނެ ، މި ސަރުކާރުން މިވަނީ ކުޅުދުއްފުށީގެ ހާލަތު ބައްދަލުކޮށްދީފައި، ކުޅުދުއްފުށީގެ އަޑު މުޅި ރާއްޖެއަށް ފަތުރާލައިދީފައި" މަމްދޫހު ވިދާޅުވި އެވެ.

މަމްދޫހު ވިދާޅުވީ އެ މަސައްކަތް ހުއްޓުނީން ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށާއި އަދި އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށެވެ. އެ މަޝްރޫއާ ގުޅޭގޮތުން މިހާރު ދެކެވެމުންދާ ވާހަކައަކީ ހަގީގަތް އޮޅުވާލާ، ސަރުކާރާއިމެދު ރައްޔިތުން ހިތުގައި ޝައްކު އުފެއްދުމަށް ފަތުރަމުންދާ ވާހަކަތަކެއްކަމަށެވެ.

މަމްދޫހު ވިދާޅުވީ އެފަދަ ޕްރޮޖެކްޓުތައް ސަބް ކޮންޓްރެކްޓަރަކާއެކު ކުރިއަށް ގެންދާއިރު ހިޔާލު ތަފާތުވުންތަކާއި އަދިވެސް އިތުރު މައްސަލަތައް ދިމާވާނެ ކަން ރައްޔިތުން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"މިކަމާއި ގުޅިގެން އެރަށުގައި މަސައްކަތް ކުރާ މީހުން ބޭލި ކަމަށް އެބަ ވާހަކަދައްކާ، އަދި މެޝިނަރީސްތައް ބޭލުވި ވާހަކައަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން،" މަމްދޫހު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ތާރު އެޅުމަށް ނިންމާފައިވަނީ 18 މަގެއްގަ އެވެ. އޭގެ ތެރެއިން އަދި ތާރު އަޅާފައިވަނީ މަދު މަގެއްގަ އެވެ. ތާރު އެޅި މަގުތައް ވެސް އެއްކޮށް ނިމިފައެއް ނުވެ އެވެ.

ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއަކީ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި 2010 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބޮޑު މަގު ކަމަށްވާ އަމީނީ މަގުގައި ތާރު އަޅާ ނިންމާފައިވަނީ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެެހެން މަގުތަކުގެ މަސައްކަތް ވެސް އޭރު ފެށި ނަމަވެސް މަސައްކަތް ކުރިއަށް ނުގޮސް އޮވެ، ބާރު ސްޕީޑްގައި މަސައްކަތް ފަށައިގަތީ މި އަހަރުގެ މެދެއްހާތާ އެވެ.